ޚަބަރު

ފްރާންސުން 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން ބިލެއް ފާސްކޮށްފި

ބުލީ އާއި ނަފްސާނީ މައްސަލަތައް ގިނަވުން ފަދަ ސީރިއަސް މައްސަލަތަކާ ގުޅިގެން، އުމުރުން 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމުގެ ބިލެއް ފްރާންސްގެ ނެޝަނަލް އެސެމްބްލީން މިއަދު ފާސްކޮށްފި އެވެ.

މި ބިލަކީ، ކުޑަކުދިން ސޯޝަލް މީޑިއާގެ ނުރައްކާތަކުން ރައްކާތެރިކުރުމަށް ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން ފްރާންސުން އަޅާ އެންމެ ފުރަތަމަ ފިޔަވަޅެވެ.

ނެޝަނަލް އެސެމްބްލީގައި މި ބިލާ އެއްކޮޅަށް 116 މެންބަރުން ވޯޓު ދެއްވި އިރު ދެކޮޅަށް ވޯޓު ދެއްވީ 23 މެންބަރެކެވެ. މި ބިލްގައި ހިމެނެނީ 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް ނެޓްވޯކްތަކާއި، ބޮޑެތި ޕްލެޓްފޯމްތަކުގައި ހިމެނޭ ސޯޝަލް ނެޓްވޯކިން ފީޗާތައް މަނާކުރުމެވެ. މި ބިލް ފައިނަލްވެ ގާނޫނަކަށް ވާނީ ސެނެޓުން ރުހުން ލިބުމުންނެވެ. ފްރާންސްގެ ރައީސް އެމެނުއެލް މެކްރޮން ބޭނުންފުޅުވަނީ އަންނަ ސެޕްޓެމްބަރު މަހު ދިރާސީ އާ އަހަރު ފެށޭއިރު މި ފިޔަވަޅު އަޅާފައި އޮންނާށެވެ.

ރައީސް އެމެނުއެލް މެކްރޮން ވިދާޅުވެފައިވާ ގޮތުގައި ސޯޝަލް މީޑިއާ އަކީ ކުޑަކުދިންނާއި ފުރާވަރުގެ ކުދިންގެ މެދުގައި އަނިޔާވެރި އަމަލުތައް އިތުރުވުމަށް މެދުވެރިވާ އެއް ސަބަބެވެ. އޭނާ ވަނީ އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރި ފުރަތަމަ ގައުމު ކަމަށްވާ އޮސްޓްރޭލިއާ މިސާލަކަށް ބައްލަވައިގެން ފްރާންސްގައި ވެސް މިފަދަ ފިޔަވަޅެއް އެޅުމަށް ގޮވާލައްވައިފަ އެވެ.

ބިލް ހުށަހެޅުއްވި މެންބަރު ލައުރާ މިލާ ވިދާޅުވީ، މި ގާނޫނާ އެކު ބޭނުންވަނީ ސޯޝަލް މީޑިއާ އަކީ ގެއްލުން ހުރި އެއްޗެއް ނޫން ކަމަށް ނުބުނެވޭނެ ވަރަށް، މުޖުތަމައުގައި ވަރަށް ސާފު އިމެއް ކަނޑައަޅަން ކަމަށެވެ. އަދި އޭނާ ފާހަގަކުރެއްވި ގޮތުގައި ކުޑަކުދިން ފޮތް ކިޔުން މަދުވެ، ނިދި މަދުވެ، އަދި އެއް ކުއްޖަކު އަނެއް ކުއްޖަކާ އަޅާކިޔުން ގިނަވެފައި ވެއެވެ. މިލާ ސިފަކުރެއްވި ގޮތުގައި މިއީ ޒުވާން ސިކުނޑިތަކުން ކުރަން ޖެހިފައިވާ “ހަނގުރާމަ” އެކެވެ.

މި ފިޔަވަޅާ އެކު، ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރާ ޔޫރަޕްގެ ފުރަތަމަ ގައުމަކަށް ފްރާންސް ވާނެ ކަމަށް ބެލެވެ އެވެ. އޮސްޓްރޭލިއާގެ ފިޔަވަޅަށް ފަހު، އިނގިރޭސި ވިލާތާއި ޑެންމާކާއި ސްޕެއިން އަދި ގްރީސް އިން ވެސް މިފަދަ ގާނޫނުތައް ހެދުމަށް އެ ގައުމުގެ ހާލަތު ދިރާސާކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ. މީގެ އިތުރުން، ސޯޝަލް މީޑިއާ ބޭނުންކުރުން ހުއްދަ އެންމެ ހަގު އުމުރެއް ކަނޑައެޅުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ޔޫރަޕިއަން ޕާލިމެންޓުން ވެސް ވަނީ ގޮވާލައިފަ އެވެ.

ފްރާންސުން ހުށަހަޅާފައިވަނީ ސޯޝަލް މީޑިއާ ބޭނުންކުރާ މީހުންގެ އުމުރު ބެލޭނެ ގޮތް ހެދުމަށް، ޔޫރަޕިއަން ޔޫނިއަންގެ ގާނޫނުތަކުގައި ބަޔާންކުރާ ފަދަ، އޭޖް ވެރިފިކޭޝަން މެކޭނިޒަމެއް ބޭނުންކުރުމަށެވެ. މި އުސޫލުގެ ދަށުން، ކަނޑައަޅާފައިވާ ވަކި އުމުރެއްގެ ބަޔަކަށް ނޫނީ ސޯޝަލް މީޑިއާ އެކައުންޓްތަކެއް ހެދުމުގެ ފުރުސަތު ނުލިބޭނެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close