ޙައްޖުމަހުގެ ފުރުތަމަ ދިހަ ދުވަސް އެހެނިހެން ދުވަސްތަކަށްވުރެ މާތްވަނީ ކީއްވެ؟
ﷲ ސުބުޙާނަހޫ ވަތަޢާލާ މި ދިހަ ދުވަސް ގަންދެއްވާ ހުވާކުރައްވާފައިވުން:-
ﷲ ތަޢާލާ މި ދިހަ ދުވަސް ގަންދެއްވާ ހުވާކުރައްވާފައިވަނީ މި ދުވަހުގެ މަތިވެރިކަމުގެ ސަބަބުންކަމާމެދު އެއްވެސް ޝައްކެތްނެތެވެ. (وَلَيَالٍ عَشْرٍ) މާނައީ:“އަދި ދިހަ ރޭ ގަންދެއްވަމެވެ“
ކީރިތި ޤުރުއާނުގައި މި ދިހަ ދުވަހުގެ ވާހަކަ ޛިކުރުކުރެވިފައިވުން
މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އެ އިލާހުގެ ފޮތުގައި މި ދިހަ ދުވަހުގެ ވާހަކަ ޛިކުރު ކުރައްވާފައިވާކަމީ، މި ދުވަސްތައް އެހެނިހެން ދުވަސްތަކަށް ވުރެ މާތްކަންބޮޑުވި ސަބަބެކެވެ. އެ އިލާހު ވަޙީ ކުރައްވާފައިވެއެވެ.( وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ)މާނައީ: ”އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި އެއުރެން ﷲގެ އިސްމުފުޅު ހަނދުމަކޮށްއުލުމަށެވެ.“
ހެޔޮ ޢަމަލުކުރުމުގެ މޫސުމެއްކަމުގައި ބަޔާންވެފައިވުން.
މަތީގައި ބަޔާން ކުރެވުނު މާތް ނަބިއްޔާގެ ޙަދީޘްތަކުގައި ޙައްޖުމަހުގެ ފުރުތަމަ ދިހަ ދުވަހަށްވުރެ ﷲ ގެ ޙަޟްރަތުގައި ހެޔޮ ޢަމަލުތަކުގެ ޘަވާބު އިތުރުވެގެންވާ ދުވަސްތަކެއް ނެތްކަމަށް ބަޔާންކުރައްވާފައިވެއެވެ.
އިސްލާމް ދީނުގެ ފަސްވަނަ ރުކުން، ޙައްޖުގެ މާތް އަޅުކަން އަދާކުރުމަށް ފަށަނީ މި ދިހަ ދުވަސްތެރޭގައި ކަމަށްވުން.
ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި އިޙުރާމްބަންނަނީ( يوم التروية )، ޙައްޖު މަހުގެ އަށްވަނަ ދުވަހުއެވެ. މި ދުވަހަކީ ޙައްޖުގެ އަޅުކަންތައްފެށޭ ދުވަހެވެ. ހަމައެފަދައިން ޙައްޖުގެ އެންމެ މުހިއްމު ރުކުން ކަމުގައިވާ ޢަރާފާތުގައި މަނޑުކުރަނީ ހައްޖު މަހުގެ ނުވަވަނަ ދުވަހު މެންދުރު ފަހުގައެވެ. ޢަރަފާތް ދުވަހަކީ އެދުވަހެއްގައި މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އެ އިލާހުގެ އަޅުތަކުން އެންމެ ގިނައިން ނަރަކައިން މިންޖުކުރައްވާ ދުވަހެވެ.عائشةރަޟިޔަﷲ ޢަންހާ ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. މާތް ނަބިއްޔާ ޞައްލަﷲޢަލައި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. “ ما من يومٍ أكثر من أن يُعتق الله عز وجل فيه عبداً من النار ، من يوم عرفة….”( ޞަޙީހު މުސްލިމު) މާނައީ:“ ޢަރަފާތް ދުވަހަށްވުރެ ގިނައިން ﷲ ތަޢާލާ އެ އިލާހުގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއްނުވެއެވެ.“
މީގެ އިތުރުން މި ދިހަ ދުވަހުގެ ތެރޭގައި މުޒްދަލިފާގައި ރޭކުރުމާއި، އަދި މުސްލިމުންގެ އެންމެ ބޮޑު ޢީދު ކަމުގައިވާ ޢީދުލް ޢަޟްޙާ ހިމެނިފައިވާކަމީ، މި ދުވަސްތައް އެ އިލާހުގެ ޙަޟްރަތުގައި މާތްކުރެވުމުގެ ސަބަބަތަކުގެ ތެރެއިން ހިމެނޭކަމެއްކަން ކަށަވަރެވެ.
ﷲ ތަޢާލާއަށް ކުއްތަންވުމަށްޓަކައި ޤުރުބާން ކަތިލުން މިދުވަސްތަކުގައި ހިމެނިފައިވުން.
ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި އެކި އެކި ހިސާބުތަކުން އަންނަ އެ އިލާހުގެ އަޅުތަކުން ޤުރުބާން ކަތިލުމާއި، އުޟުޙިޔާ ކަތިލުން ހިމެނިފައިވަނީ މި ދިހަ ދުވަހުގެ ތެރޭގައި ކަމަށްވުމީ، މި ދުވަސްތައް އެ އިލާހުގެ ޙަޟްރަތުގައި މާތްކުރެވުމުގެ ސަބަބެކެވެ.
(އައްޝައިޚް ނިމާލު މުޙައްމަދު)
