އެމްޑީޕީ މޭ ހައެއް ކޮމިޓީގެ މިސްރާބު އިސްލާމް ޓީޗަރުންނާއި ދިމާލަށް
އެމްޑީޕީ “މޭ ހައެއް” ކޮމިޓީގެ މިސްރާބު ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދެއްވާ އިސްލާމް ޓީޗަރުންނާއި ދިމާލަށް އެނބުރިއްޖެއެވެ.
އެގޮތުން ރާއްޖޭގެ ސްކޫލްތަކުގައި އިސްލާމް މާއްދާ ކިޔަވައިދޭ ޓީޗަރުންނަކީ ހަރުކަށި ފިކުރުގެ ބައެއް ނޫންކަން ކަށަވަރުކުރުން މުހިއްމު ކަމަށް އެމްޑީޕީގެ “މޭ ހައެއް” ކޮމިޓީން ބުނެފިއެވެ.
އެހެނަސް މި ކޮމިޓީއަކީ އެމްޑީޕީގެ “މޭ ހަޔެއް” ކޮމެޓީއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާއާ ގުޅިގެން ދައުލަތުގެ އިދާރާތަކުން އަމަލު ކުރަމުން ގެންދާ ގޮތް ބެލުމުގެ ނަމުގައި އެމްޑީޕީން އުފައްދާފައިވާ ކޮމެޓީއެކެވެ.
އެގޮތުން ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ ހަރުކަށި ފިކުރު ނައްތާލުމަށް ކުރެވޭ މަސައްކަތުގައި ޒުވާނުންނާއި ސްކޫލް ކުދިންނަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.
ބައެއް ސްކޫލްތަކާއި ތައުލީމުދޭ ބައެއް މަރުކަޒުތަކުގައި އިސްލާމް ޓީޗަރުންގެ ގޮތުގައި ދާ ފަރާތްތަކުން ދަރިވަރުންނަށް ދޭ މައުލޫމާތުތަކުގެ ސަބަބުން ހަރުކަށި ފިކުރަށް ކުދިން އެނބުރިދާނެ ކަމަށް ބައެއް ފަރާތްތަކުގެ ކިބައިން ހަބަރު ލިބިފައިވާ ކަމަށް އަފީފް ވިދާޅުވިއިރު، އެ ޚަބަރުތައް އަފީފަށް ލިބިވަޑައިގެންނެވި ގޮތެއް ވިދާޅެއް ނުދެއްވައެވެ.
އެކަމާއި ގުޅިގެން ވާހަކަދައްކަވަމުން އަފީފު ވިދާޅުވީ “އަޅުގަނޑުމެން ވަރަށް ބޮޑަށް ބާރުއަޅާ ކަމެއް ސްކޫލް ދައުރުގައި، އިސްލާމް ޓީޗަރުންނަށް ފޮނުވާ ފަރާތްތަކަކީ މި ދެންނެވި ފަދަ ހަރުކަށި ފިކުރު ނޫން ފަރާތްތަކަކަށް ވުން” ކަމަށެވެ.
މިކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީއާއެކު ބޭއްވި ބައްދަލުވުމުގައި ވެސް މަޝްވަރާ ކުރި ކަމަށާއި އެގޮތުން އެއީ ކުރަންޖެހޭ ކަމެއް ކަމަށް އެ މިނިސްޓްރީގެ ބޭފުޅުން ވެސް ގަބޫލުކުރައްވާ ކަމަށް އަފީފް ވިދާޅުވިއެވެ.
އަފީފު މިފަދައިން ވިދާޅުވެފައިވާއިރު، އިސްލާމިކް މިނިސްޓްރީގެ ފަރާތުން އިސްލާމް ޓީޗަރުންގެ ހަރުކަށި ކަމާއިގުޅިގެން ނުވަތަ އެފަދަ ތުހުމަތުތަކެއް ކުރެވިގެން އެ މިނިސްޓްރީއާއި ރާއްޖޭގެ އެއްވެސް މުއައްސަސާއަކުން ވާހަކަދެއްކިކަމެއް ހާމަކުރައްވާފައެއް ނުވެއެވެ.
ދެން އުފެދޭ ސުވާލަކީ، އެމް.ޑީ.ޕީ ން އެބުނާ ހަރުކަށި ފިކުރުގެ ވާހަކަ ދެއްކުމުގެ ފުރުޞަތު އޮތީ އިސްލާމް ޓީޗަރުންނަށް އެކަނި ބާވައެވެ.
ހަރުކަށި ފިކުރުގެ ޓެގް އަޅުވައިގެން ދީނީ ޢިލްމުވެރިންނާއި ދީނަށް ޚިދުމަތް ކުރަމުންދާ ޖަމްޢިއްޔާތަކާއިމެދު ޢާންމުގެ މެދުގައި ނަފްރަތު އުފެއްދުމަކީ އެމް.ޑީ.ޕީގެ ސިޔާސަތަކަށް ވެފައިވާކަހަލައެވެ.
އެމް.ޑީ.ޕީން އެ ވިދާޅުވާ މެދުމިނުގެ ދީނަކީ ކޮބައިކަން އަދި މިވީހާ ދުވަހަށްވެސް އެ ޕާޓީއަށް ހާމަކޮށްދެވިފައިނުވާއިރު ހަރުކަށި ފިކުރޭ ކިޔައިގެން މިދައްކަމުންދާ ވާހަކަތައްވެސް ދެކޮޅެއް ނުޖެހެއެވެ. އެހެންނަމަވެސް، އެ ޕާޓީގެ ބައެއް އިސް މަޤާމުތަކުގައިތިބި ފަރާތްތަކުން ދައްކަވާ ވާހަކަފުޅުތަކުންނާއި ސޯޝަލް މީޑިޔާގައި ހާމަކުރައްވާ ޕޯސްޓުތަކުން މެދުމިނަކީ މިއުޒިކް ޙަރާމް ނުކުރާ، ބިރެއްނެތި މަޖާކުރެވޭ، ކޮންމެ ކަމަކަށްވެސް މިނިވަންކަން އޮތުންކަން ހާމަވެގެންދެއެވެ.
އިސްލާމް ޓީޗަރުންނާއި ބެހޭ ގޮތުން މިފަދަ ދަނޑިވަޅެއްގައި އެފަދަ ވާހަކައެއް ދެއްކުމުގެ އެންމެ ބޮޑު ބޭނުމަކީ، ކިޔަވަންދާ ދަރިވަރުންނާއި ބެލެނިވެރިންގެ ހިތުގައި ކަނޑައެޅިގެން ބިރުވެރިކަމާއި ނަފްރަތު އުފެއްދުންކަމަށް ނޫނީ ނުވާނެއެވެ. އަދި މިއީ އިސްލާމް ކިޔަވައިދެއްވާ ޓީޗަރުންނަށް ނުސީދާކޮށްދިން އިންޒާރަކަށްވުންވެސް އެކަށީގެންވެއެވެ. ދަރިވަރުން ކޮންމެފަދަ ޢަމަލެއް ކުރިކަމުގައިވިޔަސް އެކަން މަނާކުރުމުގެ ގޮތުން އިސްލާމް ޓީޗަރު އެކުދިންނަށް ނަޞޭޙަތްތެރި ނުވުމަށް ނުސީދާކޮށް ބުނެވޭ ބުނުމަކަށް މިކަން ވާނެއެވެ.
އިސްލާމް މާއްދާ އާއި ޤުރްއާން މާއްދާ ކިޔަވައިދެއްވާ ޓީޗަރުންގެ ބޮލުގައި ތަފާތު ތުހުމަތު އަޅުވާ އެ ފަދަ މަޤާމުތަކުން މީހުން ބޭރުކުރުމަކީ ރާއްޖޭގައި ވަރަށް ޢާންމުވެފައިވާ ކަމެކެވެ. އެކަމުގެ ސަބަބުން ދާއިމީ މަޤާމްތަކުގައި ތިބި ޤާބިލް މުދައްރިސުން ސްކޫލުތަކުން ބޭރުކުރަންޖެހި ސެޓްފިކެޓް ލެވެލްގެ ކޯހެއް ހަދާފަނެއް ފަރާތްތަކުންވެސް ސްކޫލަށް ގެންނަން ބައެއް ސްކޫލްތަކަށް ޖެހިފައިވާކަމީ މިއަދުވެސް ފެންނަމުންދާ ޙަޤީޤަތެކެވެ.
އެފަދަ ޙާދިސާތައް ވަނީ ވޭތުވެދިޔަ އަހަރުތަކުގައިވެސް ރާއްޖޭގައި ހިނގާފައެވެ.
ލާދީނީ ބައިގަޑު ތެޅިފޮޅެނީ
Enme fahun miskithuge imaamunge bolugai, geyga thibi anbidharinge boluga ves alhuvaane