ލަންދޫގެ ކުޑަކުދިން – ޕާރކެއްގެ އިންތިޒާރުގައި
ނ.އަތޮޅުގައި އުމުރާނީ ގޮތުން އެންމެބޮޑަށް ތަރައްޤީވެފައިވާ އެއްރަށަކަށް ނ.ލަންދޫވާނެކަން ޔަޤީނެވެ. މިތަރައްޤީ އެރަށަށް ގެނައުމަށްޓަކައި އެރަށުގެ ރައްޔިތުން ވަނީ ވަރަށް ބޮޑަތި ޤުރުބާނީ ތަކެއް ވެލައްވާފައެވެ. ހާއްޞަކޮށް ރައްޔިތުންގެ ގޮތުން އެރަށުގެ ރައްޔިތުންވަނީ ޢުމުރާނީ ތަރައްޤީގެ އެތައް އެތައް މަސައްކަތްތަކެއް ކޮށްފައެވެ. މީގެ ތެރޭގައި ރައްޔިތުން ހިތްހަމަޖައްސަށް ގޮސްތިބޭނެ ތަފާތު ފިނި މައިޒާންތަކުން ފެށިގެން މިސްކިތްތަކާއި ، އިންޖީނުގޭގެ އިތުރުން އަށްސަތޭކަ ފޫޓްގެ ދިގު ތާރީޙީ ޖެޓީ ފާހަގަކޮށްލެވެއެވެ.
ޒަމާނަށް އައި ބަދަލާއި އަދި ސިޔާސީ ގޮތުން ރައްޔިތުންގެ ވިސްނުމަށް ބޮޑަތި ބަދަލްތަކެއް އައިސްފައި ވީނަމަވެސް ލަންދޫގެ ރައްޔިތުންނަކީ މިއަދުވެސް ރަށުގެ ތަރައްޤީ އާއި ކުރިއެރުމަށް މަސައްކަތް ކުރަން ތައްޔާރަށް ތިބި ރައްޔިތު ބައެއްކަން މިފަހަކަށް އައި ރައްޔިތުންނަށް އަމާޒުކުރެވިގެން ހިންގުނު ހަރަކާތްތަކުން އެނގިގެން ދެއެވެ.
ލަންދޫގެ ތަރައްޤީގައި އާއްމުން މުނިފޫހި ފިލުވުމަށް ބޭނުންވާނެ ތަފާތު މައިޒާންތަކާއި ތަންތައް ހެދިފައިވީ ނަމަވެސް ތުއްތު ކުދިންނަށް ނުވަތަ ކުޑަކުދިންނަށް އަމާޒުކޮށް އެއްވެސް ތަނެއް މިއަދާއި ހަމައަށް ހެދިފައެއް ނުވެއެވެ. ނ. އަތޮޅުގެ ގިނަ ރަށްތަކެއްގެ އިތުރުން ރާއްޖޭގެ ގިނަ ރަށް ތަކަށް ބަލާލި ކަމުގައި ވިޔަސް ކުޑަކުދިންގެ ޕާރކެއް ނެތް ރަށެއް ވަރަށް މަދުކަން ފާހަގަ ކުރެވެއެވެ. އަދި މިހާތަނަށް ކުޑަކުދިންގެ ޕާރކް ނެތް ރަށްރަށުގައި އެރަށްރަށުގެ ކައުންސިލް ތަކުންނާއި ރަށްރަށުގެ ރައްޔިތުން އިސްނަގައިގެން ކުޑަކުދިންނަށް ޕާރކުތައް ހަދަމުން އަންނަކަން މިފުޞަތުގައި ފާހަގަކޮށްލަން ޖެހެއެވެ. މިގޮތުން ލަންދޫގެ އެންމެ އަވަށްޓެރި މާޅެންދޫގައި ކުޑަކުދިންގެ ޕާރކެއް ހެދުމަށް ބޭނުންވާ އެންމެހާ ތަކެތި މިހާރު އެވަނީ އެރަށަށް ގެނެސްފައެވެ.
މިހެންކަމާއި އެކު ލަންދޫގައިވެސް ބަނދަރު ހެދުމާއި ، ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމާއި ، ބޮޑު މިސްކިތެއް ޢިމާރާތް ކުރުމަށް މަސައްކަތް ކުރާ ފަދައިން ފެންވަރު ރަނގަޅު ކުޑަކުދިންގެ ޕާރކެއް އެޅުމަށްވެސް މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރަންޖެހެއެވެ.
ލަންދޫގެ ބަނދަރު ބޮޑުކުރުމުގެ ވާހަކަ ދައްކާއިރު ލަފާފުރުމަށް ދަތި ނުވާވަރުގެ ބަނދަރެއް މިހާރުވެސް އެބައޮތެވެ. ފުޓްބޯޅަ ދަނޑުގައި ޓާރފް އަޅާވާހަކަ ދައްކާއިރު ފެންވަރު ރަނގަޅު ފުޓްސެލް ދަނޑެއް އެބައޮތެވެ. ހަމަ އެހެންމެ އެންމެ ޒަމާނީ މިސްކިތެއް ނޫންނަމަވެސް ލަންދޫއަށް ފުދޭވަރުގެ މިސްކިތެއް މިހާރުވެސް އެބަހުއްޓެވެ.
ކުޑަކުދިންނަށް އެކުދިންގެ ހުސްވަގުތުތައް ރަނގަޅު ގޮތުގައި ހޭދަކޮށްލައި ކުޅިވަރު ކުޅެ މަޖާކޮށްލާނެ އެއްވެސް ތަނެއް ލަންދޫގައި އަދިއެއް ނެތެވެ. ބެލެނިވެރިން އެބައިމީހުންގެ ތުއްތު ކުދިން ގުވައިގެން ހުސްވަގުތުތަކުގައި ވަކިން ހާއްޞަކޮށް ހަވީރު ވަގުތު ގޮސްލާނެ ވަކި ހާއްޞަ ތަނެއް ލަންދޫގެ ފަސްގަނޑަކު އަދިއެއް ނެތެވެ.
މިހެންކަމާއި އެކު އަޅުގަނޑުގެ ނަޒަރުގައި މިއަދު ލަންދޫއަށް އެންމެބޮޑަށް ބޭނުންވާ އެއްކަމަކީ ފެންވަރު ރަނގަޅު ކުޑަކުދިންގެ ޕާކެއް ހެދުމެވެ. މިކަން ކުރުމުގައި އަވަށްޓެރި މާޅެންދޫއިން ކަންކުރިގޮތަށް ކަމާއި ގުޅޭ މިނިސްޓްރީ ތަކުގައި ދަންނަވައިގެން އެހީ ހޯދައިގެން ވޭތޯ ބެލިދާނެއެވެ. ނޫނީ މަނަދޫގައި އެކަށްކުރިގޮތަށް ރަށުގެ ބަޖެޓުން ބޭނުންވާ ތަކެތި ގަނެގެންވެސް ކުރެވިދާނެއެވެ.
ލަންދޫގައި ފެންވަރު ރަނގަޅު ޕާކެއް ހެދިއްޖެނަމަ އޭނގެފައިދާ އެންމެހާ ރައްޔިތުންނަށް ލިބިގެންދާނެކަން ޔަޤީން ކަށަވަރެވެ. މިހެންކަމާއި އެކު އެންމެ އިސްކަމެއްގެ ގޮތުގައި މިކަން ނުކުރަންވީ ސަބަބެއް ނެތެވެ.

Landhooga kuda kudhinge parkeh alhan jehe eve. Park elhumattaka kommehen hadhan ulhey bodu miskithaai falhu bodu kurumuge mashroou huttaakahves nujehe. Liumuga ekankan kuran nujehey gothah vaahaka nudhekkumuge badhaluga ekankan kuraa fadhain park ves alhan jehey kamah faahaga kollinama liun varah salhiveeheve.
އިންޖީނުގޭގެ އިތުރުން އަށްސަތޭކަ ފޫޓްގެ ދިގު ތާރީޙީ ޖެޓީ ފާހަގަކޮށްލެވެއެވެ. މީކޮން ރަށެއްގައި އޮތް ޖެޓީއެއްބާ ލިޔުންތެރިޔާ ކުޑަކޮށް ލޯހުޅުވާލައިގެން ލިޔާނަމަ ރީވިސް ކަންނޭންގެ ދޯ