ދެކުނު ކޮރެއާގެ ފުލުހުންގެ އެންމެ އިސްވެރިޔާ ހައްޔަރުކޮށްފި

ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލްގެ ނާކާމިޔާބު މާޝަލް ލޯ (އަސްކަރީ ގާނޫނު) އާ ގުޅިގެން ހިނގަމުންދާ ތަޙްޤީޤުގެ ދަށުން އެގައުމުގެ ފުލުހުންގެ އެންމެ އިސްވެރިޔާ ހައްޔަރުކޮށްފިއެވެ.
ޔޮންހަޕް ނިއުސް އޭޖެންސީއިން ބުދަ ދުވަހު ބުނީ މިތަހްޤީޤުގެ ދަށުން އެންމެ ފަހުން ހައްޔަރުކުރެވުނު އިސްވެރިޔައަކީ ފުލުހުންގެ އެންމެ އިސްވެރިޔާކަމަށެވެ. މި މައްސަލައިގެ ސަބަބުން ޤައުމު ވަނީ ޤާނޫނީ ބޮޑު ހަމަނުޖެހުމަކަށް ވެއްޓިފައެވެ.
އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ ކަމަށްވާ ޑިމޮކްރެޓިކް ޕާޓީ (ޑީޕީ) އިން ބުދަ ދުވަހު ބުނެފައިވަނީ ހޮނިހިރު ދުވަހު ރައީސް ޔޫންގެ މައްޗަށް އިމްޕީޗްމަންޓް (ޢަޒުލުކުރުމުގެ) ވޯޓެއް ނެގުމަށް ޕާލަމެންޓުގައި ރާވާފައިވާ ކަމަށެވެ. ރައީސްގެ ޕީޕަލްސް ޕަވަރ ޕާޓީ (ޕީޕީޕީ) ގެ ބައެއް މެންބަރުން ވެސް މި މޯޝަނަށް ތާއީދުކޮށްފައިވެއެވެ.
“އިމްޕީޗްމަންޓްގެ ހުރިހާ އިންތިޒާމެއް މިހާރު ވަނީ ނިމިފައި. މިހާރު މިކަން ހުއްޓުވޭނެ އެއްވެސް ގޮތެއް ނެތް،” ޑީޕީގެ ލީޑަރު ލީ ޖޭ-މިޔޮންގް ވިދާޅުވިއެވެ.
ފުރަތަމަ އިމްޕީޗްމަންޓް ވޯޓު ނާކާމިޔާބުވެފައިވަނީ ގިނަ ޕީޕީޕީ މެންބަރުން އެ ޖަލްސާ ބޮއިކޮޓްކުރުމާ ގުޅިގެންނެވެ.
ރައީސް ޔޫންގެ ކުއްލި މާޝަލް ލޯ އިޢުލާނުކުރުމުން ޤައުމު ވަނީ ސިހިފައެވެ. އަދި އޭޝިއާގެ ހަތަރުވަނައަށް އެންމެ ބޮޑު އިޤްތިޞާދާއި އެމެރިކާގެ މުހިންމު އެއް ބައިވެރިޔާ ދެކުނުކޮރެއާ ވަނީ ލީޑަރޝިޕްގެ ހަމަނުޖެހުމަކަށް ވެއްޓިފައެވެ. މީގެ ސަބަބުން ގައުމުގެ ޑިޕްލޮމެޓިކް އަދި އިޤްތިޞާދީ ދާއިރާތަކަށް ވެސް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ.
ޔޮންހަޕްގެ ރިޕޯޓުގައިވާ ގޮތުން، ނެޝަނަލް ޕޮލިސް ކޮމިޝަނަރ ޗޯ ޖީ-ހޯ ވަނީ ބުދަ ދުވަހުގެ ފަތިހު ބަޣާވާތުގެ ދަޢުވާގެ ދަށުން ހައްޔަރުކޮށްފައެވެ. ޗޯ އަށް ތުހުމަތުކުރެވެނީ ޑިސެމްބަރ 3 ވަނަ ދުވަހު ރައީސް ޔޫން މާޝަލް ލޯ އިޢުލާނުކުރުމަށްފަހު، ޕާލަމެންޓަށް ވަނުން މަނާކުރުމަށް ފުލުހުން ބޭނުންކުރި ކަމަށެވެ.
ރައީސް ޔޫންގެ ކުއްލި އިޢުލާނަށްފަހު، އަމިއްލަ ޕާޓީގެ ބައެއް މެންބަރުންނާއެކު ގިނަ މެންބަރުން ޕާލަމެންޓް ވަށައިގެން ޤާއިމުކޮށްފައިވާ ސެކިއުރިޓީ ކޯޑަން ފަހަނައަޅައި ގޮސް، މާޝަލް ލޯ ވަގުތުން އުވާލުމަށް ވޯޓުލާފައިވެއެވެ. އޭގެ ގަޑިއިރުތަކެއް ފަހުން ރައީސް ޔޫން ވަނީ މާޝަލް ލޯ އުވާލާފައެވެ.
ރައީސް ޔޫން އަމިއްލައަށް މިހާރު ވަނީ ބަޣާވާތުގެ ދަޢުވާގެ ދަށުން ޖިނާއީ ތަޙްޤީޤެއްގެ ދަށަށް އައިސްފައެވެ. ނަމަވެސް އަދި އޭނާ ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި ބަޔާނެއްވެސް ނަގާފައެއް ނުވެއެވެ.
ރައީސް ޔޫން މަޢާފަށް އެދިފައިވީ ނަމަވެސް، އަމިއްލަ ޕާޓީގެ ބައެއް މެންބަރުންވެސް ހިމެނޭ ގޮތަށް އިތުރުވަމުންދާ އިސްތިޢުފާގެ ގޮވާލުންތަކަށް އަދި ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
ހޮނިހިރު ދުވަހު ލައިވް ޓެލެވިޜަންގައި މަޢާފަށް އެދުމަށްފަހު ރައީސް ޔޫން އާންމުކޮށް ފެނިފައެއް ނުވެއެވެ. ޕީޕީޕީގެ ލީޑަރު ހަން ޑޮންގް-ހޫން ވިދާޅުވެފައިވަނީ ރައީސް އިސްތިޢުފާ ދިނުމަށް “ހަރުދަނާ” ގޮތެއް ޕާޓީން ހޯދަމުންދާއިރު، ބޮޑުވަޒީރު ހަން ޑަކް-ސޫ ދައުލަތުގެ ކަންކަން ބަލަހައްޓަވާނެ ކަމަށެވެ.
އިދިކޮޅު ޕާޓީތަކާއި ބައެއް ޤާނޫނީ މާހިރުން މިކަމުގެ ޤާނޫނީ ޞައްޙަކަމާމެދު ސުވާލު އުފައްދާފައިވެއެވެ.
ޤައުމު ހިންގަމުންދަނީ ކާކުތޯ އެހުމުން ރައީސް ޔޫންގެ އޮފީހުން އަންގާރަ ދުވަހު ބުނެފައިވަނީ “ރަސްމީ ބަހެއް ނެތް” ކަމަށެވެ.
އާމީ ސްޕެޝަލް ވޯފެއަރ ކޮމާންޑްގެ ކޮމާންޑަރ ކްވާކް ޖޮންގް-ގޫން އަންގާރަ ދުވަހު ޕާލަމެންޓްގެ ކޮމިޓީއެއްގައި ބުނެފައިވަނީ ޑިސެމްބަރ 3 ވަނަ ދުވަހު ރައީސް ޔޫން އޭނާއަށް އަމުރުކުރެއްވީ ޕާލަމެންޓަށް ސިފައިން ފޮނުވައި، “ދޮރު ފަޅާލައި” އަދި މެންބަރުން “ގަދަކަމުން ދަމައި ނެރުމަށް” ކަމަށެވެ.
ރައީސް ޔޫންގެ އޭރުގެ ދިފާޢީ ވަޒީރު، ކިމް ޔޮންގް-ހިޔުން ވެސް ވަނީ ހަމަ މި އަމުރު ނެރުނު ކަމަށް ސިފައިންގެ އޮފިސަރުން ތުހުމަތުކޮށްފައެވެ. ކިމް ވަނީ އިސްތިޢުފާ ދީފައެވެ. އަދި އޭނާވަނީ، ހައްޔަރުކުރެވިފައެވެ.
ބުދަ ދުވަހު ޕާލަމެންޓުގައި ރައީސް ޔޫން އިމްޕީޗްކުރުމަށް ބިލެއް ހުށަހެޅުމަށް ޖަލްސާއެއް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. މި ބިލު ފާސްކުރުމަށް އިދިކޮޅު ޕާޓީތަކުގެ އަޣުލަބިއްޔަތު އޮންނަ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ ވޯޓު ބޭނުންވެއެވެ. އޭގެ ފަހުން ކޮންސްޓިޓިއުޝަނަލް ކޯޓުން މައްސަލަ ބަލައި، ރައީސް މަޤާމުން ވަކިކުރުމާމެދު ގޮތެއް ނިންމާނެއެވެ.
ކިއާ ކޯޕަރޭޝަންގެ މަސައްކަތްތެރިންވެސް ހިމެނޭ ގޮތަށް ޤައުމުގެ މެޓަލް ވަރކަރސް ޔޫނިއަނުން ބުދަ ދުވަހަށް އިހުތިޖާޖީ ހުއްޓުމެއް އިޢުލާނުކޮށްފައިވެއެވެ. ބޭންކް އޮފް ކޮރެއާގެ މުވައްޒަފުންވެސް ހިމެނޭ ގޮތަށް މާލީ އިދާރާތަކުގެ މެންބަރުން ބުދަ ދުވަހު އިހުތިޖާޖީ އެއްވުމެއްގައި ބައިވެރިވުމަށް ރާވާފައިވެއެވެ.




