ޙޫރުލްޢީނުން (ސޯޅަވަނަބައި) – ޖަންނަތުގެ އަނބީންގެ ޢަދަދު
ޖަންނަތުގައި މީހަކަށް ލިބޭނީ ކިތައް އަނބީން ހެއްޔެވެ؟
” އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ. “ޖަންނަތުގެ އެންމެ ދަށު ދަރަޖައިގައިވާ މީހާ، ހަތް ދަރަޖަ (ހަތްބަޔަށް ހިމެނޭ ގަނޑުވަރެއް) ވެއެވެ. އޭނާވަނީ، ހަވަނަ ދަރަޖައިގައެވެ. އަދި އޭނާގެ މަތީގައިވަނީ، ހަތްވަނަ ދަރަޖައެވެ. އަދި އޭނާއަށް ތިންސަތޭކަ ޚާދިމުންވެއެވެ. ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު ތިންސަތޭކަ ތަށީގެ ކާއެއްޗެހި އެމީހުން އޭނާއަށް ގެނެސްދޭނެއެވެ. އެތަށިތައްވަނީ ރަނުންނެވެ. އަދި ކޮންމެ ތަށްޓެއްގައިވަނީ ތަފާތު ކާނާއެވެ. އެއިގެ އެންމެ ފުރަތަމަ ތަށީގެ ކެއުން މީރުވާ ފަދައިން، އެންމެ ފަހު ތަށިވެސް އެހާމެ މީރުވާނެއެވެ. އަދި ބުއިންތަކުގެ ތެރެއިންވެސް ތިންސަތޭކަ ތަށި ގެނެސްދެވޭނެއެވެ. އެއިން ކޮންމެ ތަށްޓެއްގައިވަނީ، ތަފާތު ބުއިމެވެ. އަދި އެއިގެ އެންމެ ފުރަތަމަ ތަށީގެ ބުއިން މީރުވާ ފަދައިން، އެންމެ ފަހުބުއިންވެސް މީރުވާނެއެވެ. އަދި އޭނާ ދަންނަވާނެއެވެ. ” އޭ އަހުރެންގެ ރައްބެވެ. ދުނިޔޭގައިވާ ހުރިހައި އެންމެނަށް އަހުރެން ކާންދީ ބޯންދިނުމަށ އިބަ އިލާހު އިޒުނަ ދެއްވައިފިކަމުގައިވިޔަސް، އަހުރެންނަށް ލިބިގެންވާ އެއްވެސް އެއްޗަކުން މަދެއްނުވާ ހުއްޓެވެ.” އަދި އޭނާއަށްޓަކައި ހަތްދިހަދެ (72) ޙޫރުލް ޢީނުންވެއެވެ. އަދި އެހެން ރިވާޔަތެއްގައިވަނީ، ދުނިޔޭގެ އަނބީންގެ އިތުރުން (އޭނާއަށް 72 ޙޫރުލް ޢީނުން) ވެއެވެ. އެއިގެ އެންމެ އަންހެނެއްވެސް ބިމުގެ އެއްމޭލުގެ ޖާގަ ހުންނަ ހުއްޓެވެ.”
[رواه أحمد وقال الهيثمي رحمهه الله: رجاله ثقات على ضعف في بعض – المجمع: 400/10 – وقال البوصري رحمه الله: رواه أبو يعلي وأحمد ورواته ثقات – إتحاف الخيرة المهرة: 484/10 ]
ޖަންނަތުގެ އަހަލުވެރިންގެ ސައިޒުވާނީ ބޮޑުކުރެވިގެންނެވެ. އެއީ ޖަންނަތުގެ ނިޢުމަތްތަކުގެ އަރާމު އެންމެ ފުރިހަމަގޮތުގައި ލިބިގަތުމަށްޓަކައެވެ. މިޙަދީޘުން އެނގޭގޮތުގައި، ދުނިޔޭގައި އަނބި މީހާކަމުގައިވާ އަންހެނާ އާޚިރަތުގައިވެސްވާނީ އޭނާގެ އަނބިމީހާ ކަމުގައެވެ.
“ޢަބްދުއްރަޙްމާން ބިން ސާބިޠު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ” ހަމަކަށަވަރުން، ޖަންނަތުގެ އަހުލުވެރިއަކު ފައްސަތޭކަ (500) ޙޫރުލްޢީނުންނާއި، ހަތަރުހާސް (4000) ބިކުރުވެރިންނާއި އަށްހާސް (8000) ކުރީގައި ކައިވެނިކޮށްފައި ތިބި އަންހެނުންނާއި ކައިވެނިކުރާނެއެވެ. އަދި އެއިގެ ތެރެއިން ކޮންމެ އަންހެނަކާއި އެކީ، އޭނާ ދުނިޔޭގައި އުޅުނު ދިގުމިނަށް އެއްދާންކުރާނެތެވެ.”
(رواه البيهقيي رحمهه الله موقوفا عليه وصححه – البدور: 563)
“އަބޫ ސަޢީދުލް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ.” ޖަންނަތުގެ އަހުލުވެރީންގެ ތެރެއިން އެންމެ ދަށު ދަރަޖައިގައިވާ މީހާއަށް، އަށްޑިހަ ހާސް (80000) ޚާދިމުންނާއި، ހަތްދިހަދެ (72) އަނބީން ލިބިގެންވެއެވެ. އަދި އޭނާއަށްޓަކައި މުތީއިންނާއި، އަލިމަހާއި، ޔާޤޫތުންވާ ގުއްބެއްޖެހޭނެއެވެ. (އެއިގެ ބޮޑު މިން) އަލް ޖާބިޔާ (ސޫރިޔާގެ ރަށެއް) އާއި ޞައްޢާ (ޔަމަނުގައިވާ ރަށެއް) ދެރަށުގެ ދޭތެރޭގައިވާ ދުރުމުން ހުންނާނެތެވެ.”
(رواه الترمذي رحمه الله وضعفه برشدين بن سعد – الترمذي:695/4 – ولكن تابعه ابن وهب كما ذكره المنذري رحمه الله – الترغيب: 509/4 – وأما نسخة دراج عن أبي الهيثم عن أبي سعيد الخدري فقد قال الحاكم رحمه الله: هذه ترجمة للمصرين لم يختلفوا في صحيحة وكذلك ابن حبان وكذلك صحح الترمذي وحسن عدة أحاديث بهذه النسخة وكذلك الحافظ في الفتح والأمالي المطلقة والحافظ العراقي في تخريج الأحياء)
މިދެރަށުގެ ދެމެދުގައިވާ ދުރުމިނަކީ ގާތްގަނޑަކަށް 2150 ކިލޯމީޓަރެވެ. ދެން އަހަރެމެން ވިސްނާލައިފިނަމަ، މިގަނޑުވަރުގެ ބޮޑުކަމާއި ތަނަވަސްކަން ތަޞައްވުރު ކުރެވިގެންދާނެއެވެ.
މި ޙަދީޘްތަކުން ދޭހަވަނީ، ޖަންނަތުގައި އެކި މީހުންނަށް އެކި މިންވަރަށް، އަނބީން ލިބޭ ކަމެވެ. ޞަޙީޙުލް ބުޚާރީގައިވާ ޙަދީޘެއްގައިވެއެވެ. ” ޖަންނަތުގައި ކޮންމެ މީހަކަށް ދެއަނބީން ލިބިގެންވެއެވެ.” މި ޙަދީޘްއާއި މިއަށްވުރެ އިތުރަށް އަނބީން ލިބޭނެކަމަށް އައިސްފައިވާ ޙަދީޘްތަކާއި ތަޢާރުޟުވުމެއް ނެތެވެ. ޙާފިޡް އިބްނު ޙަޖަރު ރަޙިމަހުﷲ ވިދާޅުވާގޮތުގައި، މީގެ މާނައަކީ، އެންމެ މަދުވެގެންވެސް ކޮންމެ މީހަކަށް ދެއަނބީން ލިބޭނެކަމެވެ. އެހެން މާނައަކީ، ޢަރަބި ބަހުގައި، އެއްޗެއްގެ ބޮޑުކަމާއި ގިނަކަން އަންގައިދިނުމަށް “ދޭއް” ބޭނުންކުރާ ކަމެވެ. އެހެންކަމުން، މީގެ މާނައަކީ، ޖަންނަތުގައި މީހަކަށް ލިބޭނެ އަނބީންގެ ވަކި ޢަދަދެއް ކަނޑައެޅުމެއް ނޫނެވެ.” (ފަތްޙުލް ބާރީ 235/6)
މުއްލާ ޢަލީ ޤާރީ ރަޙިމަހުﷲ ވިދާޅުވިގޮތުގައި، އެންމެ ރަނގަޅު މާނައަކީ، ޙަދީޘްގައިވާ ދެއަނބިންނަކީ، ދުނިޔޭގެ އަންހެނުންގެ ތެރެއިން ލިބޭނެ އަނބީންނެވެ. އެހެންކަމުން ކޮންމެ މީހަކަށް، އެންމެ މަދުވެގެން 72 އަނބީން ލިބޭނެއެވެ. އެއީ ޙޫރުންގެ 70 އަނބީންނާއި ދުނިޔޭގެ ދެއަނބިންނެވެ. (މުރްޤާތް 600/9)
(ނުނިމޭ)

