ދީން

ރޯދައިގެ ރުކުންތައް

ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި ރޯދައިގެ ޙަޤީޤަތް ބިނާވެގެންވަނީ ދެރުކުނެއްގެ މައްޗަށެވެ. އެއީ ނިޔަތްގަތުމާ ފަޖުރުލީއްސުރެ އިރުއޮއްސިއްޖައުމަށް ދާންދެން ރޯދަ ގެއްލޭ އެންމެހާ ކަމަކުން އެއްކިބާވެހުރުމެވެ.

1. ނިޔަތްގަތުން.

سورة البينة 5 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّـهَ مُخْلِصِينَ لَهُ الدِّينَ މާނައީ: “އަޅުކަން މާތްﷲއަށް ޚާލިޞްކުރާ ޙާލު، އެކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ މީސްތަކުންނަށް އަމުރުކުރެވިގެން ނުވެއެވެ.” ފަހެ އަޅުކަން މާތްﷲއަށް ޚާލިޞްކުރެވޭނީ އެއަޅުކަމެއްގެ ނިޔަތުންނެވެ. މާތްﷲ ރުއްސުންލެއްވި ޢުމަރުގެފާނުގެ ކިބައިން ރިވާވެގެންވާ ހަދީޘެއްގެ މާނައިގައިވެއެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން ޢަމަލުތައް ޞައްޙަވެގެންވަނީ ނިޔަތްތަކަކުންނެވެ. އަދި ކޮންމެ މީހަކަށްމެވަނީ އޭނާ ނިޔަތްގަތް ކަމެކެވެ”. ދެންފަހެ ނިޔަތަކީ ހިތުގެ ޢަމަލެކެވެ. ދުލުން ކިޔޭ ކިޔުމެއްނޫނެވެ. އެއީ ކަމެއް ކުރުމަށް ގަސްތުކުރުމެވެ. ދީނީ ޢަމަލަކަށް ނިޔަތްގަތުމަކީ  ދެއްކުންތެރިކަމުގެ އެންމެހާ ޝުޢޫރުތަކެއް ހިތުން ފޮހެލައި، އެޢަމަލު ޚާލިޞްގޮތުގައި ﷲއަށްޓަކައި އަދާކުރުމަށް ގަސްތުކުރުމެވެ. ފަހެ ދުލުން ނިޔަތް ކިޔުމަކީ ޝަރީޢަތުން އެއްގޮތަކަށްވެސް ޘާބިތުވާ ކަމެއް ނޫނެވެ. އަދި ނިޔަތުގެ ގޮތުގައި ކިޔާނެ ވަކިޚާއްޞަ ލަފުޒެއްވެސް ޝަރީޢަތުގައި ވާރިދުވެގެން އައިސްފައެއްނުވެއެވެ. ރޯދައަށް ހުރުމުގެ ގަސްތުގައި ރޭގަނޑު ހަރުކައިފި މީހާ ނިޔަތްގަނެފިއެވެ. އަދި ހާރުނުކެއަސް ރޯދަގެއްލޭ ހުރިހާ ކަމަކުން ދުވާލު ދުރުވެ ހުރުމަށް ގަސްތުކޮށްފި މީހާ ނިޔަތްގަނެފިއެވެ. ނިޔަތްގަތުމަކީ އުނދަގޫ ކަމެއްނޫނެވެ. އަދި ނިޔަތުގެ ގޮތުން ވަކި ޚާއްޞަ ޢިބާރާތެއް ހިތަށް އެރުވުންވެސް ޝަރުޢުވެގެން ނުވެއެވެ. އަޅުކަމުގެ މަޤުޞަދު ޙާޞިލުވާ ގޮތަށް އެކަންކުރުމަށް ގަސްތުކުރުމުން އެރުކުން ޙާޞިލުވީއެވެ.

ނިޔަތުގައި ޝަރުތުވެގެންވާ 3 ކަމެއްވެއެވެ. އެއީ:

ރޭގަނޑުގެ ވަގުތެއްގައި ނިޔަތްގަތުން

ފަތިސްވުމުގެ ކުރިން ރޭގަނޑުގެ ކޮންމެވަގުތެއްގައި ނިޔަތްގަތަސް ފުދޭނެއެވެ. މާތްﷲ ރުއްސުންލެއްވި ޙަފްސާގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. “ފަތިސްވުމުގެ ކުރިން، ރޭގަނޑު ރޯދައަށް ނިޔަތްނުގެންފި މީހާ ދަންނައެވެ. ފަހެ އޭނާގެ ރޯދަ ޞައްޙައެއް ނުވާނެއެވެ.” މިއީ ފަރުޟުރޯދައިގެ ވާހަކައެވެ. އެހެންނަމަވެސް ސުންނަތްރޯދައަަށް ފަތިސްފަހުން، ރޯދަގެއްލޭ އެއްވެސް ކަމެއް ނުކޮށްހުރި ޙާލު، ދުވާލު ނިޔަތްގަތަސް ފުދޭނެއެވެ. މާތްﷲ ރުއްސުންލެއްވި އާއިޝަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. އެއްދުވަހަކު ތިމަންކަމަނާގެ އަރިހަށް ރަސޫލާ ﷺ ވަޑައިގެން ވިދާޅުވިއެވެ. “ކަނބުލޭގެ އަތްޕުޅުގައި ކާއެއްޗެއް އެބަހުރި ހެއްޔެވެ؟ ތިމަންކަމަނާ ދެންނެވީމެވެ. ނޫނެކެވެ! އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. އެހެންވިޔާ ތިމަންކަލޭގެފާނު މިހުންނެވީ ރޯދައަށެވެ.”

ގިނައިލްމުވެރިން ވިދާޅުވާ ގޮތުގައި ސުންނަތްރޯދައަށް ދުވާލު ނިޔަތްގަންނަކަމުގައި ވާނަމަ، މެންދުރުނަމާދުގެ ކުރިން ނިޔަތްގަތުން ޝަރުޢުވެގެންވެއެވެ. އަދި އިމާމު އަޙުމަދު رحمه الله ވިދާޅުވެފައިވަނީ ދުވާލުގެ ކޮންމެ ވަގުތެއްގައި ނިޔަތްގަތަސް ފުދޭނެކަމަށެވެ. ފަހެ މިކަމާ ބެހޭގޮތުން އެއްވެސް ޞަރީޙަ ދަލީލެއް ވާރިދުވެގެން އައިސްފައެއް ނުވެއެވެ. އިސްވެދިޔަ ރިވާޔަތުން ޢާއިޝަތުގެފާނުގެ އަރިހަށް ރަސޫލާ ﷺ ހެނދުނު ވަޑައިގަތްކަމަށް ބުރަވެވެއެވެ.

ރޯދައިގެ ބާވަތް ކަނޑައެޅުން

ރޯދައިގެ އެތައްބާވަތެއްވެއެވެ. އޭގެތެރޭގައި ރަމަޟާންމަހު ރޯދައާއި ކައްފާރާގެ ރޯދައާއި ނަދުރުގެ ރޯދައާއި އަދި ސުންނަތް ރޯދަ ހިމެނެއެވެ. ރަސޫލާ ﷺ ހަދީޘް ކުރެއްވިއެވެ. “ހަމަކަށަވަރުން ޢަމަލުތައް ޞައްޙަވެގެންވަނީ ނިޔަތްތަކަކުންނެވެ. އަދި ކޮންމެ މީހަކަށްމެވަނީ އޭނާ ނިޔަތްގަތް ކަމެކެވެ.”

ނިޔަތް ތަކުރާރުކުރުން

އެބަހީ ކޮންމެރޯދައަކަށް ވަކިން ނިޔަތްގަތުމެވެ. ގިނަޢިލްމުވެރިން ވިދާޅުވާ ގޮތުގައި ރަމަޟާންމަހުގެ ކޮންމެރޯދައަކަށް ވަކިން ނިޔަތްގަންނަން ޖެހޭނެއެވެ. މުޅި ރަމަޟާންމަހަށް އެއްނިޔަތަކުން ނުފުދޭނެއެވެ. އިމާމު މާލިކު رحمه الله ވިދާޅުވެފައިވަނީ މުޅި ރަމަޟާންމަހަށް އެއްނިޔަތުން ފުދޭނެ ކަމަށެވެ. އެހެންނަމަވެސް ޝަރުޢީ ޢުޛުރަކާހުރެ، ރޯދަ މެދުކެނޑިއްޖެނަމަ އަލުން ނިޔަތް އާކުރަންޖެހޭނެ ކަމަށެވެ. އަދި މިބަޔާންވެދިޔަ ދެގޮތަށް އިމާމު އަޙުމަދު رحمه الله ގެ އަރިހުން ރިވާވެގެންވެއެވެ. މިދެރައުޔުގެ ދަލީލަކީވެސް ބުއްދީގެ ދަލީލެކެވެ. ޖުމްހޫރު ޢިލްމުވެރިން ދެކިވަޑައިގަންނަވާ ގޮތުގައި ރަމަޟާންމަހުގެ ކޮންމެ ރޯދައަކީ ވަކި
އަޅުކަމެކެވެ. އެހެންކަމުން ކޮންމެ ރޯދައަކަށް ވަކިން ނިޔަތްގަންނަން ޖެހޭނެއެވެ. އަދި މުޅި ރަމަޟާންމަހަށް އެއްނިޔަތުން ފުދޭނެކަމަށް ވިދާޅުވާ ބޭކަލުން ދެކިވަޑައިގަންނަވާ ގޮތުގައި ނަމާދު ފަދައިން މުޅި ރޯދަމަހަކީ އެއްއަޅުކަމެވެ. އެހެންކަމުން އެއްނިޔަތުން ފުދޭނެއެވެ.

2. ފަޖުރުލީއްސުރެ އިރުއޮއްސިއްޖައުމަށް ދާންދެން ރޯދަ ގެއްލޭ އެންމެހާ ކަމަކުން އެއްކިބާވެހުރުން

މާތްﷲ ވަހީކުރައްވާފައިވެއެވެ. ” وَكُلُوا وَاشْرَبُوا حَتَّىٰ يَتَبَيَّنَ لَكُمُ الْخَيْطُ الْأَبْيَضُ مِنَ الْخَيْطِ الْأَسْوَدِ مِنَ الْفَجْرِ ۖ ثُمَّ أَتِمُّوا الصِّيَامَ إِلَى اللَّيْلِ” (البقرة 187) މާނައީ: :ރޭގަނޑުގެ އަނދިރިކަމުން ފަޖުރުގެ އަލިކަން ފާޅުވެއްޖައުމަށްދާންދެން ތިޔަބައިމީހުން ކައިބޮއި ހަދާށެވެ. ދެން ރޭގަނޑާ ހަމައަށް (އެބަހީ އިރުއޮއްސުމާ ހަމައަށް) ތިޔަބައިމީހުން ރޯދަ ފުރިހަމަކުރާށެވެ.”

ޝައިޚް މުޙައްމަދު އިބްރާހީމް (ނައިފަރު) ލިޔުއްވާފައިވާ ކިޠާބުއް ޞިޔާމް “ރޯދައިގެ ޙުކުމްތައް” މިފޮތުން ނަގާފައި

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close