ރިޕޯޓް

ކުޑަކުދިންނަކީ ކުޑަކުދިންކަން ބޮޑެތިމީހުން ދަންނަންޖެހޭ …..!

ފިރިހެން ކުދިން ބައްޕައާ އެކު ނުވަތަ އިތުބާރު ހިފެވޭ އެހެން މީހަކާ އެކީ މިސްކިތަށް ފޮނުވުމަކީ، އެ ކުދިން ނަމާދު ކުރަން އާދަ ވާނެ ކަމެކެވެ. މިސްކިތަށް ގޮސް ބޮޑެތި މީހުންނާ އެކީ އެއް ސަފެއްގައި ކުޑަ ކުއްޖަކަށް ހުރުމުގެ ފުރުސަތު ލިބުމުން، އެ ވާނީ ކުޑަ ކުއްޖަކަށް ވަރަށް ބޮޑު ކަމަކަށެވެ. އަދި އެއީ އޭނާގެ ނަފްސަށް އިތުބާރު ލިބި ތިމާގެ އަގު ވަޒަން ކުރަން އެނގޭނެ ކަމެއްވެސް މެއެވެ. ހަމަ އެހެންމެ މިސްކިތަށް ދެވުމުން ކުދިންނަށް ލިބޭނެ އެހެން ދެ އުފަލެއްވެސް އެބަ އޮތެވެ. ފުރަތަމަ އުފަލަކީ ބައްޕަ އޭނާ ގޮވައިގެން ދާތީއެވެ. ދެވަނަ އުފަލަކީ ބޭރަށް ނުދެވިފައި ހުންނަ ކުޑަ ކުއްޖަކަށް ، ގެއިން ބޭރަށް ދެވުމުން ލިބޭ އުފަލެވެ.

ކުޑަ ކުދިން ބައެއްފަހަރު މިސްކިތުގައި ކުޑަކޮށް ހީލާ، ނުވަތަ ފަރާތް ފަރާތަށް އެނބުރި ނުވަތަ އެންމެން ސަޖިދައަށް ދާއިރުވެސް ސަޖިދައަށް ނުގޮސް ހައިރާންވެފައި ހުރެއޭ ކިޔާފައި އެ ކުދިން މިސްކިތަށް ނު ގެންދިއުމަކީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. މަދަރުސާއެއްގައި ހުއްޓަސް މި ޢުމުރުގެ ކުއްޖަކަށް މަޑަކުން ނުހުރެވޭނެއެވެ. މިއީ ކުޑަ ކުދިންގެ ޠަބީޢަތެވެ. ވީމާ ޖެހޭނީ ބޮޑެތިމީހުންނާއި، ޢުމުރުން ދުވަސްވީ މީހުންވެސް އެކަން ބަލައިގަންނާށެވެ.

މިސްކިތަށް ގޮސް އުޅޭ ބައެއް ޢުމުރުން ދޮށީ މީހުން، ކުޑަ ކުދިން މިސްކިތަށް ދިއުމުން ހިތްހަމަ ނުޖެހިފައި ތިބޭތަން ވަރަށް ފެނެއެވެ. އަދި ކުޑަ ކުއްޖެއް ވިއްޔާ ނަމާދު ކުރަން ޖެހޭނީވެސް، އެ މީހުން ދެކޭ ގޮތުގައި މިސްކިތުގެ ފަހަތު ސަފެއްގައި ވަކިން ތިބެއެވެ. ނަމަވެސް މިއީ ކުޑަ ކުދިން މިސްކިތް ދެކެ ފޫހިވެދާނެ ކަމެކެވެ. އެހެންކަމުން އެއީ ރަނގަޅު ނޫން ޢަމަލެކެވެ.

ކުރީ ސަފު ފުރޭ ވަރަށް، ޢުމުރުން ދޮށީ މީހުން ތިބި ނަމަ، އިސްކަން ދެވޭނީ އެ މީހުންނަށެވެ. ނަމަވެސް މައްސަލައަކީ ސަފު ހުހަށް އޮންނަ އިރުވެސް ކުޑަ ކުދިން ފަހަތަށް ފޮނުވާލުމެވެ. އަދި ވަކިން ޚާޢްޞަކޮށް ބެލެނިވެރިޔަކު ނެތި މިސްކިތަށް ދާ ކުޑަކުދިންނަށް ޖެހެނީ ފަހަތުގައި ސަފުގައި އެކަނިހުރެ މާޔޫސް ކަމެއްގެ ތެރެއިން ނަމާދުގައި ބައިވެރިވާށެވެ. އެފަދަ ކުދިންނަށް ބޮޑެތި މީހުންގެ އެއްވެސް އެހީތެރިކަމެއް މަދުފަހަރެއްގައި މެނުވީ މިސްކިތު ތެރެއިން ނުލިބެއެވެ.

މިހާރަކަށް އައިސް ބައެއް ބައްޕައިން މިސްކިތައް ޖަމާޢަތަށް ދިއުމުގައި ވަރަށް ތުއްތު ފިރެހެން ކުދިން ގޮވައިގެން ދެއެވެ. ޚާއްޞަކޮށް ހުކުރު ދުވަސްތަކުގައި ހުކުރު ނަމާދަށް ގިނަ އަދަދެއްގެ ކުޑަކުދިން ގެންދެއެވެ. މިފަދަ ކުދިންގެ ފަރާތުން ބައެއްފަހަރު ނަމާދުގައި ތިބޭ ބޮޑެތި މީހުނަށް ބައެއްކަހަލަ އުނދަގޫތައް ފޯރާ ކަމީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. އަދި އެކުދިންގެ ބައެއް ޢަމަލުތައް ހުންނަގޮތުން ދެންތިބި އެހެންމީހުން ނަމާދަށް ދެވޭ ސަމާލުކަން ގެއްލޭގޮތްވެއެވެ.

ނަމަވެސް އަޅުގަނޑުމެންނަށް އެނގެންވީ ފަހަރެއްގައިވެސް އެއީ އެކުދިންގެ މައްސަލައެއް ނޫންކަމެވެ. އެހެނީ އެކުދިން ކުރާ ކަމެއް ކުރަނީ އެކުރެވެނީ ކީއްކަން ނޭންގިތިބެއެވެ. އެހެންނަމަވެސް މިކަމަކީ އެކުދިންގެ ބެލެނިވެރިން ސަމާލުކަން ދޭންޖެހޭ ކަމެކެވެ. އަދި ބެލެނިވެރިން އެކުދިންނަށް ގޭތެރެއިން ކިތަންމެވަރަކަށް ނަސޭޙަތްދީ ޓްރެއިން ކުރިޔަސް މިސްކިތުން އެފަދަ ޢަމަލުތަކެއް ފެނިދާނެއެވެ.

ބައެއްފަހަރު ބައެއް ބައްޕައިން ނުވަތަ ބެލެނިވެރިން ކުޑަކުދިން މިސްކިތައް ޖަމާޢަތަށް ނަމާދަށް ގެންދަނީ ތިމަންވެސް ނަމާދަށް ދަނީ ތިމަންގެ ދަރިފުޅު ގޮވައިގެންނޭ ބުނުމުގެ ގޮތުން ނުވަތަ މޮޅުކަމެއް ކުރުމުގެ ގޮތުންނެވެ. ހަމައެކަނި ކުދިން ގޮވައިގެން ހުކުރަށް ދާއިރު ހަފުތާގެ އެހެން ދުވަސްތަކުގައި ނަމާދެއް ވާކަންވެސް ގިނަމީހުނަށް ނޭންގެއެވެ. މިހެން މިކަން ވާނަމަ، އަދި މިކަން މިކުރެވެނީ އެއްމެ ރަނގަޅަކަށް ނޫނެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ އެ ޢަމަލު ޤަބޫލު ކުރައްވާ ޝަރުތުތައްވެސް އެކަމުގައި ހަމަނުވެއެވެ. އެހެނީ އަޅުކަމެއް އެމީހެއްގެ ކިބައިން ޤަބޫލު ކުރެއްވިގެންވަނީ މައިގަނޑު ދެ ޝަރުތަކާއި ލައިގެނެވެ. އެއީ އެކުރާ އަޅުކަމެއް ﷲ އަށް ޚަލާސް ކުރުމާއި ރަސޫލުﷲ ޞަލަﷲ އަލަހި ވަޞައްލަމަ އެކަމެއް ކުރަން އަންގަވާފައިވާ ގޮތަށް އެކަމެއް ކުރުމުންނެވެ.

މިހެން މިކަން އޮތް އިރު އެއްވެސް އިޚްލާސްތެރިކަމެއް ނެތި ހަމައެކަނި ދެއްކުން ތެރިކަމަކަށް އެކަން ކުރެވޭނަމަ އަދި އެކަމަކީ އަޅުކަމެއް ކަމުގައި ނުވެއެވެ. ވީމާ، ހަމަ އެކަނި ހުކުރު ދުވަހު ހުކުރު ނަމާދަށް ތުއްތު ކުދިން ގެންދިއުމުގެ ބަދަލުގައި، ދުވަހުގެ އެހެނިހެންވެސް ނަމާދުތައްވެސް ކުދިންލައްވާ ކުރުވުމަށް ސަމާލުކަން ދީ އެކަމަށް އާދަ ކުރުވަން ޖެހެއެވެ. ދަރިންނަށް ދޭންޖެހޭ ރިވެތި އަޚްލާޤަށް ފަރުވާ ކުޑަކުރުމަކީ އޭގެ ހިތިނަތީޖާ ދެދުނިޔޭގައިވެސް ލިބިގެންދާނޭ ކަމެކެވެ.

އެއް ކޮމެންޓް

  1. alhugadu 4 aharuge dharifulhu beybe aa ga miskithah gosfa migothah fahathah eburi balaahadhaathy miskithah dhaamyhun alhugadu fennah irah ves by naane miskithah gosfa haadha kanthah hunna kuhjekey miey. E kamaa v dhera vegen dharifulhu dhen ulheyne edhuvahaku. Aslu evaru kudhin aslu mi report ga bunaagothah kankan kureveyne.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close