ޓެކްނޮލޮޖީ

ޙަދީޘްއެމްވީ – ޙަދީޘްތަކުގެ ދިވެހި ތަރުޖަމާ އެކުލެވޭ އެޕްލިކޭޝަނެއް

ޙަދީޘްއެމްވީ އަކީ މަދީނާގެ ޙަދީޘް ކުއްލިއްޔާގައި ތަޢުލީމް ޙާޞިލްކުރަމުންދާ ދަރިވަރެއްގެ ހީވާގި މަސައްކަތުން ފަރުމާކޮށްފައިވާ އެޕްލިކޭޝަން އެކެވެ.

މި އެޕްލިކޭޝަން ފަރުމާކުރި ފަރާތްކަމުގައިވާ އަބޫ ޔަޙްޔާ އަޝްރާފު ބުން އިބްރާހީމް އަލްމާލްދީފީ ނާރެސް އަށް މަޢުލޫމާތު ދެއްވިގޮތުގައި ޙަދީޘްއެމްވީ މަޝްރޫޢަކީ އިސްލާމީ ދިވެހި މުޖުތަމަޢުއަށް ވީހާވެސް ފަސޭހަ ކަމާއިއެކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުތަކުގެ މާނަ އުނގަންނައިދީ ފޯރުކޮށްދިނުމަށްޓަކައި ޒަމާނީ ވަސީލަތެއް ޤާއިމު ކުރުމުގެ ގޮތުން ކުރެވޭ މަސައްކަތެކެވެ. އިރާދަ ކުރެއްވިއްޔާ މި މަސައްކަތް ފުރިހަމަ ވުމުން ގިނަ އަދަދެއްގެ ޙަދީޘް ދިވެހި ބަހުން ފަސޭހައިން އެއްތަނަކުން ލިބެން ހުންނާނެއެވެ.

އެ ފަރާތުން ހާމަކުރައްވާގޮތުގައި ޙަދީޘްއެމްވީ މިހާރުވެސް ވަރަށް ހަލުވިކަމާއެކު ތަރައްޤީވަމުންދާ ކަމަށާއި އަޕްޑޭޓްތައް ގެނައުމުގައި ވަރަށް ގިނަ ފަރާތްތަކެއްގެ އެކިއެކި އެހީތެރިކަން ލިބެމުންދެއެވެ. އެގޮތުން ޓައިޕިން މަސައްކަތުގައި ވަރަށް ގިނަ އަޚުންނާއި އުޚްތުންގެ އެއްބާރުލުން ލިބެމުންދާކަމަށް އެފަރާތުން ނާރެސްއަށް މަޢުލޫމާތު ދިނެވެ.

ޙަދީޘްއެމްވީ އިން ކުރިޔަށްދަނީ މައިގަނޑު 3 އަމާޒެއް ކަނޑައަޅައިގެންނެވެ. އެއީ ފޯރުކޮށްދިނުމާއި އުނގަންނައިދިނުމާއި ތަރައްޤީވުން ހިމެނޭ ގޮތަށެވެ.

ޙަދީޘް އެމްވީގެ މައިގަނޑު އަމާޒު ތަކުގެ ތެރެއިން:-

ފޯރުކޮށްދިނުން

ގެންގުޅޭ ވަޞީލަތްތަކާއި އުޅޭތަނާއި ޢުމުރާއި ބަސްމޮށުން ތެރިކަމާއި ތަނަވަސްކަން ނެތުމުގެ ސަބަބުން ކުރިމަތިވެފައިވާ ހުރަސްތައް ފަހަނައަޅައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުތައް އެންމެންނާއި ހަމައަށް ފޯރުކޮށްދިނުމެވެ. އަދި މި ޒަމާނަކީ ފޮތްތަކަށް ވުރެން ބޮޑަށް ފޯނާއި ކޮމްޕިއުޓަރ ފަދަ ވަޞީލަތްތަކަށް ދިވެހިން އަހުލުވެރި ވެފައިވާ ޒަމާނެއް ކަމުން، އަދުގެ ތެޓްނޮލޮޖީގެ ޒަރިއްޔާއިން ސުންނަތް ފަތުރައި އެއާ އެއްގޮތަށް އުޅުމުގެ ލޯބި ހިތްތަކުގައި ޖެއްސުމެވެ. އެ ގޮތުން އެއް ޑޭޓާބޭސެއް، ތަފާތު މަންސަތަކުން ލިބެން ހުންނާނެއެވެ.

އުނގަންނައިދިނުން

މި ކުޑަކުޑަ މުޖުތަމަޢުގެ ގިނަ މައްސަލަތުގެ މައިގަނޑު ސަބަބަކީ މީސްތަކުން އިސްލާމް ދީނަށް ރަނގަޅަށް އަހުލުވެރި ވެފައި ނުވުމެވެ. ވީމާ، މި ކަމަށް ޙައްލެއް ގެނައުމަށް ޓަކައި އަމިއްލައަށް އިސްލާމީ މަޢުލޫމާތު ބަލައި ހޯދޭނެ ފަސޭހަ މަގެއް މީސްތަކުންނަށް ތަނަވަސްވެފައި އޮތުން މުހިންމެވެ. ހަމަ އެހެންމެ، މުދައްރިސުންނާއި ދަރިވަރުން މި މަސްދަރުތަކުގެ ބޭނުން ހިފައި، އެއް ޙަދީޘްތަކެއް ތަކުރާރުކޮށް ތަރުޖަމާކުރުމުގެ ބުރައިން ސަލާމަތް ވެގެން ދާނެއެވެ.

ތަރައްޤީވުން

އަޅުގަނޑުމެންނަށްޓަކައި ޓެކްނޮލޮޖީގެ ޚިދުމަތް ލައްވައި އޭގެ ބޭނުން ކުރެވޭނެ ގޮތް މިންވަރު ކުރެއްވީ ﷲ އެވެ. ޙަދީޘްއެމްވީގެ އަމާޒަކީ ގިނަގުނަ ބޭނުންތައް ހިފޭ، ބޭނުން ކުރަން ފަސޭހަ އެޕްލިކޭޝަނެއް އެންމެންނަށް ފޯރުކޮށް ދިނުމެވެ. އަދި ގެންގުޅޭ ވަޞީލަތްތައްތަކާއި އުސްލޫބު ތަފާތު ވިޔެއްކަމަކު، ބޭނުންކުރާ ފަރާތްތަކަށް އެކަށީގެންވާ ހިތްގައިމު މާހައުލެއް ޤާއިމްކޮށް ދިނުމެވެ. ޙަދީޘްއެމްވީ ފަރުމާކުރެވިފައިވަނީ ފޯނަށް އަހައްމިއްތުކަން ދެވި، ޖާގައަށް ބުރަ ނުވާގޮތަށެވެ. މި ވަގުތު ވެބް، އެންޑުރޮއިޑް އަދި ވިންޑޯސްގެ ވަޞީލަތްތަކުގައި ބޭނުން ކުރެވޭނެއެވެ.

ޙަދީޘްއެމްވީ އެޕްލިކޭޝަންގައި ހިމެނިފައިވާ މުހިންމު ބައިތައް:-

ޙަދީޘްއެމްވީ އެޕްލިކޭޝަންގައި މިހާރުވެސް މައިގަނޑު 4 ބައެއް ހިމަނާފައިވެއެވެ. އެއީ ޙަދީޘް ބައިގެ އިތުރުން ޤުރްއާން އާއި ޢަޤީދާ އަދި ޢަރަބި ބަހުގެ ބައެވެ.

ޙަދީޘްގެ ބައިގައި މިހާރު އިމާމް ނަވަވީގެ 40 ޙަދީޘް އެއްކޮށް ތަރުޖަމާއާއިއެކުވަނީ ހިމަނާފައެވެ. އަދި ޢުމްދަތުލް އަޙްކާމުގެ ޙަދީޘްތަކާއި ޞަޙީޙައިންގެ (ބުޚާރީ އާއި މުސްލިމް) ގެ ޙަދީޘްތަކުގެ ތެރެއިން ބައެއް ވަނީ ދިވެހި ތަރުޖަމާއާއިއެކު ހިމަނާފައެވެ. އަދި ޢަޤީދާގެ ބައިގައިވަނީ ބަރްބަހާރީގެ ސުންނަތުގެ ޝަރަޙައިގެ ބޮޑުބައިވެސް ދިވެހި ތަރުޖަމާއާއިއެކު ހިމަނާފައެވެ.

މީގެ އިތުރުން ޢަރަބި ބަހުގެ ބައިގައި، ޢަރަބި ލަފްޒުގެ އިނގިރޭސި އަދި ދިވެހި މާނަ ހިމެނޭ ރަދީފެއްގައި ވަނީ މިހާތަނަށް ހާހަކަށް ވުރެ ގިނަ ބަސް ހިމަނާފައެވެ. އަދި އަލްއީޤާޡު ބަސްފޮތުގެ ޢަރަބި ބަހާއި ދިވެހި މާނަ ވެސް ވަނީ ހިމަނާފައެވެ.

ޙަދީޘްއެމްވީގެ ފަރާތުން ކުރިޔަށް ގެންދާ އިތުރު ކަންކަން:-

ޢަޤީޤާއާއި އުޟްޙިޔާ އަދި ފެންވަޅު ކޮނެދިނުމުގައި އެހީވުން.

ޙަދީޘްއެމްވީ ފަރުމާކުރި ފަރާތުން މަޢުލޫމާތު ދެއްވާގޮތުގައި ޢަޤީޤާއާއި އުޟުޙިޔާގެ ގޮތުގައި ކަތިލެވޭ ޖަނާވަރުތަކާއި އެ ތަކެތީގެ ކަތިލުން ވާނީ އިން ޝާ ﷲ އިސްލާމީ އަދި ސިއްހީ މިންގަނޑުތަކާ އެއްގޮތަށެވެ. ޖަނަވާރު ކަތިލެވޭ ފަރާތުގެ ނަން ގަނޑަކަށް ޕްރިންޓްކުރެވި ޖަނަވާރުގައި ތަތްކުރެވޭނެ ކަމަށާއި ޖަނަވާރު ކަތިލުމުގެ ފޮޓޯއާއި ވީޑިއޯ ހެކީގެ ގޮތުގައި ވެރިފަރާތަށް ފޮނުވޭނެއެވެ. އަދި ކަތިލެވޭ ޖަނަވާރުގެ މަސް ފަޤީރުންނާއި މިސްކީނުންނަށް ބަހައިދެވޭނެއެވެ.

އެފަރާތުން ހާމަކުރާގޮތުގައި އެންމެ ލަސްވެގެން ޖަނަވާރުކަތިލާން ޖެހޭ ދުވަހުގެ 1 ދުވަސްކުރިން އޯޑަރު ދޭންޖެހޭނެއެވެ. އޯޑަރުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކަށް ޓެލެގުރާމުންނާއި ފޭސްބުކުގެ އިތުރުން އީމެއިލް މެދުވެރިކޮށްވެސް އެކަން ކުރެއްވޭނެއެވެ.

އަދި ފަޤީރު ޙާލަތުގައި ތިބި މުސްލިމުންނަށް ފެންވަޅު ކޮނެދިނުމުގައި އެހީވެދޭކަމަށް ޙަދީޘްއެމްވީ ފަރުމާކުރެއްވި ފަރާތުން މަޢުލޫމާތު ދެއެވެ.

މިހުރިހާ ކަމެއްވެސް ޙަދީޘްއެމްވީ އެޕްލިކޭޝަންގެ ތެރެއިން ކޮށްލެވޭނެއެވެ.

ޙަދީޘްއެމްވީގެ ވެބްސައިޓަށް ޒިޔާރަތްކުރެއްވުމަށް މި ލިންކަށް ކްލިކްކޮށްލައްވާ.

ޙަދީޘްއެމްވީގެ އެންޑްރޮއިޑް އެޕް ޑައުންލޯޑްކުރެއްވުމަށް މި ލިންކަށް ވަންނަވާ

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close