ހުކުރު ދުވަހު އިސްލާމްއާބާދުގެ މިސްކިތަށް ދިން ހަމަލާއާއި ގުޅިގެން ހަތަރު މީހުން ހައްޔަރުކޮށްފި

އިސްލާމްއާބާދުގެ މިސްކިތަކަށް ހުކުރު ދުވަހު ދިން ނުރައްކާތެރި ބޮމުގެ ހަމަލާ ދިނުމުގައި އެހީތެރިވެދިން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެފިއެވެ. ސަރަޙައްދީ ރޮނގު ހުރަސްކޮށް ދެވޭ ހަމަލާތަކާ މެދު ކަންބޮޑުވުން އިތުރުވެފައިވާ މި ދަނޑިވަޅުގައި، ކަމާބެހޭ ފަރާތްތަކުން ވަނީ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެ.
މި ހަމަލާގައި މަރުވި މީހުންގެ ޖަނާޒާގައި ބައިވެރިވުމަށް ހޮނިހިރު ދުވަހު އެތައް ހާސް ބަޔަކު ވަނީ ވެރިރަށް އިސްލާމްއާބާދަށް ޖަމާވެފައެވެ. ރަސްމީ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، މި ހަމަލާގައި މަދުވެގެން 32 މީހުން މަރުވެފައިވާއިރު، 170 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.
ޕާކިސްތާނު އަސްކަރިއްޔާއިން ހޮނިހިރު ދުވަހު ބުނި ގޮތުގައި، އިސްލާމްއާބާދުގެ ތަރްލާއީ ކަލާން ސަރަޙައްދުގައި ދިން އަމިއްލައަށް މަރުވުމުގެ ހަމަލާގެ ތަޙުޤީޤަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އިންޓެލިޖެންސް އަދި ސަލާމަތީ އިދާރާތަކުން ގުޅިގެން ޕެޝާވަރާއި ނައުޝޭރާގައި ހިންގި އޮޕަރޭޝަންތަކެއްގައި ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ.
ޓެކްނިކަލް އަދި އިންސާނީ ވަސީލަތްތަކުގެ އެހީގައި ހޯދި މަޢުލޫމާތުތަކަށް ބިނާކޮށް ހިންގި މި އޮޕަރޭޝަންތަކުގައި، ހަމަލާދިން މީހާއަށް އެހީތެރިވި ހަތަރު މީހެއްގެ އިތުރުން، މި ހަމަލާ ރޭވުމުގައި އިސްކޮށް ހުރި އަފްޣާނިސްތާނުގެ “ދާއިޝް” (އައި.އެސް) ޖަމާޢަތުގެ އިސް މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.
އަސްކަރިއްޔާއިން ތުހުމަތުކުރާ ގޮތުގައި މި ހަމަލާ ރޭވުމާއި، ތަމްރީނު ދިނުމާއި، ފިކުރީ ގޮތުން ތައްޔާރުކުރުމުގެ މަސައްކަތް ހިނގާފައިވަނީ އަފްޣާނިސްތާނުގައެވެ. އަދި އަފްޣާނިސްތާނުގެ ތާލިބާނުންގެ ހިމާޔަތުގެ ދަށުން ހަރުކަށި ފިކުރުގެ ޖަމާޢަތްތަކުން ސަރަޙައްދީ އަދި ދުނިޔޭގެ ސުލްހައަށް ނުރައްކާ ކުރަމުންދާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، އަމިއްލައަށް މަރުވި މީހާ ފިލައިގެން އުޅުނު ކަމަށް ބެލެވޭ ތަނެއް ބަލައި ފާސްކޮށް، ދެ ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ކުރިން ހާމަކޮށްފައިވެއެވެ.
ހުކުރު ދުވަހުގެ ވަރުގަދަ ގޮވުން ގޮއްވާލާފައިވަނީ އިސްލާމްއާބާދުގެ ބޭރުގައި އޮންނަ ތަރްލާއީ ކަލާން ސަރަޙައްދުގައި ހުންނަ “ޚަދީޖަތުލް ކުބްރާ” ޝިއައީ މިސްކިތުގައެވެ. މި ހަމަލާގެ ޒިންމާ އައި.އެސް ޖަމާޢަތުން ވަނީ އުފުލާފައެވެ.
މިއީ 2008 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މެރިއޮޓް ހޮޓަލަށް ދިން ބޮމުގެ ހަމަލާއަށްފަހު، އިސްލާމްއާބާދުގައި ދެވުނު އެންމެ ނުރައްކާތެރި ހަމަލާއެވެ. އޭރުގެ ހަމަލާގައި 60 އަށްވުރެ ގިނަ މީހުން މަރުވިއެވެ. ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ވެރިރަށް އިސްލާމްއާބާދުގައި މިފަދަ ހަމަލާތަކަކީ މަދުން ނޫނީ ނުހިނގާ ކަންކަމަށް ވީނަމަވެސް، ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި ދެވުނު މިފަދަ ދެވަނަ ހަމަލާއާއެކު، ޕާކިސްތާނުގެ ބޮޑެތި ސިޓީތަކުގައި އަނެއްކާވެސް ނުރައްކާތެރިކަން އިތުރުވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.



