ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށް ގެންދިއުމަށް ދެ ޑްރެޖަރު ބޭނުންކުރަން ފަށައިފި

މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރިއަށްގެންދާ ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއު އަވަސްކުރުމަށްޓަކައި، ބޮޑު ދެ ޑްރެޖަރު ބޭނުންކުރަން ފަށާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ އެމަނިކުފާނު ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ޖުމްލަ 160 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ފެށި މި މަސައްކަތުގެ ތެރެއިން މިހާތަނަށް 50 އަށްވުރެ ގިނަ ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިންމާފައެވެ.
ގިރާވަރުފަޅުން ޖުމްލަ 4,072 ގޯތި ދޫކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، މިހާރު ވަނީ ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތުލައި ޕްލޮޓް ނަންބަރުތައްވެސް ހަވާލުކޮށްފައެވެ. ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ މި މަޝްރޫއު ހަލުވިކަމާއެކު ނިންމައި، ރައްޔިތުންނަށް ވީހާވެސް އަވަހަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުންކަމަށް ސަރުކާރުން ވިދާޅުވެއެވެ.
