ޔޫކްރެއިނުން ރަޝިޔާގެ ދެކުނުގައިވާ ތެޔޮ ރައްކާކުރާ މައި މަރުކަޒަކަށް ވަރުގަދަ ހަމަލާތަކެއް ދީފި

ރަޝިޔާގެ ދިފާއީ ވުޒާރާއިން ހޯމަ ދުވަހު ހާމަކުރި ގޮތުގައި، ޔޫކްރެއިނުން ފޮނުވާލި ޑްރޯންތަކެއް ރަޝިޔާގެ ދެކުނުގައިވާ ‘ކެސްޕިއަން ޕައިޕްލައިން ކޮންސޯޓިއަމް’ (ސީ.ޕީ.ސީ) ގެ މެރިން ޓާމިނަލަށް އަމާޒުވެ، އެ ތަނުގެ ބައެއް ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މި ހަމަލާގެ ސަބަބުން ތެޔޮ ރައްކާކުރާ ހަތަރު ޓޭންކެއްގައި އަލިފާން ރޯވެފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
ޔޫކްރެއިންގެ އަސްކަރިއްޔާއިން މި ހަމަލާގެ ޒިންމާ އުފުލަމުން ބުނެފައިވަނީ، އެ ގައުމުން ހަމަލާދިނީ ނޮވޮރޮސިސްކް ބަނދަރުގައިވާ އެހެން ޓާމިނަލަކަށް ކަމަށެވެ. ނަމަވެސް ސީ.ޕީ.ސީ އާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ދުނިޔޭގެ ބާޒާރަށް ސަޕްލައިކުރާ ތެލުގެ ގާތްގަނޑަކަށް އެއް އިންސައްތަ އަދި ކަޒަކިސްތާނުން ބޭރުކުރާ ތެލުގެ 80 އިންސައްތަ އުފުލަނީ މި ޕައިޕްލައިން މެދުވެރިކޮށެވެ.
ރަޝިޔާގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރޭގަނޑުގެ ވަގުތެއްގައި ޔޫކްރެއިނުން ވަނީ ނޮވޮރޮސިސްކްގެ މެރިން ޓްރާންސްޝިޕްމަންޓް ކޮމްޕްލެކްސްއަށް އަމާޒުކޮށް ޑްރޯން ހަމަލާތަކެއް ދީފައި ކަމަށެވެ. މި ހަމަލާތަކުގެ ސަބަބުން ތެޔޮ ބަރުކޮށް ހުސްކުރާ ނިޒާމަށާއި، ތެޔޮ ރައްކާކުރާ ހަތަރު ޓޭންކަކަށް ގެއްލުންވެ އަލިފާން ރޯވެފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ. އަދި ޔޫކްރެއިންގެ މި އަމަލަކީ ދުނިޔޭގެ ހަކަތައިގެ ބާޒާރު ناسލާމަތްކޮށް، ޔޫރަޕްގެ ގައުމުތަކަށް ތެޔޮ ފޯރުކޮށްދިނުމަށް ހުރަސްއެޅުމަށް ހިންގި އަމަލެއް ކަމަށް ރަޝިޔާއިން ތުހުމަތުކުރެއެވެ.
ސީ.ޕީ.ސީގެ ހިއްސާދާރުންގެ ތެރޭގައި އެމެރިކާގެ ބޮޑެތި ތެޔޮ ކުންފުނިތައް ކަމަށްވާ ޝެވްރޮން އަދި އެކްސަން މޮބިލް ހިމެނެއެވެ. ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުނި ގޮތުގައި އެ ގައުމުން ހަމަލާދިނީ ނޮވޮރޮސިސްކް ބަނދަރުގައިވާ ރަޝިޔާގެ މައި ތެޔޮ މަރުކަޒެއް ކަމަށްވާ ‘ޝެސްކާރިސް’ އަށެވެ. މި ހަމަލާގެ ސަބަބުން އެ ސަރަހައްދުގައި ބޮޑު އަލިފާންގަނޑެއް ރޯވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ވޭތުވެދިޔަ ހަތަރު އަހަރުގެ ހަނގުރާމައިގެ ތެރޭގައި ޔޫކްރެއިނުން ވަނީ އެތައް ފަހަރަކު ސީ.ޕީ.ސީއަށް އަމާޒުކޮށް ހަމަލާދީފައެވެ. މީގެ ކުރިން ދިން ހަމަލާތަކާ ގުޅިގެން އެމެރިކާގެ ޚާރިޖިއްޔާއިން ވަނީ އެމެރިކާގެ މަސްލަހަތު އޮތް ތަންތަނަށް ހަމަލާ ނުދިނުމަށް ޔޫކްރެއިނަށް އަންގާފައެވެ. އަދި މި ހަމަލާތަކުގެ ސަބަބުން، އެ ގައުމުގެ ތެޔޮ ބޭރުކުރުމަށް މި މަގު ބޭނުންކުރާ ކަޒަކިސްތާނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޔޫކްރެއިންގެ އަސްކަރިއްޔާއިން ދެކޭގޮތުގައި، މިފަދަ ހަމަލާތަކަކީ ހަނގުރާމައަށް ފައިސާ ހޯދުމަށް ރަޝިޔާއިން ބޭނުންކުރާ ހަކަތައިގެ ވަސީލަތްތައް ހުއްޓުވުމަށް ދެވޭ އިންސާފުވެރި ރައްދެކެވެ.




