ބޭރުދުނިޔެ

ސައުދީގައި ގަވާއިދުތަކާ ހިލާފަށް އުޅެމުންދިޔަ އެގާރަ ހާހަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި

ސައުދީ އަރަބިއްޔާގެ އިގާމާ ގަވާއިދާއި، މަސައްކަތްކުރުމާ ބެހޭ ގަވާއިދުތަކުގެ އިތުރުން ބޯޑަރުގެ ސަލާމަތީ އުސޫލުތަކާ ހިލާފުވި 11،967 މީހަކު ފާއިތުވި އެއް ހަފުތާގެ ތެރޭގައި ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ ރަސްމީ ނޫސް އެޖެންސީ (އެސް.ޕީ.އޭ) އިން ހޮނިހިރު ދުވަހު ރިޕޯޓުކޮށްފިއެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ އިގާމާ ގަވާއިދާ ހިލާފުވި 7،650 މީހުންނާއި، ގަވާއިދާ ހިލާފަށް ބޯޑަރު ހުރަސްކުރަން އުޅުނު 2،952 މީހުންގެ އިތުރުން، ވަޒީފާއާ ބެހޭ ގަވާއިދުތަކާ ހިލާފުވެގެން ހައްޔަރުކުރި 1،365 މީހުންނެވެ.

ރިޕޯޓުގައިވާ ގޮތުން، ގަވާއިދާ ހިލާފަށް ސައުދީއަށް އެތެރެވާން އުޅެނިކޮށް ހައްޔަރުކުރި 1،140 މީހުންގެ ތެރެއިން 71 އިންސައްތައަކީ އިތިއޯޕިއާ މީހުންނެވެ. އަދި 26 އިންސައްތައަކީ ޔަމަން މީހުން ކަމަށްވާއިރު، ބާކީ 3 އިންސައްތައަކީ އެހެނިހެން ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ.

މީގެ އިތުރުން، ސައުދީ ބޯޑަރު ހުރަސްކޮށް އަވަށްޓެރި ގައުމުތަކަށް އެތެރެވާން އުޅުނު 42 މީހަކާއި، ގަވާއިދާ ހިލާފަށް އުޅޭ މީހުންނަށް ދަތުރުފަތުރުގެ ހިދުމަތްދީ، ބޭތިއްބުމުގެ އެހީތެރިކަން ފޯރުކޮށްދިން 17 މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށް އެސް.ޕީ.އޭ އިން ހާމަކުރެއެވެ.

ސައުދީ އިންޓީރިއާ މިނިސްޓްރީން އިންޒާރު ދީފައިވާ ގޮތުގައި، ގަވާއިދާ ހިލާފަށް އެ ގައުމަށް އެތެރެވުމަށް އެއްވެސް ސިފައެއްގައި އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް، އޭގެ ތެރޭގައި ދަތުރުފަތުރުގެ ވަސީލަތްތަކާއި ހިޔާވަހިކަން ފޯރުކޮށްދިނުން ހިމެނޭހެން، ގިނަވެގެން 15 އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ. މީގެ އިތުރުން، 1 މިލިއަން ސައުދީ ރިޔާލާ (ގާތްގަނޑަކަށް 267،000 އެމެރިކާ ޑޮލަރު) އާ ހަމައަށް ޖޫރިމަނާ ކުރުމާއި، އެކަމަށް ބޭނުންކުރި އުޅަނދުތަކާއި މުދާ ދައުލަތަށް ނެގުމުގެ ބާރު ވެސް އޮވެއެވެ.

މިފަދަ ގަވާއިދާ ހިލާފު އެއްވެސް ކަމެއް ފާހަގަކުރެވިއްޖެ ނަމަ، މައްކާ އަދި ރިޔާދު ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން 911 އަށް، އަދި އެހެނިހެން ސަރަހައްދުތަކުން 999 ނުވަތަ 996 އަށް ގުޅައި ރިޕޯޓު ކުރުމަށް ސައުދީ ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close