ބޭރުދުނިޔެ

ޤުބާ މިސްކިތުގެ މަތިން ދެ މިސައިލް ނުވަތަ ޑްރޯން ހުއްޓުވައިފި

މަދީނާގެ ޤުބާ މިސްކިތުގެ މަތިން ދެ މިސައިލް ނުވަތަ ޑްރޯން ސައޫދީގެ ސަލާމަތީ ބާރުތަކުން ހުއްޓުވައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި މިހާދިސާގައި މަދީނާގެ ޤުބާ މިސްކިތުގެ މަތިން ދެ މިސައިލް ނުވަތަ ޑްރޯން ހުއްޓުވާފައިވާ ކަމުގެ ޚަބަރުތައް ދަނީ މީޑިއާގައި ދައުރުވަމުންނެވެ.

ސެޕްޓެމްބަރު 25، 2025 ވީ ބުރާސްފަތި ދުވަހުގެ ރޭގަނޑު 10:40 ހާއިރު ހިނގި މި ހާދިސާއާ ބެހޭގޮތުން ސަޢޫދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން ރަސްމީ ބަޔާނެއް އަދި ނެރެފައެއް ނުވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި، މިސްކިތުގެ މަތިން ދެ އެއްޗެއް މައްޗަށް އަރައި، ދިފާޢީ ނިޒާމުގެ ބޭނުންކޮށްގެން އެ ތަކެތި ހުއްޓުވާ މަންޒަރު ފެނެއެވެ.

މި ހާދިސާ ހިނގިއިރު ޤުބާ މިސްކިތުގައި ގިނަ އަދަދެއްގެ މީހުން ތިބި ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމަކަށް ނުވަތަ މިސްކިތަށް ގެއްލުމެއް ވެފައިވާ ކަމަކަށް މިހާތަނަށް ޚަބަރެއް ލިބިފައެއް ނުވެއެވެ.

ސެކިއުރިޓީ ބާރުތަކުން ވަނީ މިސްކިތުގައި ތިބި މީސްތަކުންނަށް ހިތްވަރުދީ، އަމަން ބެލެހެއްޓުމަށް މަސައްކަތްކޮށްފައެވެ.

މި ހާދިސާ ހިނގާފައިވާއިރު، މިހިނގާ ސެޕްޓެމްބަރު 11، 2025 ގައި މަސްޖިދުއް ނަބަވީ ކައިރިން ވެސް ޑްރޯނެއް ހުއްޓުވި ހާދިސާއެއް ފާހަގަކޮށްލެވެއެވެ. އެ ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ރަސްމީ ބަޔާނެއް ނެރެފައިވާއިރު، މިފަހަރުގެ ހާދިސާއާ ބެހޭގޮތުން އެއްވެސް ބަޔާނެއް ނެރެފައި ނުވާތީ، މި ހާދިސާގެ ތަފްސީލުތައް އަދިވެސް ސާފެއް ނުވެއެވެ.

މަދީނާއަކީ އިސްލާމް ދީނުގެ ދެވަނައަށް އެންމެ މުހިންމު އަދި މާތް ވެގެންވާ ބިމެވެ. މި ބިމުގައިވާ ޤުބާ މިސްކިތަކީ އިސްލާމް ދީނުގެ ފުރަތަމަ މިސްކިތެވެ. އަދި މަސްޖިދުއް ނަބަވީއަކީ މުސްލިމުންގެ ކިބައިން ވަރަށް ބޮޑު ގަދަރެއް ލިބިފައިވާ ތަނެކެވެ. މިފަދަ ތަންތަނަށް ހަމަލާތައް އަމާޒުވުމަކީ ދުނިޔޭގެ މުސްލިމުންގެ ކަންބޮޑުވުން އިތުރުވާނެ ކަމެކެވެ. ސަޢޫދީ އަރަބިއްޔާއަކީ ޔަމަނުގެ ހޫޘީ ހަނގުރާމަވެރިންނާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ޤައުމެކެވެ. ހޫޘީން ވަނީ މީގެ ކުރިންވެސް ސަޢޫދީގެ ތަންތަނަށް މިސައިލް އަދި ޑްރޯން ބޭނުންކޮށްގެން ހަމަލާ ދީފައެވެ. ނަމަވެސް މަދީނާ ކަހަލަ މުޤައްދަސް ތަންތަނަށް މިފަދަ ހަމަލާތައް އަމާޒުވުމަކީ މުޅިން އާ ކަމެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close