ކަރަންޓީން ނުވެ ކެމްޕެއިން ކުރުމަށް ރަށްރަށަށް ދެވޭގޮތަށް ޤަވައިދު އިސްލާޙްކުރީ ކީއްވެ؟
މުޅިދުނިޔެއަށް ކުރިމަތިވެފައިވާ ޢާލަމީ ވަބާ ( ކޮވިޑް-19 ) ގެ ސަބަބުން ދިމާވެފައިވާ ދަތިތަކާއެކުވެސް ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް މަޖްލިސުން ނިންމާފައިވާތީ އާއި، އަދި އެއިންތިޚާބު ބޭއްވުމަށް އެލެކްޝަންސް ކޮމިޝަނުން ހުރިހާތައްޔާރީތަކެއް ވެފައިވާއިރު އެ އިންތިޚާބު ބޭއްވުމުގައި ޤާނޫނުގައި ބުނާ ހަމަތަކަށް ފައްތައިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ކަންކަން ފަހިކޮށްދިނުމަށް ލާޒިމް ކުރާތީ އެޗްޕީއޭގެ އުޞޫލަށް ވަނީ އިއްޔެ އާ އިސްލާހެއް ގެނެސްފައެވެ.
މިހާރު އިއުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި އިންތިޚާބު ބާއްވާނަމަ، އިންތިޚާބު ބޭއްވުމުގައި އަމަލުކުރަންޖެހޭ ގޮތުގެ ގައިޑްލައިނެއް އެޗްޕީއޭއިން އެކުލަވާލާ އާންމު ކުރަންވާނެކަމަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން އެޗްޕީއޭއިން އިންތިޚާބު ކުރިއަށް ގެންދާނެގޮތުގެ ގައިޑްލައިނެއް އެކުލަވާލާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވިއެވެ. ނަމަވެސް އެ ގައިޑްލައިނާއި އެއްގޮތަށް އިންތިޚާބު ކުރިއަށް ގެންދިއުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކޮށް އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހާއި ހިއްސާކުރައްވާފައެވެ.
މިއާއެކު އިލެކްޝަންސް ކޮމިޝަނާއި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެންބަރުންގެ އެދިވަޑައިގަތުމަށް އެޗްޕީއޭއިން ވަނީ ކަރަންޓީން ނުވެ ފަސް ދުވަހުގެ މުއްދަތަށް ކެނޑިޑޭޓުންނަށް ކެމްޕެއިންކުރުމަށް ރަށްރަށް ދެވޭނެ އައު ގައިޑްލައިނެއް އެކުލަވާލާފައެވެ. އެ އިސްލާހަކީ އިންތިޚާބީ އެންމެހައި ކަންކަން ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށް ގެންދިއުމުގެ މަޤްޞަދުގައި އެޗްޕީއޭއިން ގެނައި އިސްލާޙެއްކަން ވަނީ ބަޔާންވެސް ކޮށްފައެވެ.
ނަމަވެސް ޢާންމުންގެ ފާޑުކިއުންތައް އަމާޒުވެ އެ ގައިޑްލައިން ޢާންމުކުރިތާ 24 ގަޑިއިރު ނުވަނީސް އެޗްޕީއޭއިން ވަނީ އެ ގައިޑްލައިން ރޭ އުވާލައިފައެވެ. އެ އިސްލާޙް އުވާލި ހިސާބުން ފެށިގެން ދެން ބައެއް ކެންޑިޑޭޓުންނާއި، މަންދޫބުން އުފައްދަމުން ދިޔަ ސުވާލަކީ ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުޞަތެއް ޤާއިމް ކޮށްނުދީ އިންތިޚާބު ބާއްވަނީ ހެއްޔެވެ؟ މިސުވާލެވެ.
ސުވާލުގެ ޖަވާބު ވަރަށް ސާފުޢިބާރާތުން ވަނީ އެލެކްޝަންސް ކޮމިޝަނުގެ ރައީސް ދެއްވާފައެވެ. މިބަދަލާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ކަރަންޓީން ނުވެ ކެމްޕެއިން ކުރުމަށް އޮތް އުސޫލު އުވާލުމަކުން އިންތިޚާބަށް އެއްވެސް އަސަރެއް ނުކުރާނެކަމަށެވެ.
ނަމަވެސް އެޗްޕީއޭގެ ފިޔަވަޅުތަކާއެކު ކެމްޕެއިންކުރުން މިނިވަންކަމާއި ހަމަހަމަކަމާއެކު ފުރުޞަތު ދިނުމަށް އެޗްޕީއޭގައި ދަންނަވާފައިވާނެކަމަށާއި، އެގޮތުން ސަރުކާރަށް ނިސްބަތްވާ ކެނޑިޑޭޓުންނާއި އިދިކޮޅު ކެނޑިޑޭޓުންނަށްވެސް އެއް ހަމައަކުން އަމަލުކުރެއްވުމަށް އެދިފައިވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
އިންތިޚާބުތަކާއި ބެހޭ ޤާނޫނު ބުނާގޮތުން އިންތިޚާބު ބޭއްވުމުގެ 28 ދުވަސް ކުރިން ކެނޑިޑޭޓުންނަށް ހަމަހަމަ ކަމާއެކު ކެމްޕެއިން ކުރުމުގެ ފުރުޞަތު ދޭންޖެހެއެވެ. އެއީ މިމަހުގެ 12 އިން އަންނަ އޭޕްރީލް މަހުގެ 9 ވަނަ ދުވަހުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށެވެ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހުއެވެ. އެ އިންތިޚާބުގައި 3934 ކެނޑިޑޭޓުން ވާދަކުރެއެވެ.
ކަރަންޓީނު ނުވެ ރަށްރަށަށް ދެވޭ އިސްލާޙް އެޗްޕީއޭއިން ފާސްކުރީ ފަހަރެއްގައިވެސް ކޮވިޑްގެ ބަލިމަޑުކަން މުޅިރާއްޖެއަށް ފެތުރުމުގެ މަޤްޞަދުގައެއް ނޫނެވެ. ޤާނޫނުން އެކަން އެގޮތަށް ކުރުމަށް ލާޒިމްކުރީމައެވެ.

