ދީން

ކުޑަކުދިންގެ ވާހަކަ: މަންމަގެ ނަޞޭޙަތް

އުމުރުން އަށް އަހަރުގެ ޔުމާންއަކީ ވަރަށް ބަސްއަހާ އަޚްލާޤު ރަނގަޅު ކުއްޖެކެވެ. ޔުމާންގެ އުމުރުން ތިން އަހަރުގައި ޔުމާންގެ ބައްޕަ ނިޔާވުމާއި ގުޅިގެން ޔުމާން ދިރިއުޅެމުން ދަނީ މަންމައާއެކު ވަރަށް އެކަނިވެރިކޮށެވެ. ނަމަވެސް ޔުމާންގެ މަންމަ ޔުމާންއަށް އިސްލާމީ ރިވެތި އާދަތައް ދަސްކޮށްދެމުން ދެއެވެ. އެހެންކަމުން ޔުމާންއަކީ އެހާ ކުޑައިރުވެސް އެހެން ކުދިންނަށް ހެޔޮކަންތައް ކުރުމަށް ނަޞޭޙަތްތެރިވާ ކުއްޖެކެވެ. ކުއްޖަކު ގޯސްކޮށް ކަމެއް ކޮށްފިނަމަ އެކަން ރަނގަޅު ކުރުމަށް ޔުމާން ނަޞޭޙަތްދެއެވެ.

“ދަރިފުޅާ ޔުމާން. އާދޭ ކާން.” ޔުމާންގެ މަންމަ ކާންގޮވާލުމާއެކު މުޞްޙަފް ކަބަޑުތެރެއަށް ލުމަށްފަހު އަވަހަށް ކާން ދިޔައެވެ. އޭރު ޔުމާންގެ މަންމަ އިނީ ކާން އިށީނދެއެވެ.

“މަންމާ. އަޅުގަނޑަށް މިއަދު ކިޔައިދީބަލަ ރަނގަޅު އެކުވެރިންނާ ގޯސް އެކުވެރިންގެ ވާހަކަ.” ތަށި ހިފައިގެން ކާމޭޒު ކައިރިއަށް ހުއްޓެމުން ޔުމާން ބުނެލިއެވެ.  

ގުޅުންހުރި ލިޔުންތައް

“ހެހެ. މަންމަ މިއަދު ތިވާހަކަ ކިޔައިދޭށޭ މިއުޅެނީ. ދަރިފުޅަށް އެނގޭތަ ގޯސް އެކުވެރިން ޚިޔާރު ކުރުމަކީ ދަރިފުޅުވެސް ގޯސް ވެދާނެ ކަމެއް. އެކަމަކު އެކުދިންނަށްވެސް ނަޞޭޙަތްތެރިވާން ވާނެއްނު ދޯ. އެކުދިން އެހެން އުޅެން ދޫކޮށްލީމަ އެކުދިން އަނެއްކާ އެހެންކުދިންނަށްވެސް ގޯސް މަގު ދައްކާނެއްނު. މަންމަ ކައިރީ ބުނައްޗޭ ބަސްނާހާ ކުއްޖެއް ފެނިއްޖެއްޔާ. އޭރަށް މަންމަ ބުނެދޭނަން އެކުއްޖާއަށް ނަޞޭޙަތްތެރި ވާނެ ގޮތް.” ހިނިތުންވުމާއެކު ޔުމާންގެ މަންމަ ވާހަކަދެއްކިއެވެ. “ދަރިފުޅު މަންމައަށް ބުނެދޭންވީނު ރަނގަޅު އެކުވެރިންގެ ހުންނާނެ ޞިފަތައް؟ ދަރިފުޅަށް އެނގޭ ޞިފަތައް.”

“އެކުދިން މަންމަގެ ބަސްއަހާނެ. ﷲއާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްދެކެ ލޯބިވާނެ. ހެޔޮ ނަޞޭޙަތްދޭނެ. ގޯސް ކަންކަން ކުރުމަށް ހިތްވަރު ނުދޭނެ. ސިއްރުން ކަންތައްތައް ނުކުރާނެ ދޯ މަންމާ.” ޔުމާން ވިސްނާލަމުން ބުނެލިއެވެ.

“ލައްބަ ދަރިފުޅާ. ތި ކިޔައިދިނީ ވަރަށް މުހިންމު ޞިފަތައް. އަދިވެސް ހުންނާނެ ބައިވަރު ޞިފަތައް. މަންމަ ކިޔައިދޭނަން އިނގޭ. ހެޔޮ އެކުވެރިންގެ ވަރަށް ޚާއްޞަ ޞިފައެއް އެއީ މަޢާފަށް އެދުމާއި މަޢާފު ޤަބޫލުކުރުން. ކުއްޖަކަށް ހިތާމަވެރިކަމެއް ދިމާވާ ވަގުތުވެސް އުފާވާ ވަގުތުވެސް އެކުވެރިޔާ އެކީގާވާނެ. އަދި ވަރަށް މުހިންމު ޞިފައެއް އެއީ އެކުއްޖަކަށް ރަނގަޅު ކަމެއް ވުމަށް އެދޭ ފަދައިން އެކުވެރިޔާއަށް ވެސް ރަނގަޅު ކަންތައް ވުމަށް އެދުން. އަދި އެކުވެރިޔާއަށްޓަކައި ހެޔޮ ދުޢާ ކޮށްދިނުން ވެސް.” ޔުމާންގެ މަންމަ ޖޯޝާއެކު އެވާހަކަތައް ކިޔައިދިން އިރު ޔުމާން އޭގެއިން ކޮންމެ ނުކުތާއެއްވެސް އޭނާގެ ހިތުގައި ރައްކާކުރަމުން ދިޔައެވެ.

“ދެން ގޯސް އެކުވެރިންގެ ޞިފަތަކަކީ އޭގެ އިދިކޮޅު ޞިފަތައް ދޯ. އަޅުގަނޑު ކިޔައިދެންތަ؟ ކުދިންނާ ހަޑިބަހުން ވާހަކަދައްކާނީ. މީހުންނަށް އިޙްތިރާމް ނުކުރާނެ. ވާހަކަދައްކާއިރު ދޮގުހަދާ އޮޅުވާލާނެ. ދެންން..” ޔުމާން ވިސްނަން ފެށިއެވެ.

“ހެހެ. ދެން ދޫނިގެ މަންމައަށޯ. ކުދިންގެ ކިބައިން ބަދަލު ހިފާނެ. މަންމަގެ ބަސްނާހާނެ. ނުބައި ނަޞޭޙަތް ދޭނެ. ގޯސް ކަންތައް ކުރުމަށް އެދޭނެ.” ޔުމާންގެ މަންމަ އެއްލޯ މަރާލަމުން ފޯރިއާއެކު ވާހަކަދެއްކިއެވެ.

“އަދި މަންމަ ކިޔައިދޭނަން ދަރިފުޅު މާނަ ދަސްކުރި އާޔަތެއް. މަންމަ އާޔަތް ކީމަ ދަރިފުޅު މާނަ ކިޔާލައްޗޭ. މިއީ ފުރުޤާން ސޫރަތުގެ 28ވަނަ އާޔަތް. )يٰوَيْلَتٰى لَيْتَنِيْ لَمْ اَتَّخِذْ فُلَانًا خَلِيْلًا) (ސޫރަތުލް ފުރްޤާން،28)” ޔުމާންގެ މަންމަ އާޔަތް ކިޔާލިއެވެ.

“އާޔަތުގެ މާނަ: އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ. ސަހަރޯއެވެ. ތިމަން އެވެނި މިވެނި މީހަކު އެކުވެރިއަކު ކަމުގައި ބަލައިނުގަތްނަމަ، ކިހާ ރަނގަޅުވީސް ހެއްޔެވެ.” ޔުމާން ވަގުތުން އުފާވެފައި އިނދެ މާނަ ކިޔާލިއެވެ.

“އެހެންވީމަ މިއާޔަތުން އިނގެނީ ގޯސް އެކުވެރިން ގެންގުޅުނީމަ އާޚިރަތުގައި އެކަމުގެ ހިތާމަ ކުރަން ޖެހޭކަން ދޯ.” ޔުމާންގެ މަންމަ ވިސްނައިދޭފަދަ ގޮތަކަށް ބުނެލިއެވެ. އެވާހަކައަށް ޔުމާން ބޯޖަހާލިއެވެ. އެދުވަހު ޔުމާން ރަނގަޅު އެކުވެރިއެއް ހޯދުމަށް ޢަޒުމު ކަނޑައެޅިއެވެ.

)ލިޔުނީ: އާޔާ(

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close