އަޕްލް އިން ލޮކޭޝަން ޕްރައިވެސީގެ އައު ފީޗާއެއް ތައާރަފްކޮށްފި

އަޕްލްގެ އައިއޯއެސް 26.3 އަޕްޑޭޓާއެކު “ލިމިޓް ޕްރިސައިޒް ލޮކޭޝަން” ގެ ނަމުގައި، މޯބައިލް ކެރިއަރުންނަށް ލޮކޭޝަން މައުލޫމާތު ފޯރުކޮށްދޭ މިންވަރު ކޮންޓްރޯލް ކުރެވޭ އައު ފީޗާއެއް އެ ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ.
މި ފީޗާ ހާއްސަކޮށްފައިވަނީ އަޕްލްގެ އަމިއްލަ ސީ1 އަދި ސީ1އެކްސް މޮޑެމް ބޭނުންކުރާ ޑިވައިސްތަކަށް ކަމަށްވާއިރު، މީގެ މައިގަނޑު ބޭނުމަކީ ކެރިއަރުންނަށް ލިބޭ ލޮކޭޝަން ޑޭޓާގެ ސައްހަކަން ބޭނުންވާ މިންވަރަކަށް ހަނިކުރުމެވެ.
މި ފީޗާގެ އެހީގައި، މީހަކު ހުރި ސީދާ މަގާއި ގެ އެނގުމުގެ ބަދަލުގައި، އެމީހަކު ހުރި އަވަށް ނުވަތަ އާންމު ސަރަހައްދެއްގެ މައުލޫމާތު އެކަނި ކެރިއަރުންނަށް ލިބޭނެ ގޮތް ހެދޭނެއެވެ.
މި ބަދަލާއެކުވެސް ނެޓްވޯކްގެ ސްޕީޑަށާއި، މޯބައިލް ޑޭޓާ އަދި ކޯލް ކުރުމުގެ ހިދުމަތަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން އަޕްލް އިން ވަނީ ދީފައެވެ.
ނަމަވެސް، ސަލާމަތީ ސަބަބުތަކަށްޓަކައި އެމެޖެންސީ ހިދުމަތްތައް ދޭ ފަރާތްތަކަށް މި ފީޗާގެ ސަބަބުން އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށާއި، އެފަދަ ހާލަތްތަކުގައި ސީދާ ލޮކޭޝަން މައުލޫމާތު ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި ފީޗާ މިވަގުތު ބޭނުންކުރެވޭނީ އަޕްލްގެ އަމިއްލަ މޮޑެމް ހިމެނޭ އައިފޯން އެއާ، އައިފޯން 16އީ އަދި އެމް5 އައިޕެޑް ޕްރޯގައި އެކަންޏެވެ. ގިނަ އައިފޯންތަކުގައި ކުއަލްކޮމް މޮޑެމް ބޭނުންކުރާތީ އެ ފޯނުތަކަށް މި ފީޗާ ސަޕޯޓެއް ނުކުރާނެއެވެ.
މިހާތަނަށް މި ހިދުމަތް ދޫކޮށްފައިވަނީ އެމެރިކާ، ޖަރުމަނު އަދި ޔޫކޭގެ ބައެއް ކެރިއަރުތަކަށް އެކަނި ކަމަށްވާއިރު، އިންޑިއާ ފަދަ ގައުމުތަކުގައި އަދި މި ފީޗާ ބޭނުން ނުކުރެވޭނެއެވެ.
މި ފީޗާ ބޭނުންކުރުމަށްޓަކައި ފޯނުގެ ސެޓިންގްސްގައިވާ ސެލިއުލާ އޮޕްޝަންގެ ތެރެއިން “ލިމިޓް ޕްރިސައިޒް ލޮކޭޝަން” ޓޮގްލް އޮން ކޮށްލުމުން، ކެރިއަރުންނަށް ލޮކޭޝަން ހިއްސާކުރާ މިންވަރު ކޮންޓްރޯލް ކުރެވޭނެއެވެ.

