ބޭރުދުނިޔެ

ޕާކިސްތާނުގެ ޕަންޖާބު ސުބާގައި ސްކޫލްތައް ބަންދުކޮށްފި

ޕާކިސްތާނާއި އިންޑިއާގެ ދެމެދުގައި ފެށިފައިވާ ހަނގުރާމައިގެ ހާލަތާ ގުޅިގެން ޕާކިސްތާނުގެ ޕަންޖާބު ސުބާގެ ސްކޫލްތައް ބަންދުކުރަން ނިންމައިފިއެވެ. މިކަން އިއުލާނުކުރެއްވީ ޕަންޖާބު ސުބާގެ ވެރިކަން ހިންގާ މިނިސްޓަރު މަރިޔަމް ނަވާޒް ޝަރީފެވެ.

މަރިޔަމް ނަވާޒް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ރިއާޔަތްކޮށް މިގޮތަށް ނިންމާފައިވާ ކަމަށެވެ. އަދި ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގެ އިމްތިހާންތައްވެސް ފަސްކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ބައިނަލްއަޤްވާމީ އިމްތިހާން ބޯޑުތަކުން ހިންގާ އިމްތިހާންތައް މިއިން އިސްތިސްނާވާނެ ކަމަށް ވިދާޅުވިއެވެ.

މި ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ހަނގުރާމައިގެ ހާލަތާ ގުޅިގެން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެފައިވަނީ މި ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި އެމެރިކާގެ ރައީސް ޓްރަމްޕްގެ ބަސްފުޅުތަކަށް ތާއީދުކުރައްވާ ކަމަށާއި، މި ހާލަތު އަވަހަށް ނިމުމަކަށް އަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ސުލްހަވެރި ހައްލެއް ހޯދުމަށް އިންޑިއާ އަދި ޕާކިސްތާނުގެ ވެރިންނާ މަޝްވަރާކުރަމުންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚަވާޖާ އާސިފް ވިދާޅުވެފައިވަނީ މަދުވެގެން އިންޑިއާގެ 5 މަތިންދާބޯޓު ވައްޓާލެވިފައިވާ ކަމަށާއި، އަދި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ހައްޔަރުކުރެވިފައިވާ ކަމަށެވެ. އަދި އިންޑިއާއިން ޕާކިސްތާނަށް ދޭ ކޮންމެ ހަމަލާއަކަށް ޖަވާބުދާރީވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އިންޑިއާއިން ރޭ ދޭންފެށި މިސައިލް ހަމަލާތަކުގައި މަދުވެގެން އެއް އިންފެންޓްރީ ބްރިގޭޑް ހެޑްކުއާޓަރސް ހަލާކުކޮށްލެވިފައިވާ ކަމަށް އިންޑިއާއިން ބުނެފައިވާއިރު، ޕާކިސްތާނު ބަލަހައްޓާ ކަޝްމީރާއި އިންޑިއާ ބަލަހައްޓާ ކަޝްމީރު ވަކިކުރާ ލައިން އޮފް ކޮންޓްރޯލްގައި ބޮޑެތި ހަމަލާތައް އަލުން ފެށިފައިވާ ކަމަށްވެސް ރިޕޯޓުކުރެވެއެވެ.

އިންޑިއާގެ އެންޑީޓީވީ ބްރޯޑްކާސްޓަރުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިންޑިއާ ބަލަހައްޓާ ކަޝްމީރުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ސްރީނަގަރުގެ ވައިގެ ބަނދަރު ވަނީ އާންމުންނަށް ބަންދުކޮށްފައެވެ.

އިންޑިއާގެ އިންޑިގޯ އެއަރލައިންއިން ދަތުރުވެރިންނަށް އަންގާފައިވަނީ، މި ސަރަހައްދުގެ ވައިގެ ދަތުރުފަތުރުގެ ހާލަތަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، ގިނަ އަދަދެއްގެ ދަތުރުތަކަށް އަސަރުކުރަމުންދާ ކަމަށެވެ.

އިންޑިގޯއިން ބުނާ ގޮތުގައި، މި ހާލަތުގެ އަސަރުކުރާ ވައިގެ ބަނދަރުތަކުގެ ތެރޭގައި އިންޑިއާ ބަލަހައްޓާ ކަޝްމީރުގެ ސްރީނަގަރާއި ލޭ ހިމެނެއެވެ. އަދި އިންޑިއާގެ އުތުރުގައި ހުރި އަމްރިތްސަރ، ޗަންދީގަޑު، ބިކަނޭރު އަދި ދަރަމްޝާލާގެ ވައިގެ ބަނދަރުތައްވެސް ހިމެނެއެވެ.
އިންޑިއާގެ ސްޕައިސްޖެޓުންވެސް އެކްސްގައި ޕޯސްޓެއް ކުރުމަށްފަހު ބުނެފައިވަނީ، “މިހާރު ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން” އިންޑިއާގެ އުތުރު ސަރަހައްދުގެ ބައެއް ވައިގެ ބަނދަރުތައް ބަންދުކޮށްފައިވާ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close