ބޭރުދުނިޔެ

ސްރީލަންކާގެ އައު ލީޑަރޝިޕަށް އެއްބާރުލުން ދޭނަން: ޗައިނާ

ސްރީލަންކާގެ އަލަށް އިންތިޚާބުވެވަޑައިގަތް ރައީސް އަނޫރަ ކުމާރަ ދިސަނާޔަކެއަށާއި، އައު ލީޑަރޝިޕަށް އެއްބާރުލުން ދެއްވާނެކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވިދާޅުވެއްޖެއެވެ.

ދިސަނާޔަކެގެ ހުވާކުރެއްވުމާ ގުޅިގެން ފޮނުއްވި މެސެޖެއްގައި ޝީ ވިދާޅުވެފައިވަނީ ޗައިނާ-ސްރީލަންކާ ސްޓްރެޓެޖިކް އެއްބާރުލުމުގެ ގުޅުން އިތުރަށް ކުރިއަރުވައި، ދެ ގައުމުގެ ރައްޔިތުންނަށް ފައިދާކުރާނެ ގޮތަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
ޚާއްޞަކޮށް ބެލްޓް އެންޑް ރޯޑް މަޝްރޫޢުގެ ދަށުން އިތުރު އެއްބާރުލުން ދެއްވުމަށް ޝީ ވަނީ ވަޢުދުވެވަޑައިގެންފައެވެ. މި ކަމަކީ ސަރަޙައްދުގައި ސްރީލަންކާގެ އިޤްތިޞާދީ އަދި ޑިޕްލޮމެޓިކް ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމެއްގެ ގޮތުގައި ބެލެވެއެވެ.

ސްރީލަންކާގެ ނުވަވަނަ އިންތިޚާބީ ރައީސްކަމަށް ހޮވިވަޑައިގަތް ދިސަނާޔަކެ ވަނީ 55.89% ވޯޓު ހޯއްދަވައި ވާދަވެރިން ބަލިކުރައްވާފައެވެ. މާކްސިސްޓް ފިކުރަށް ލެނބިވަޑައިގަންނަވާ މި ސިޔާސީ ލީޑަރު ވަނީ ޤައުމަށް “އާ ވިޔުގައެއް” ގެނެސްދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ.

ޗައިނާގެ އިތުރުން އިންޑިއާ، ޕާކިސްތާން އަދި ދިވެހިރާއްޖެއިން ވެސް ވަނީ ސްރީލަންކާގެ އާ ރައީސަށް މަރުޙަބާ ކިޔައި، ގުޅުން ބަދަހިކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައެވެ. ނަމަވެސް، ސްރީލަންކާއިން ވަކި ފަރާތަކަށް ބުރަވުމަކީ ސަރަޙައްދީ ބާރުވެރިކަމަށް އަސަރުކުރާނެ ކަމެއް ކަމަށް ބައެއް ސިޔާސީ ތަޙުލީލުވެރިން ދެކެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close