ޔޫކްރެއިން ހަނގުރާމައިގެ ފަހަތުގައި އޮތް އެމެރިކާގެ އޭއައި ކުންފުނި “ޕަލަންޓިއަރ”

ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގައި ރަޝިޔާއިން ހަމައެކަނި ޔޫކްރެއިންގެ ސިފައިންނާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ކަމަށް ހީވިޔަސް، ހަގީގަތުގައި 2022 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ރަޝިޔާއިން ހަނގުރާމަކުރަމުންދަނީ އެމެރިކާގެ ސޮފްޓްވެއާ ކުންފުންޏެއް ކަމަށްވާ “ޕަލަންޓިއަރ” ގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާ ދެކޮޅަށެވެ. މި ބޮޑު ކުންފުނިން މިހާރު ދަނީ ޔޫކްރެއިންގެ ހަމަލާތައް ރޭވުމާއި، އަމާޒުތައް ދިރާސާކުރުމާއި، އަދި މައިދާނުގައި ހަނގުރާމައިގެ ކަންކަން ވިލަރެސްކުރުމުގެ މައިގަނޑު މަސައްކަތްތައް ބަލަހައްޓަމުންނެވެ.
ޔޫކްރެއިންގެ ޑިފެންސް މިނިސްޓަރު މިޚައިލޯ ފެޑޮރޯވް ވަނީ، ރަޝިޔާގެ އެތެރެއަށް ފުންކޮށް ދޭ ހަމަލާތައް ރޭވުމަށް އެގައުމުގެ ސިފައިން ޕަލަންޓިއަރގެ ސޮފްޓްވެއާ ބޭނުންކުރާކަން ކަށަވަރުކޮށްދެއްވާފައެވެ. ދެ ފަރާތް ގުޅިގެން ވަނީ ވައިގެ މަގުންދޭ ހަމަލާތައް ތަފްސީލުކޮށް ދިރާސާކުރުމާއި، އޭއައި ބޭނުންކޮށްގެން ޖާސޫސީ މައުލޫމާތު އެއްކޮށް ކަންކަން ނިންމާ ނިޒާމެއް ގާއިމުކޮށްފައެވެ.
މީގެ އިތުރުން، އޭއައި މޮޑެލްތައް ތަމްރީނުކުރުމަށްޓަކައި ހަނގުރާމައިގެ މައިދާނުގެ މައުލޫމާތު ސޮފްޓްވެއާ އުފައްދާ ފަރާތްތަކަށް ފޯރުކޮށްދޭ ޕްލެޓްފޯމެއް ވެސް ވަނީ ހަދާފައެވެ. މިގޮތުން އުނދަގޫ ހާލަތްތަކުގައި ވައިގެމަގުން އަންނަ ހަމަލާތައް ދެނެގަނެ، އެއަށް ހުރަސްއަޅާނެ 80 އަށްވުރެ ގިނަ ނިޒާމު މިހާރު ދަނީ ތަރައްގީކުރަމުންނެވެ.
ޔޫކްރެއިން ހަނގުރާމަ ފެށުނު ފަހުން ހުޅަނގުގެ ބޮޑު ޓެކްނޮލޮޖީ ކުންފުންޏެއްގެ ވެރިޔަކަށް އެންމެ ފުރަތަމަ ކީވްއަށް ދަތުރުކުރީ ޕަލަންޓިއަރގެ ސީއީއޯ އެލެކްސް ކާޕް އެވެ. އޭރުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން މިނިސްޓަރު ފެޑޮރޯވް އިންތިޒާމުކުރި މި ދަތުރުގައި، އެމެރިކާގެ “ގޮތަމް” ސޮފްޓްވެއާ ބޭނުންކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ. އަދި އޭގެ ފަހުން ޔޫކްރެއިންއަށް ވަނީ ސެޓެލައިޓާ ގުޅާލެވިފައިވާ، މައުލޫމާތު އެއްކޮށް ދިރާސާކުރާ “ސްކައިކިޓް ޕަލަންޓިއަރ” ގެ މޮބައިލް ޖާސޫސީ ޔުނިޓްތަކެއް ލިބިފައެވެ.
ސީއީއޯ އެލެކްސް ކާޕް ބިޒްނަސް ބައްދަލުވުމެއްގައި ހާމަކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ ސޮފްޓްވެއާއަކީ ޔޫކްރެއިން ސިފައިންނަށް އަމާޒުތައް ދެނެގަތުމަށާއި މަގުދެއްކުމަށް އެންމެ ބޮޑަށް ބޭނުންކުރާ ވަސީލަތެވެ. ހުޅަނގުގެ މީޑިއާތަކުން ވެސް ވަނީ، ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކުން ޔޫކްރެއިން ބަދަލުކޮށްލާފައިވަނީ އޭއައި ހަތިޔާރުތައް ދުނިޔޭގައި އަޖުމަބަލާ އެންމެ ބޮޑު މައިދާނަށް ކަމަށް ބުނެފައެވެ.
މިހާރު ޔޫކްރެއިންއަކީ ހަގީގީ ހަނގުރާމައެއްގެ ތެރޭގައި އޭއައި ޓެކްނޮލޮޖީ ޓެސްޓުކުރާ ދުނިޔޭގެ އެންމެ ބޮޑު ލެބޯޓްރީއެވެ. ޕަލަންޓިއަރގެ ޔޫރަޕްގެ ވެރިޔާ ވެސް އެއްބަސްވާ ގޮތުގައި، ހަތިޔާރު ބޭނުންކޮށްގެން މީހުން މެރުމުގެ ސިލްސިލާ ނުވަތަ “ކިލް-ޗެއިން” ގެ މިހާ ގިނަ މައުލޫމާތު އެހެން އެއްވެސް ގައުމަކުން އެ ކުންފުންޏަށް ލިބިފައެއް ނުވެއެވެ.
މި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ޕަލަންޓިއަރ އިން ވަނީ “މޭވަން ސްމާޓް ސިސްޓަމް” (ޔޫކްރެއިންގައި ނަމުން ނަމަ “ޒްނާތޮކް”) އުފައްދާފައެވެ. މި ނިޒާމުން ސެޓެލައިޓް އަދި ޑްރޯން ފޮޓޯތައް ދިރާސާކޮށް، އިންސާނުންނާއި ހަތިޔާރު އެދެނީ ކޮންތާކުކަން އަމިއްލައަށް ދެނެގަނެ، ހަމަލާދޭންވީ ގޮތާއި ދޭންވީ ތަން ބުނެދެއެވެ. އަދި ކޮމްޕިއުޓަރު ސްކްރީނުން މި ހުރިހާ މަންޒަރެއް ފެންނަން ހުންނައިރު، އެންމެ ފިއްތުމަކުން ސިފައިން ކުރިއަށްދާންވީ ގޮތާއި ހަމަލާދޭންވީ މީހުންގެ އަމުރު ނެރެވެއެވެ.
އެމެރިކާގެ ނޭޝަނަލް ޖިއޯސްޕޭޝަލް-އިންޓެލިޖެންސް އެޖެންސީގެ ޑިރެކްޓަރު ވައިސް އެޑްމިރަލް ފްރޭންކް ވައިޓްވޯތް ހާމަކުރެއްވި ގޮތުގައި، މި “މޭވަން” ސިސްޓަމްގެ ސަބަބުން ޔޫކްރެއިންގައި އަމާޒެއް ހޯދުމަށްފަހު އެތަނަކަށް ހަމަލާދިނުމާ ދެމެދު ހޭދަވާ ވަގުތު، އެތައް ގަޑިއިރަކުން 10 މިނެޓަށްވުރެ ކުރު ވަގުތުކޮޅަކަށް ވަނީ ކުޑަކުރެވިފައެވެ.
ޔޫކްރެއިން ސިފައިންނާއި ޕަލަންޓިއަރ ގުޅިގެން މިހާރު ވަނީ “Brave1 Dataroom” ނަމަކަށް ކިޔާ ތަމްރީނު ޕްލެޓްފޯމެއް ލޯންޗުކޮށްފައެވެ. މީގެ ބޭނުމަކީ ރަޝިޔާގެ ޑްރޯންތަކާ ބެހޭ މައުލޫމާތު ސިސްޓަމަށް އަޕްލޯޑްކޮށް، އޭގެ ޓެކްނޮލޮޖީގެ ބަލިކަށިކަމާއި އޮޕަރޭޝަނަލް މައްސަލަތައް ދެނެގަތުމެވެ. ޔޫކްރެއިންގެ ޑިފެންސް މިނިސްޓްރީން ބުނާ ގޮތުގައި، އެގައުމުގެ ސިފައިން ޕަލަންޓިއަރއަށް މައުލޫމާތު އެއްކޮށްދޭއިރު، އޭގެ ބަދަލުގައި އެ ކުންފުނިން ސިފައިންނަށް ހަމަލާދޭނެ އިރުޝާދުތައް ފޯރުކޮށްދޭނެއެވެ.
މި ހަނގުރާމައިގެ ފައިދާއާއެކު 2022 ވަނަ އަހަރުން ފެށިގެން ޕަލަންޓިއަރ ކުންފުނީގެ ހިއްސާގެ އަގު ވަނީ 1000 އިންސައްތައަށްވުރެ މައްޗަށް ގޮސްފައެވެ. އަދި އެ ކުންފުނީގެ މާކެޓް އަގު މިހާރު ވަނީ 330 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައެވެ. ޔޫކްރެއިން ހަނގުރާމައަކީ މި ކުންފުނީގެ ކުރިއެރުމުގެ މައިގަނޑު އިންޖީނަށް ވާއިރު، ހިލޭ ސާބަހަށް އެމީހުންގެ ޓެކްނޮލޮޖީ ހަނގުރާމައިގައި ޓެސްޓުކުރުމަށްފަހު، އެއިން ލިބޭ ކުރިއެރުންތަކާއެކު އަޕްގްރޭޑްކޮށްފައިވާ އުފެއްދުންތައް ދެން ވިއްކަނީ އެމެރިކާގެ ޕެންޓަގަންއަށެވެ.



