އީރާނާއެކު އެއްބަސްވުމަކަށް ދާން ދުވަސްކޮޅެއް ނަގާނެ: ރޫބިއޯ

އީރާނާއެކު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެއްބަސްވުމަކަށް އައުމަށްޓަކައި އަދި “މަދު ދުވަސްކޮޅެއް” ނަގާފާނެ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ބުނެފިއެވެ.
އޭނާ މިހެން ބުނީ އީރާނުގެ ދެކުނުގެ ސަރަޙައްދުތަކަށް އެމެރިކާގެ ސިފައިން ދިފާޢީ ޙަމަލާތަކެއް ދިންތާ އެއް ދުވަސް ފަހުންނެވެ. ރޫބިއޯ ބުނި ގޮތުގައި މައިން ވަޅުލާން އުޅުނު އުޅަނދުތަކަކަށާއި މިސައިލް ފޮނުވާ ސައިޓްތަކަށް އަމާޒުކޮށް ދިން މި ޙަމަލާތަކަކީ ހޯމުޒް ކަނޑުއޮޅި ހުޅުވާފައި ބޭއްވުމަށްޓަކައި ދިން ޙަމަލާތަކެކެވެ.
އޭޕްރީލް މަހުގެ ކުރީކޮޅުން ފެށިގެން ހަމަލާބަދަލުކުރުން ހުއްޓާލާފައި އޮތް ނަމަވެސް، އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނީ އީރާނުގެ ބާރުތަކުން ކުރިމަތިވެދާނެ ނުރައްކާތަކުން ސިފައިން ރައްކާތެރިކުރުމަށް އާ ޙަމަލާތަކެއް ދީފައިވާ ކަމަށެވެ. އަނެއްކޮޅުން އީރާނުން ބުނެފައިވަނީ އާ އެއާ ޑިފެންސް ސިސްޓަމެއް ބޭނުންކޮށްގެން ދުޝްމަނުންގެ ސްޓެލްތު ޑްރޯނެއް ވައްޓާލާފައިވާ ކަމަށެވެ.
އެމެރިކާގެ މި ޙަމަލާތައް އައިސްފައިވަނީ އީރާނުގެ އިސް މަންދޫބުންނާއި ފޮރިން މިނިސްޓަރު ގަތަރުގެ ބޮޑުވަޒީރާ އެކު ދޯހާގައި ސުލްޙައިގެ ވާހަކަތައް ކުރިއަށްގެންދަނިކޮށެވެ. މި ވާހަކަތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވެނީ ހޯމުޒް ކަނޑުއޮޅި ހުޅުވުމާއި، އީރާނުގެ ޔުރޭނިއަމް ރިޒާވްގެ މައްސަލައާ އަދި ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ދޫކުރުމާ ބެހޭގޮތުންނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޯޝަލް މީޑިއާގައި ހާމަކުރި ގޮތުގައި އީރާނާއެކު ކުރެވޭ ވާހަކަތައް ދަނީ ރަނގަޅަށެވެ. ނަމަވެސް ވާހަކަތައް ނާކާމިޔާބުވެއްޖެ ނަމަ އާ ޙަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އޭނާ ދިނެވެ. ޓްރަމްޕްގެ މައިގަނޑު ބޭނުމަކީ އީރާނަށް ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުން ކަމަށްވާއިރު، އީރާނުން އަދިވެސް ބުނަމުންދަނީ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.
މީގެ އިތުރުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ ލުބުނާނުގައި ހަރަކާތްތެރިވާ، އީރާނުގެ ތާއީދު އޮންނަ ހިޒްބުالله ޖަމާއަތަށް ދޭ ޙަމަލާތައް ވަރުގަދަ ކުރާނެ ކަމަށެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން އިސްރާއީލު ސިފައިން ވަނީ ލުބުނާނުގެ އިރުމަތީ ބިގާ ވާދީގައި ހުރި ހިޒްބުالله ގެ މަރުކަޒުތަކަށް ބޯކޮށް ޙަމަލާދީފައެވެ. އިސްރާއީލާއި ލުބުނާނުން ސުލްޙައަކަށް އައިސްފައިވީ ނަމަވެސް، ހިޒްބުالله އިން އެ އެއްބަސްވުމުގައި ބައިވެރިނުވާތީ އިސްރާއީލުން ދަނީ އެމީހުންނަށް ހަމަލާދެމުންނެވެ.
އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ މި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އުފުލިފައެވެ. އަދި އޭގެ ސަބަބުން ކާބޯތަކެއްޗާއި ދަނޑުވެރިކަމަށް ބޭނުންކުރާ ކާދުގެ އަގުތައް ވެސް ވަނީ ބޮޑުވެފައެވެ. ދެ ފަރާތުން އެއްބަސްވުމަކަށް އަންނަތާ 30 ދުވަސް ތެރޭގައި ހޯމުޒް ކަނޑުއޮޅި އެއްކޮށް ހުޅުވާލުމަށް މަޝްވަރާ ކުރެވެމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.




