ޚަބަރު

ދީފައިވާ ލަފަޔަކަށް ޢަމަލުކޮށްފައެއް ނެތް، ބިލާމެދު ކަންބޮޑުވުން އެބައޮތް – އިސްލާމިކް މިނިސްޓަރ

ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށެއްގެ ގޮތުގައި ޤާނޫނުލް ޢުޤޫބާތުގައި ހިމެނުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ގެންނަން ހުށަހެޅި އިސްލާހުތަކަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދިން ލަފައާ އެއްގޮތަށް ގެންނަ އިސްލާހުތަކެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ބިލު ހުށަހެޅިއިރު ބިލު އޮތް ގޮތާމެދު އިސްލާމިކް މިނިސްޓްރީން ގިނަ ކަންބޮޑުވުންތަކެއް ފާހަގަކޮށްފައިވެއެވެ. އެ ކަންބޮޑުވުންތަކާއެކު ބިލުގެ މާއްދާތައް އިސްލާހުކުރަން ފެންނަ ގޮތްތަކެއްވެސް މިނިސްޓްރީން ހުށަހަޅާފައިވެއެވެ.

އެގޮތުން ބިލުގެ ފުރަތަމަ މާއްދާ އިސްލާހުކޮށް އިސްލާމްދީނާ ޚިލާފަށް އުޅޭ މީހެއް ކަމުގައި ތުހުމަތުކުރުން މަނާކުރުމުގެ ބަދަލުގައި އިސްލާމްދީނާ ގުޅުވައި އާންމު ތަނެއްގައި އެއްވެސް މީހަކަށް އަނިޔާވެރިވުމަށް ގޮވައިލުން ނުވަތަ ހިތްވަރުދިނުން ކުށެއް ކަމުގައި ކަނޑައެޅުމަށް މިނިސްޓްރީން ހުށަހަޅާފައިވެއެވެ.

ނަމަވެސް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އެ މާއްދާ އިސްލާހުކޮށްފައިވަނީ ދީނީ އިލްމުވެރިންގެ މެދުގައި ރައުޔަ ތަފާތުވެފައިވާ މައްސަލައެއްގައި، އޭގެ ތެރެއިން ވަކި ރައުޔައެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން ނުވަތަ ކުރި އަމަލަކުން އެ މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ނުވަތަ އެފަދަ މާނާގައި އާންމު ތަނެއްގައި ސިފަކުރުން ނުވަތަ ތުހުމަތުކުރުމަކީ ކުށެއް ކަމުގައި ކަނޑައަޅާ ގޮތަށެވެ.

ކޮމިޓީގެ މެންބަރުން ވިދާޅުވަމުން ގެންދަވަނީ މި އިސްލާހަކީ އިސްލާމިކް މިނިސްޓްރީން ހުށަހަޅާފައިވާ ގޮތާ އެއްގޮތަށް ގެނައި އިސްލާހެއް ކަމަށެވެ. ނަމަވެސް އެ ވާހަކަ އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު ވަނީ ދޮގުކުރައްވާފައެވެ.

އޮންލައިން ނޫސް އަދަދުއަށް ދެއްވި ބަސްދީގަތުމެއްގައި މިނިސްޓަރު ޒާހިރު ވިދާޅުވީ ބިލުގެ ފުރަތަމަ މާއްދާ އިސްލާހުކޮށްފައިވަނީ މިނިސްޓްރީގެ ލަފައާ އެއްގޮތަށް ނޫން ކަމަށެވެ. އަދި މިހާރު އޮތް ގޮތުން ދީނީ އިލްމުވެރިންގެ މެދުގައި އުފެދޭ ޚިޔާލުތަފާތުވުންތަކުގެ ތެރޭގައި ހުންނަ ޝާއްޛު ރައުޔަތަކަށް ޤާނޫނީ ހައިސިއްޔަތު ލިބިދާނެ ކަމުގެ ކަންބޮޑުވުން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

“ދީނީ އިލްމުވެރިންގެ މެދުގައި އޮންނަ ކޮންމެ ރައުޔުއަކީ މުއުތަބަރު ރައުޔެއް ނޫން. މި ހުންނަ ބައެއް ޝާއްދު ރައުޔުތައް ކައުންޓެއް ނުކުރެވޭނެ ސުންނީ މުސްލިމު މުޖުތަމައުއެއްގަ،” “އަދަދު” ނޫހަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close