ސެމްސަންގްގެ ފުރަތަމަ ފަށްޖަހާލެވޭ ފޯނު، “ގެލެކްސީ ފޯލްޑް” އަށް ޕްރީ އޯޑަރ ހުޅުވާލައިފި
މަޝްހޫރު ޓެކް ކުންފުނި ސެމްސަންގުން ނެރުނު އެކުންފުނީގެ ފުރަތަމަ ފަށްޖަހާލެވޭ ފޯނު ، ގެލެކްސީ ފޯލްޑްއަށް ޕްރީ އޯޑަރކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ސެމްސަންގުން މިދިޔަ ފެބްރުއަރީމަހު ލޯންޗުކުރި ގެލެކްސީ ފޯލްޑް ފޯނަށް ޕްރީ އޯޑަރކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، މިފޯނު އާއްމުކޮށް ގަންނަން ލިބޭނީ މިމަހުގެ 26 ވަނަ ދުވަހުގެ ފަހުންނެވެ.
ގެލެކްސީ ފޯލްޑްއަކީ އޭގެ އަސްލު ބައްޓަމުގައި 4.6 އިންޗީގެ ސްކްރީނެއް ހުންނަ ފޯނެއްނަމަވެސް، ފޮތެއްހެން ހުޅުވާލެވޭ މިފޯނު ހުޅުވާލުމުން 7.3 އިންޗިއަށް ސްކްރީން ބޮޑުވެގެންދެއެވެ. މި ފޯނުގެ ޑިޒައިން ފަށްޖަހާލެވޭ އެހެން ފޯނުތަކާ އަޅައިބަލާއިރު ތަފާތެވެ.
ފޯނު މަސައްކަތްކުރަނީ ފޮތެއް ބޭނުންކުރާ އުސޫލުންނެވެ. ފޮތެއްހެން ލައްޕާފައި އޮންނައިރު އެއްފަޅި ބޭނުންކުރާނީ ޑިސްޕްލޭއެއްގެ ގޮތުގައެވެ.
ފޯނުގެ އެއްފަޅީގައި ބޭނުންކުރާ އެ ޑިސްޕްލޭއަކީ ވަކިން ބޭނުންކުރާ ސްކްރީނެކެވެ. އެކި ފަރާތްތަކުން ބުނާގޮތުގައި އެ ޑިސްޕްލޭއަކީ ފޯނުގެ އެންމެ “ބޯރިން” އެއް ފީޗާއެވެ.
މިފޯނަކީ ބޮޑެތި ސްކްރީންތައް ހިމެނޭ ސްމާޓްފޯނު ގެންގުޅެން ބޭނުންވާ ފަރާތްތަކަށް ވަރަށް ބޮޑަށް ކަމުދާނެ ފޯނެއްކަމަށް ސެމްސަންގުން ބުނެއެވެ. ބޮޑު ސްކްރީނެއް މިފޯނުގައި ހުންނައިރު، އެއް ފަހަރާ ގިނަ ކަންތައްތަކެއްވެސް މިފޯނުން ކުރެވޭނެއެވެ. މިސާލަކަށް ނެޓްފިލިކްސްއިން ފިލްމެއް ބަލާލަމުން، ގޫގުލްއިން އެއްޗެއް ސާރޗްކުރަމުން، ރަށްޓެއްސަކަށް މެސެޖެއްކޮށްލުމަކީ މިފޯނުން ވަރަށް ފަސޭޙަކަމެކެވެ.
ސެމްސަންގުން ބުނެފައިވަނީ ފަށްޖަހާލެވޭ ސްކްރީނުން އެއްފަހަރާ ތިން އެޕްލިކޭޝަން އެކީގައި ބޭނުންކުރެވޭނެ ކަމަށެވެ.

އަދި ފޯނު ފަށްޖެހުނު ނަމަވެސް އޭގެ ސްކްރީނަށް އެއްވެސް ކަހަލަ ގެއްލުމެއް ނުވާނެ ކަމަށާއި ސްކްރީނަށް އެއްވެސް ރުލެއް އައުންފަދަ ކަމެއްވެސް ނުވާނެ ކަމަށް ސެމްސަންގުން ޔަގީންކަން ދެއެވެ.
އަދި ފޯނުގެ ސްޓޯރޭޖްއަކީ 512 ގިގަބައިޓްސް ކަމަށްވެސް ސެމްސަންގުން ވަނީ މައުލޫމާތުދީފައެވެ.
ފޯނުގެ ފަހަތުގައި 16 މެގަޕިކްސެލްގެ ސެންސަރަކާއި 12 މެގަޕިކްސެލްގެ ސެންސަރެއް ހުރެއެވެ. އަދި ފޯނުގެ ފްރޮންޓް ފޭސިން ކެމެރާގައި ހުންނަނީ 10 މެގަޕިކްސެލްގެ ސެންސަރެކެވެ.
ސެމްސަންގުން ތަރައްޤީކޮށްފައިވާ ގެލެކްސީ ފޯލްޑް ހަތަރު ކުލައެއްގައި ލިބެން ހުންނާނެއެވެ. އެއީ ކަޅު، ނޫ، ފެހި އަދި ސިލްވަރ ކުލައެވެ. މިފޯނުގެ 4ޖީ އަދި 5ޖީ މޮޑެލްވެސް ވަނީ ތަރައްޤީކޮށްފައެވެ.
ސެމްސަންގުން ފަތްޖަހާލެވޭ ފޯނެއް ތަރައްޤީކޮށްފައިވާއިރު ސްމާޓް ފޯނު ވިޔަފާރީގައި ހަރަކާތްތެރިވާ އެހެން ކުންފުނިތަކުންވެސް ދަނީ ފަތްޖަހާލެވޭ ފޯނުތައް ތަރައްޤީކުރަމުންނެވެ.
