ޔުނެސްކޯގެ ޗެއާއަކަށް ސައުދީ އަރަބިއްޔާ އިންތިހާބުކޮށްފި
އދ.ގެ ތައުލީމީ، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (ޔުނެސްކޯ)ގެ ދުނިޔޭގެ ތަރިކައިގެ ކޮމިޓީގެ މުގައްރިރަކަށް ކުރިއަށް އޮތް ހަތަރު އަހަރަށް ސައުދީ އަރަބިއްޔާ އިންތިހާބުކޮށްފި އެވެ. މިގޮތަށް ނިންމާފައިވަނީ ޗައިނާގެ ފުޒޫގައި ބޭއްވި ކޮމިޓީގެ 44 ވަނަ ބައްދަލުވުމުގައެވެ.
ކޮމިޓީގެ މުގައްރިރެއްގެ ހައިސިއްޔަތުން ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ޕްރޮގްރާމްގެ މުސްތަގުބަލު ބައްޓަން ކުރުމުގައި ސައޫދީ އަރަބިއްޔާއިން އިސް ދައުރެއް އަދާކުރާނެ އެވެ. މި ކޮމިޓީއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސަގާފީ އަދި ގުދުރަތީ ގޮތުން މުހިންމު ތަންތަން ދެނެގަނެ ހިމާޔަތްކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީއަކަށްވާއިރު، މި ތަންތަނަކީ އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކުރެވިފައިވާ ތަންތަންކަން ކަށަވަރުކުރުމަށް ސައުދީ އަރަބިއްޔާއިން އެހެން މެމްބަރު ގައުމުތަކާ ގުޅިގެން މަސައްކަތް ކުރާނެއެވެ.
މިއީ ދުނިޔޭގެ ތަރިކައިގެ ކޮމިޓީގެ މުގައްރިރަކަށް ސައުދީ އަރަބިއްޔާ އިންތިހާބުވި ފުރަތަމަ ފަހަރެވެ. އަމިއްލަ ސަގާފީ ތަރިކަ ހިމާޔަތް ކުރުމުގެ ދިގު ތާރީހެއް އޮތް ގައުމަކަށް ވާއިރު، ކޮމިޓީގެ މަސައްކަތްތަކަށް ތަފާތު ނަޒަރެއް ގެނެސްދޭނެ ކަމަށް ބެލެވެ އެވެ. ސައުދިއަރަބިޔާއަކީ މިހާރުވެސް ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ލިސްޓުގައި ހިމެނޭ ގިނަ ތަންތަން ހިމެނޭ ސަރަހައްދަކަށްވާއިރު، އޭގެ ތެރޭގައި އޯލްޑް ސިޓީ އޮފް ޖިއްދާ، ރޮކް އާޓް އޮފް ދަ ހައިލް ރީޖަން އަދި އެޑް-ދިރިޔާގެ އަޓް-ޓުރައިފް ޑިސްޓްރިކްޓް ވެސް ހިމެނެ އެވެ.
ދުނިޔޭގެ ތަރިކައިގެ ކޮމިޓީގެ އާ މުގައްރިރު، ސައުދީ އަރަބިއްޔާގެ ކަލްޗާ މިނިސްޓަރު ޕްރިންސް ބަދުރު ބިން އަބްދުالله ބިން ފަރުހާން އިންތިހާބަށް ފަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ކޮމިޓީގެ މުގައްރިރަކަށް ހޮވިވަޑައިގަތުމަކީ އަޅުގަނޑުމެންނަށް ލިބޭ ޝަރަފެއް ކަމަށާއި ދުނިޔޭގެ ސަގާފީ އަދި ގުދުރަތީ ތަރިކަ ހިމާޔަތް ކުރުމަށް މެމްބަރު އެހެން ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުމަށް އުއްމީދު ކުރާ ކަމަށެވެ. ސަޢޫދީ ޢަރަބިއްޔާއަކީ އަޅުގަނޑުމެންގެ އަމިއްލަ ތަރިކަ ޙިމާޔަތްކުރުމަށް މަސައްކަތްކުރާ ޤައުމެއް، ކޮމެޓީގެ މަސައްކަތްތަކަށް ވެސް ހަމަ އެ ވަޢުދު ގެނެސްދޭނަން.” ފަރުހާން ނެރުއްވި ބަޔާންގައި ވެއެވެ.
ދުނިޔޭގެ ތަރިކައިގެ ކޮމިޓީ އެކުލެވިގެންވަނީ ކޮންމެ ހަ އަހަރަކުން ޔުނެސްކޯގެ ޖެނެރަލް އެސެމްބްލީން އިންތިހާބުކުރާ 21 މެމްބަރު ގައުމެއްގެ މައްޗަށެވެ. ދުނިޔޭގެ ތަރިކައިގެ ތަންތަނުގެ ހާލަތާ މެދު މަޝްވަރާކޮށް، ލިސްޓަށް އިތުރުކުރާނެ އާ ތަންތަނާ މެދު ގޮތެއް ނިންމުމަށް އަހަރަކު އެއް ފަހަރު އެ ކޮމިޓީގެ ބައްދަލުވުން ބާއްވަ އެވެ.
ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ކޮމިޓީގެ މުގައްރިރަކަށް ސައުދީ އަރަބިއްޔާ އިންތިހާބުވުމަކީ އެ ގައުމުގެ އަމިއްލަ ތަރިކަ އާއި ސަގާފަތް ހިމާޔަތްކޮށް ހިމާޔަތް ކުރުމަށް އެ ގައުމުން ކުރަމުންދާ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން އެޅި މުހިންމު ފިޔަވަޅެއް ކަމަށާއި ދުނިޔޭގެ ތަރިކަ ހިމާޔަތް ކުރުމަށް ސައުދީންދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށް ސައޫދީގެ ވެރިން ދެކެއެވެ. ދުނިޔޭގެ ސަގާފީ އަދި ގުދުރަތީ ތަރިކައިގެ ތަންތަން ހިމާޔަތްކޮށް ރައްކާތެރި ކުރުމުގައި ސައޫދީ އަރަބިއްޔާގެ ލީޑަޝިޕަށް ބައިނަލްއަގުވާމީ މުޖުތަމައު އިންތިޒާރު ކުރާނެ އެވެ.


