ޒަމާނީ ދަނޑުވެރިކަމަށް 15 މިލިއަންގެ ގްރާންޓާއި “ދަނޑުވެރި ނަފާ” ލޯނު ހުޅުވާލައިފި

ދަނޑުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، އެ ދާއިރާއަށް އިންވެސްޓްކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން “ދަނޑުވެރި މަންފާ” ގްރާންޓްގެ ދެވަނަ ބުރާއި “ދަނޑުވެރި ނަފާ” ލޯނު ފެސިލިޓީއަށް ކުރިމަތިލުމުގެ ފުރުސަތު ސަރުކާރުން އާންމުކޮށް ހުޅުވާލައިފިއެވެ.
މި ދެ ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، ހއ. ކެލަޔަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ.
އިފާޑްގެ އެހީގައި ކުރިއަށްގެންދާ ‘މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް’ ގެ ދަށުން ދޫކުރާ 15 މިލިއަން ރުފިޔާގެ “ދަނޑުވެރި މަންފާ” ގްރާންޓަކީ ހއ، ހދ އަދި ށ އަތޮޅުގެ ދަނޑުވެރިންނާއި ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ދޫކުރާ މާލީ އެހީއެކެވެ. އެސްއެމްއީ ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށް ހުޅުވާލި މި ގްރާންޓުގެ މައިގަނޑު ބޭނުމަކީ ގްރީންހައުސް އާއި ހައިޑްރޮޕޯނިކްސް ފަދަ ތިމާވެއްޓާ ރައްޓެހި، ކްލައިމެޓް ސްމާޓް ނިޒާމުތައް ޤާއިމުކޮށްގެން ދަނޑުވެރިކަން ކުރިއެރުވުމެވެ.
މީގެ އިތުރުން ކުރިން ދޫކުރަމުން އައި ނަފާ ލޯނު އިސްލާމީ ފައިނޭންސިންގ ނިޒާމަށް ބަދަލުކޮށް ތަޢާރަފުކުރި “ދަނޑުވެރި ނަފާ” ލޯނު ފެސިލިޓީގެ ދަށުން، އާބަން އެގްރިކަލްޗަރ، ވާޓިކަލް ގާޑްނިންގ، ޕޯލްޓްރީ ފާމިންގ، އެގްރޯފޮރެސްޓްރީ އަދި ނާސަރީތައް ޤާއިމްކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޖަނަވާރުގެ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ވެޓެރިނަރީ ޚިދުމަތްތަކާއި ޕެޓް ފާމްތައް އުފެއްދުމަށްވެސް މި ފެސިލިޓީގެ ދަށުން އެހީލިބޭނެއެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި މި މާލީ ފެސިލިޓީތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ކުރިއަރައި، ދަނޑުވެރިކަމުގެ ސިނާއަތް ފުޅާވުމުގެ އިތުރުން، ޒަމާނީ ދަނޑުވެރިކަމަށް ޝައުޤުވެރިވާ ޒުވާނުންގެ ނިސްބަތް އިތުރުވެގެންދާނެއެވެ.



