ރަމަޟާން މަހު މަސްޖިދުލް އަޤްޞާއަށް ނަމާދަށް ދިއުމުގެ ހުއްދަ 10،000 ފަލަސްޠީނު މީހުންނަށް އިސްރާއީލުން ދީފި

ބުދަ ދުވަހު ފެށުނު މުޤައްދަސް ރަމަޟާން މަހުގެ ތެރޭގައި، އިރުމަތީ ޤުދުސްގައި ހުންނަ މަސްޖިދުލް އަޤްޞާގައި ކުރާ ތަރާވީޙު ނަމާދުތަކުގައި ބައިވެރިވުމަށް، ހަފުތާއަކު 10،000 ފަލަސްޠީނު މީހުންނަށް ހުއްދަ ދޭނެކަން އިސްރާއީލުން އިޢުލާންކޮށްފިއެވެ.
ނަމަވެސް، އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އަޤްޞާ މިސްކިތުގެ ގޯތިތެރެއަށް ވަނުމުގައި ހަރުކަށި އުޞޫލުތަކެއް ކަނޑައަޅާފައެވެ. އެގޮތުން، މިސްކިތަށް ވަނުމުގެ ހުއްދަ ދިނުމަށް ނިންމާފައިވަނީ ޢުމުރުން 55 އަހަރުން މަތީގެ ފިރިހެނުންނަށާއި، 50 އަހަރުން މަތީގެ އަންހެނުންނަށެވެ. އަދި ކުޑަކުދިންގެ ތެރެއިން ހުއްދަ ދޭނީ 12 އަހަރުން ދަށުގެ ކުދިންނަށް އެކަންޏެވެ.
ފަލަސްޠީނުގެ މަދަނީ ކަންކަމާ ބެހޭ އިސްރާއީލުގެ ޑިފެންސް މިނިސްޓްރީގެ އިދާރާ (COGAT) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރަމަޟާން މަހުގެ ތަރާވީޙު ނަމާދުތަކަށް 10،000 ފަލަސްޠީނު މީހުންނަށް މިސްކިތަށް ވަނުމުގެ ހުއްދަ ދޭނީ، ކޮންމެ ދުވަހަކު ވަކިން ހޯދަންޖެހޭ ޚާއްޞަ ހުއްދައެއް ދުރާލައި ހޯދުމުން ކަމަށެވެ. އަދި ފިރިހެނުންނަށް 55 އަހަރުން މަތި، އަންހެނުންނަށް 50 އަހަރުން މަތި، އަދި 12 އަހަރުން ދަށުގެ ކުދިންނަށް ވަދެވޭނީ ގާތް ތިމާގެ މީހަކާއެކު ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
އާންމުގޮތެއްގައި ރަމަޟާން މަހު، އިސްލާމްދީނުގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ ކަމަށްވާ މަސްޖިދުލް އަޤްޞާއަށް އެތައް ލައްކަ ފަލަސްޠީނު ރައްޔިތުންނެއް ނަމާދަށް ޖަމާވެއެވެ. އިރުމަތީ ޤުދުސްގައި ހުންނަ މި ބިނާ އިސްރާއީލުން ހިފާފައިވަނީ 1967 ވަނަ އަހަރުއެވެ. އަދި އެއަށްފަހު އެއީ އިސްރާއީލުގެ ބައެއްގެ ގޮތުގައި ކަނޑައެޅި ނަމަވެސް، ބައިނަލްއަޤްވާމީ މުޖުތަމަޢުން އެކަން ބަލައެއް ނުގަނެއެވެ.
ފަލަސްޠީނުގެ ޖެރޫސަލަމް ގަވަރނަރޭޓުން މި ހަފުތާގައި ބުނި ގޮތުގައި، އެ މިސްކިތް ބަލަހައްޓާ އުރުދުންގެ “އިސްލާމިކް ވަޤުފް” އިދާރާއިން ރަމަޟާން މަހަށް ތައްޔާރުވުމަށް ކުރަމުންދިޔަ މަސައްކަތްތަކަށް އިސްރާއީލުން ވަނީ ހުރަސް އަޅާފައެވެ. އޭގެ ތެރޭގައި އަވިން ސަލާމަތްވުމަށް ހިޔާވާނެ ފުރާޅުތައް ހެދުމާއި، ވަގުތީ ބޭސްފަރުވާގެ ޚިދުމަތް ދޭނެ ކްލިނިކްތައް ޤާއިމުކުރުން ހިމެނެއެވެ.
މަސްޖިދުލް އަޤްޞާގެ އިސް އިމާމެއް ކަމަށްވާ ޝައިޚް މުޙައްމަދު އަލް-ޢައްބާސީ ވިދާޅުވީ، އޭނާވެސް މިސްކިތަށް ވަނުން އިސްރާއީލުން މަނާކޮށްފައިވާ ކަމަށެވެ. “އަހަރެން މިސްކިތަށް ވަނުން އެއް ހަފުތާއަށް މަނާކޮށްފައިވާއިރު، އެ އަމުރު އައުކުރުމުގެ ފުރުޞަތު އެބައޮތް،” އޭނާ ވިދާޅުވިއެވެ. މި އަމުރު ތަންފީޒުކުރަން ފަށާފައިވަނީ ހޯމަ ދުވަހުން ފެށިގެންނެވެ.
ޒަމާނުއްސުރެ އޮންނަ އުޞޫލުގެ ދަށުން، ޔަހޫދީންނަށް އެ ސަރަޙައްދަށް ޒިޔާރަތް ކުރެވުނު ނަމަވެސް، އެތަނުގައި އަޅުކަން ކުރުމަކީ މަނާ ކަމެކެވެ. އިސްރާއީލުން އެ އުޞޫލަށް އިޙްތިރާމްކުރާ ކަމަށް ބުނި ނަމަވެސް، ފަލަސްޠީނު މީހުން ކަންބޮޑުވަނީ އެ އުޞޫލުތައް މަޑުމަޑުން އުވާލަމުންދާތީއެވެ. ފާއިތުވި އަހަރުތަކުގައި، ހަރުކަށި ފިކުރުގެ ޔަހޫދީން ވަނީ އެ ސަރަޙައްދުގައި ނަމާދުކޮށް، އެ އުޞޫލުތަކާ ޚިލާފުވެފައެވެ. މީގެ ތެރޭގައި އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރުގެ މަޤާމުގައި ހުރި ހަރުކަށި ފިކުރުގެ އިތަމާރު ބެން-ގްވީރު ވެސް ހިމެނެއެވެ.


