ބޭރުދުނިޔެ

ނޭޓޯގެ ކުރިއަށް އޮތް ސަމިޓުގައި ޓްރަމްޕާއެކު އޮންނަ ގުޅުން އައުކޮށް، މުސްތަޤުބަލަށް ތައްޔާރުވާންޖެހޭ – ތުރުކީ

އަންކާރާގައި އަންނަ ޖުލައި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ނޭޓޯ ސަމިޓުގެ ބޭނުން ހިފައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު އޮންނަ ގުޅުންތައް އަލުން ބަދަހިކުރުމަށާއި، ނޭޓޯގެ ކަންކަމުގައި އެމެރިކާގެ ބައިވެރިވުން ކުޑަވެދާނެ ހާލަތަކަށް ތައްޔާރުވުމަށް ތުރުކީވިލާތުން އިއްޔެ ގޮވާލައިފިއެވެ.

ތުރުކީގެ ޚާރިޖީ ވަޒީރު ހާކާން ފިދާން ވިދާޅުވީ، ރައީސް ތައްޔިބު އުރުދުޣާނަށް ކުރައްވާ “ޒާތީ އިޙްތިރާމެއްގެ” ސަބަބުން، ޖުލައި 7 އަކުން 8 އަށް ބާއްވާ މި ސަމިޓުގައި ޓްރަމްޕް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ތުރުކީން ގަބޫލުކުރާ ކަމަށެވެ. ނަމަވެސް، އެ ނޫން ގޮތަކަށް ބަލާއިރު މި ބައްދަލުވުމަށް ވަޑައިގަތުމަށް ޓްރަމްޕް ފަސްޖެހިވަޑައިގަންނަވާކަން އެނގިވަޑައިގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޓްރަމްޕް ގެންދަވަނީ ގިނަ އަހަރުތަކެއް ވަންދެން ނޭޓޯއަށް ފާޑުވިދާޅުވަމުންނެވެ. އަދި އީރާނާ ކައިރީގައިވާ ހޯރްމުޒް ކަނޑުއޮޅި ހުޅުވުމަށްޓަކައި މަނަވަރުތައް ފޮނުވުމަށް ޔޫރަޕްގެ ގައުމުތަކުން ދެކޮޅު ހެދުމާ ގުޅިގެން، ނޭޓޯއިން އެމެރިކާ ވަކިވާނެ ކަމުގެ އިންޒާރު މިދިޔަ ހަފުތާގައި އޭނާ ވަނީ ދެއްވާފައެވެ. މީގެ އިތުރުން، ގްރީންލޭންޑް މިލްކުކުރުމަށް ޓްރަމްޕް ކުރިން ގެންގުޅުއްވި ވިސްނުންފުޅާ ގުޅިގެންވެސް ނޭޓޯގެ މެންބަރުންގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ.

އަނަޑޯލޫ ނިއުސް އެޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައި ފިދާން ވިދާޅުވީ، ޓްރަމްޕްގެ ފާޑުކިއުންތަކަކީ ހަމައެކަނި ދައްކަވާ ވާހަކަތަކެއް ކަމަށް މެންބަރު ގައުމުތަކުން ކުރިން ދެކުނު ނަމަވެސް، މިހާރު އެ ގައުމުތަކުން ދަނީ އެމެރިކާގެ ބައިވެރިވުން ކުޑަވެދާނެ ހާލަތަކަށް ބަލައި، އަމިއްލަ ދިފާއީ ގާބިލުކަން އިތުރުކުރުމަށް ރާވަމުން ކަމަށެވެ.

“ނޭޓޯގެ ގައުމުތަކުން މިފަހަރުގެ އަންކާރާ ސަމިޓުގެ ބޭނުން ހިފައި، އެމެރިކާއާއެކު އޮންނަ ގުޅުންތައް ހަމަޖެހޭ އުސޫލެއްގެ މައްޗަށް ބައްޓަންކުރަން ޖެހޭ،” އޭނާ ވިދާޅުވިއެވެ.

އަދި ނޭޓޯގެ ބައެއް ނިޒާމުތަކުން އެމެރިކާ ވަކިވާން ނިންމައިފި ނަމަ، އެކަން ތަރުތީބުން ކުރިއަށް ގެންދާނެ ޕްލޭނެއް އޮންނަންވާނެ ކަމަށާއި، އޭރުން އެއްވެސް ގައުމަކަށް އެހީތެރިކަމެއް ނެތި އެކަހެރިވާން ނުޖެހޭނެ ކަމަށްވެސް ފިދާން އިތުރަށް ވިދާޅުވިއެވެ.

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރޫޓާ ވިދާޅުވީ، އިއްތިޙާދާ މެދު ޓްރަމްޕް ހުރި ހިތްހަމަނުޖެހުންތައް ބަލައިގަންނަ ކަމަށެވެ. ނަމަވެސް، އީރާނުގައި އެމެރިކާއިން ކުރާ ހަނގުރާމައިގެ މަސައްކަތްތަކުގައި ޔޫރަޕްގެ ގިނަ ގައުމުތަކުން އެހީތެރިކަން ފޯރުކޮށްދެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ވައިޓް ހައުސްގެ އިސް އޮފިޝަލަކު މިދިޔަ ހަފުތާގައި ރޮއިޓާސްއަށް މައުލޫމާތު ދެއްވި ގޮތުގައި، ނޭޓޯއާ މެދު ހުރި ހިތްހަމަނުޖެހުމުގެ ސަބަބުން ޔޫރަޕްގައި ތިބި އެމެރިކާގެ ބައެއް ސިފައިން ބޭލުމާ މެދުވެސް ޓްރަމްޕް ވަނީ ވިސްނަވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close