ކުޑަކުދިންވާހަކަ

ރުޅި (ކުޑަކުދިންގެ ވާހަކަ) 59

އަހްމަދަކީ ކަންކަމާއި ނިކަން އަވަހަށް ރުޅިއަންނަ ކުއްޖެކެވެ. ބައެއް ފަހަރު އޭނާ އަމިއްލަ އަށް ކުރެވޭ ކަންކަމާއި ވެސް ރުޅިގަދަވެގެން އުޅެދާނެއެވެ. ރުޅިއަންނަ ދުވަހަކު ދެން މީހަކާއި ވާހަކަ ދައްކާކަށް ނޫޅޭނެއެވެ. ކޮޓަރީގައި އެކަނި މާ އެކަނ އެތައް އިރަކު އިނދެދާނެއެވެ. އަހަމަދުގެ މި އާދަ ރަނގަޅު ކުރުމަށް އޭނާގެ މަންމަ ހަސީނާ ވަރަށް މަސައްކަތް ކުރެއެވެ. އެހެނަސް އަހްމަދު މަންމަގެ ބަސްއަހަނީ މަދު ފަހަރަކުއެވެ. އެއްދުވަހަކު އަހްމަދުގެ ކުލާހުން ޕިކުނިކު ދަތުރެއް ރޭވިއެވެ. ދަތުރުގައި ބައިވެރިވީ ކުލާހުގެ މުދައްރިސާއި ދެތިން ބެލެނިވެރިންނެވެ. އެއީ އެހާ ގިނަ ކުދިން ތިބޭ ކުލާހެއް ނޫނެވެ. ކުލާހުގެ ބައެއް ކުދިން ދަތުރުގައި ބައިވެރިއެއް ނުވިއެވެ. އެއީ ކުޑަކޮށް ކަނޑުގަދަވުމުންނެވެ. ޖުމުލަ 12 މީހުންނާއެކު ފުރި ލާންޗު ގޮސް ވަނީ އެރަށާއި ކައިރީގައި އޮންނަ ފަޅުރަށަކަށެވެ. ދަތުރުގެ ފޯރީގައި ކުދިންތައް ބޯޅަ ކުޅެން ދޮންވެލިގަނޑުމަތީ އުޅުނެވެ. ކުލާސް މުދައްރިސާއި ބެލެނިވެރިން އުޅުނީ ކެއްކުމުގެ ކަންކަމާއިގެންނެވެ. ފޯރީގައި ކުޅެން އުޅެނިކޮށް އަހްމަދު ވެއްޓުނެވެ. ވެއްޓުނީ ގާގަނޑެއްގައި އަޅައިގެންފައެވެ. އެވަގަތު ބައެއް ކުދިންނަށް ހެވުނެވެ. އަހްމަދު ހީކުރީ އެތަނުން ކުއްޖަކު އޭނާގެ ފައިގައިއަޅުވާފަ ވައްޓާލީކަމަށެވެ. އެކަމާ އޭނާ ކުއްލިއަކަށް ރުޅިއައިސްގެން ކުޅުން ހުއްޓާލިއެވެ. ދެން މަޑުމަޑުން ކުދިންތަކާއި ދުރަށް ދިޔައެވެ.

މެންދުރުވީއެވެ. ކުދިންތައް ކުޅެ ނިންމާލުމަށްފަހު މޫދަށް އެރި ކާންވެގެން ދިޔައެވެ. މުދައްރިސް ހުރިހާ ކުދިން ހަމަތޯ ބެލިއެވެ. “ކޮބާ އަހްމަދު؟” ހުރިހާ ކުދިން އެއްކުއްޖަކު އަނެއް ކުއްޖެއްގެ މޫނަށް ބަލާލިއެވެ. އަދި ނޭނގޭ ކަމަށް ބުންޏެވެ.

ކަންތައް ވީ ގޮތް ކިޔައިދީ އަހްމަދު ނައިގެން ލަސްވުމުންނެވެ. ކުދިން ތިބީ އެވާހަކަ ކިޔައިދޭން ޖެހިލުންވެފައެވެ. އެކަމުގައި އަހްމަދު އެކުދިން ކުށްވެރިކޮށްފާނެތީއެވެ. ކުދިންތައް ދޮނޑުދޮށުގައި މަޑުކުރުމަށް ބުނުމަށްފަހު ބެލެނިވެރިންނާއި އެކު މުދައްރިސް އަހްމަދު ހޯދުމަށް ދުއްވައިގަތެވެ. މުޅިރަށް ކުޑަކުރިއިރުވެސް އަހްމަދުގެ ޚަބަރެއް ނުވިއެވެ. އަހްމަދު ގެއްލުނު ވާހަކަ ޕޮލިހުންނަށް ރިޕޯޓްކޮށްފިއެވެ. އެރަށުގެ ޕޮލިހުންނާއި އަހްމަދުގެ އާއިލާ މީހުން އޭނާ ހޯދުމުގެ މަސައްކަތުގައި އުޅުނެވެ. އަހްމަދު ފެނުނީ އިރުއޮއްސެން ކައިރިވެފައި ވަނިކޮށް ވަލުތެރޭގައި ހުރި ބޮޑު ވަޅުގަނޑެއްގެ ތެރެއަށް ވެއްޓިފައި އޮތްވައެވެ.  އަހްމަދު އޮތީ ހޭނެތިފައެވެ.

ގުޅުންހުރި ލިޔުންތައް

ވާހަކައިގެ އިބްރަތް: ރުޅިއަކީ ތިމާގެ ދުޝްމިނެއްކަން ހަނދާންކުރާށެވެ.

ވާހަކަ ކިޔުމަށްފަހު ސުވާލުތަކަށް ޖަވާބު ދީ!

(ހ) އަހްމަދަކީ ކޮން ކަހަލަ މިޖާޒެއްގެ ކުއްޖެއް؟

(ށ) ދަތުރުގޮސް އުޅުމުގެ ތެރޭގައި އަހްމަދު ރުޅިއަކީ ކޮންކަމަކާ؟

(ނ) އަހަމްދާއި އެކު ކުޅުން އުނުޅުއިރު ކަންތައްވީ ގޮތުގެ ވާހަކަ ކުލާސްކުދިން ނުބުނީ ކީއްެވެ؟

(ރ) އަހްމަދު ހޯދުމުގައި ޙަރަކާތްތެރިވީ ކޮންބައެއް؟

(ބ) ތިޔަ ދަރިވަރު އަހްމަދަށް ނަޞޭހަތެއް ދޭނަމަ ބުނާނީ ކީކޭ؟

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close