ޙޫރުލްޢީނުން (އެގާރަވަނަބައި) – ޖަންނަތުގެ އަހުލުވެރީންގެ ދާއިމަށް އިތުރުވަމުންދާ ރީތިކަން (1)
عن أنس رضي الله عنه أن رسول الله صلى الله عليه وسلم قال: “إن في الجنة سوقاً يأتونها كل جمعة. فتهب ريح الشمال، فتحثوا في وجوههم وثيابهم، فيزدادون حسناً وجمالاً فيرجعون إلى أهليهم، وقد ازدادوا حسناً وجمالاً، فيقول لهم أهلوهم: والله لقد ازددتم حسناً وجمالاً! فيقولون: وأنتم والله لقد ازددتم بعدنا حسناً وجمالاً!” ((رواه مسلم – ރިޔާޟުއްޞާލިޙީން 1889)).
މާނަ ” އަނަސް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ. “ހަމަކަށަވަރުން، ޖަންނަތުގައި ބާޒާރެއްވެއެވެ. އެތަނުގެ އަހުލުވެރީން ކޮންމެ ހުކުރުދުވަހަކު، އެތަނަށް ޒިޔާރަތްކުރާނެއެވެ. އެހިނދު، އުތުރު ވައިރޯޅިއެއް އައިސް އެމީހުންގެ މޫނުތަކާއި ހެދުންތަކުގައި ބީހިލާނެއެވެ. ދެން އެމީހުންގެ ރީތިކަމާއި ރިވެތިކަން އިތުރުވެގެންދާނެއެވެ. ދެން ކުރީގައިހުރި ރީތިކަމަށްވުރެ އިތުރަށް ރީތިވެފައިވާ ޙާލު އެމީހުންގެ އަނބީގެން ގާތަށް އަނބުރާދާނެއެވެ. އެހިނދު އެއަނބިން ބުނާނެތެވެ. “ﷲ ގަންދީ ބުނަމެވެ. ތިޔަބައިމީހުންގެ ރީތިކަން އިހަށްވުރެ ރީތިވެ އިތުރުވެއްޖެއެވެ.” އަދި އެމީހުންގެ އަނބީންގެ ގާތުގައި ބުނާނެއެވެ. ” ﷲ ގަންދީ ބުނަމެވެ. އަދި ތިޔަ ކަނބަލުންވެސް އަހަރެމެން ދިއުމަށްފަހު، ކުރިއަށްވުރެ ރީތިކަން އިތުރުވެއްޖެއެވެ.”
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު، ސަޢީދު ބިން އަލްމުސައްޔިބު ރަޟިޔަﷲ ޢަންހުއަށް ވިދާޅުވިއެވެ. “ޖަންނަތުގައިވާ ބާޒާރުގައި ތިބާއާއި އަހަރެން ބައްދަލުކުރެއްވުމަށް އެދި ﷲ ތަޢާލާއަށް ދުޢާކުރާށެވެ.” ދެން އެކަލޭގެފަނު ޙަދީޘް ޛިކުރު ކުރެއްވިއެވެ. “(ޖަންނަތުގެ އަހުލުވެރީން އެ ބާޒާރުގައި) އެހެންތިއްބާ، ވިލާގަނޑެއް އައިސް އެމީހުން ފޮރުވާލާނެއެވެ. އަދި އެއިގެ ކުރިން ދުވަހަކުވެސް އެމީހުންނަށް އެނގިފައިނުވާ ހުވަނދެއްގެ ވާރޭ ވެހޭނެއެވެ. ދެން އަހަރުމެންގެ ވެރި ރައްބު، އެމީހުންނަށް ވަޙީކުރައްވާނެއެވެ. ” ތިމަން އިލާހު ތިޔަބައިމީހުންނަށް ތައްޔާރުކުރައްވާފައިވާ ޝަރަފާއި ނިޢުމަތްތަކަށް ތިޔަބައިމީހުން ތެދުވާށެވެ. އަދި ތިޔަބައިމީހުން ބޭނުންވާ ކޮންމެ އެއްޗެއް ނަގާށެވެ.” ދެން އެމީހުންނަށް ފެންނާނީ، އެއިގެ ވަށައިގެން މަލާއިކަތުންވާ ބާޒާރެކެވެ. އެބާޒާރުގައި އެއިގެ ކުރިން ދުވަހަކުވެސް ލޮލަށް ފެނިގެންނުވާ، އަދި ކަންފަތަކުން އަޑުއަހާފައިނުވާ، އަދި ޚިޔާލަށްވެސް ގެނެވިފައިނުވާ ތަކެތިވެއެވެ. ދެން އެއްވެސް ގަނެވިއްކުމެއްނެތި، އެމީހުން އެދޭ އެއްޗެއް ހިފައިގެން، އެމީހުން ދާނެއެވެ. ޖަންނަތުގެ އަހުލުވެރީން، އެއްބަޔަކު އަނެއްބަޔަކާއި ބައްދަލު ކުރާނީ އެ ބާޒާރުގައެވެ. ރީތި ސޫރައެއް ލިބިގެންވާ ރީތި ފޭރާން ލިބިގެންވާ މީހަކު އެއަށްވުރެ ރީތިކަން ކުޑަ މީހަކާއި ބައްދަލުވާނެއެވެ. އަދި އެތަނުގައި އެއްވެސް މީހަކަށް ހުތުރު ޞިފައެއް ލިބިގެނެއްނުވެއެވެ. ދެން ދެވަނަ މީހާ، އޭނާގެ ހެދުމާއި، ޞިފަ ފެނުމުން، އަޖައިބުވެ، އޭނާއަށް އެ ކަމުދާނެއެވެ. ދެން އެދެމީހުން ވާހަކަދައްކާ ނުނިމެނީސް، ދެވަނަ މީހާ ފުރަތަމަ މީހާއަށްވުރެ، ރީތިވެގެންދާނެއެވެ. އެހެނީ، ޖަންނަތުގައި އެއްވެސް މީހަކު ހިތާމަވެރިވެ، ހިތްހަމަނުޖެހުމަކީ، އެކަށީގެންވާ ކަމެއް ނޫނެވެ. ދެން އެއަށްފަހު، އަހަރެމެން، އަހަރެމެންގެ ގެތަކަށް، އަނބީންގެ ގާތަށް ދާނެއެވެ. ދެން އެމީހުން އަހަރެމެންނާއި ބައްދަލުކުރާނީ، މަރުޙަބާ ކިޔަމުން ބުނަމުންނެވެ. ” ކަށަވަރުންވެސް، ތިޔަބައިމީހުން އެނބުރި ތިޔައީ، އަހަރެމެން ދޫކޮށްފައި ދިޔައިރު ހުރި ރީތިކަމަށްވުރެ، އިތުރަށް ރީތިވެގެންވާ ޙާލުގައެވެ.” ދެން އޭނާ ބުނާނެއެވެ. “އަހަރެމެން މިއަދު އަހަރެމެންގެ ވެރި ރައްބު އާއެކު މަޖިލިސްކުރީމެވެ. އެހެންކަމުން، މިފަދަ ބަދަލެއް އަހަރެމެންނަށް އައުމަކީ ޙައްޤުވެގެންވާ ކަމެކެވެ.
[رواه الترمذي وابن ابي الدنيا وقال الترمذي رحمه الله: غريب لا يعرف إلا من هذا الوجه – الترمذي بتحقيق أحمد شاكر:656/4 – وصححه ابن حبان رحمه الله – الإحسان: 246/9 – وقال المنذري رحمه الله: عبد الرحمن هو كاتب الأوزاعي مختلف فيه كما سيأتي وبقيه رواة الإسناد ثقات وقد ررواه ابن ابي النيا عن هقل بن زياد الأوزاعي واسمه محمد و قيل عبد الله وهو ثقة ثبت احتج به مسلم وغيره وقال النسائى: ليس بالقوي ووثقه أحمد وأبوحاتم – الترغيب: 541/4 ]
(ނުނިމޭ)
