ބޭރުދުނިޔެ

އީރާނުގައި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން މަގުތަކަށް ނިކުމެއްޖެ

އީރާނުގެ ސަރުކާރާ ދެކޮޅަށް ކުރަމުންދިޔަ މުޒާހަރާތައް ވަރުގަދަވެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށް، ސަރުކާރަށް ތާއީދުކުރާ އެތައް ހާސް ބަޔަކު މިއަދު ތެހެރާނުގެ މަގުތަކަށް ނުކުމެ ސަރުކާރަށް ކޮންޓްރޯލް އޮތްކަން ދައްކައިފި އެވެ.

އިގްތިސާދީ މައްސަލަތަކާ ގުޅިގެން މީގެ ދެ ހަފްތާ ކުރިން ފެށި މި މުޒާހަރާތައް މިހާރު ވަނީ ވެރިކަން ވައްޓާލުމުގެ ހަރަކާތަކަށް ބަދަލުވެފައި ކަމަށް ބެލެވޭއިރު، މިކަމާ ގުޅިގެން އެމެރިކާއާއި އީރާންގެ ގުޅުން ވަނީ އިންތިހާއަށް ހީނުވެފަ އެވ

އިގްތިސާދީ މައްސަލަތަކާ ގުޅިގެން މީގެ ދެ ހަފްތާ ކުރިން ފެށުނު ސަރުކާރާ ދެކޮޅު މުޒާހަރާތައް ވަނީ ގައުމީ ފެންވަރަށް ފުޅާވެ، ވެރިކަން ވައްޓާލުމުގެ ހަރަކާތަކަށް ބަދަލުވެފަ އެވެ. 1979 ވަނަ އަހަރު އީރާނުގައި ގެނައި އިސްލާމީ އިންގިލާބުގެ ފަހުން ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި މި ހަރަކާތްތައް މިހާރު ވަނީ ސިފަވެފަ އެވެ. ހާލަތު ކޮންޓްރޯލް ކުރުމަށްޓަކައި އީރާނުން ވަނީ މުޅި ގައުމުގެ އިންޓަނެޓް މީގެ ތިން ދުވަސް ކުރިން ކަނޑާލާފަ އެވެ. މިކަން ހައްގުތަކަށް ވަކާލާތުކުރާ ޖަމާއަތްތަކުން ސިފަކޮށްފައި ވަނީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާކަން ފޮރުވަން އެޅި ފިޔަވަޅެއްގެ ގޮތުގަ އެވެ.

ސަރުކާރާ ދެކޮޅު މުޒާހަރާތަކާ އެކު އީރާންގެ ސަރުކާރަށް ފިއްތުންތައް އިތުރުވެފައި ވަނިކޮށް، މިއަދު ވެރިރަށް ތެހެރާނުގައި ވަނީ ބޮޑު ރައްދު ދިނުމުގެ ހަރަކާތެއް ފަށާފަ އެވެ. ތެހެރާނުގެ އިންގިލާބުގެ މައިދާނަށް ގައުމީ ދިދައާ އެކު އެތައް ހާސް ބަޔަކު އެއްވެ ސަރުކާރަށް ތާއީދުކޮށް އަޑު އުފުލާފައިވާއިރު، މި މަންޒަރުތައް ގައުމީ ޓީވީން ވަނީ ދައްކާފަ އެވެ. ސަރުކާރަށް ތާއީދުކޮށް މީހުން އެއްވެފައި މި ވަނީ އީރާން އޮތީ ހަނގުރާމައަށް ވެސް އަދި މަޝްވަރާއަށް ވެސް ތައްޔާރަށް ކަމަށް ފޮރިން މިނިސްޓްރީން ބުނުމަށް ފަހުގަ އެވެ.

މި އެއްވުމުގައި ބައިވެރިވި މީހުންނާ މުހާތަބުކުރައްވަމުން، ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާޣިރު ޣާލިބާފް ވިދާޅުވީ އީރާނުން މިހާރު ދަނީ ހަތަރު ފަރާތުން ހަނގުރާމަކުރަމުން ކަމަށެވެ. އެއީ އިގްތިސާދީ ހަނގުރާމަ، ފިކުރީ ހަނގުރާމަ، އެމެރިކާ އާއި އިޒްރޭލާ ދެކޮޅަށް އަސްކަރީ ހަނގުރާމަ އަދި ޓެރަރިސްޓުންނާ ދެކޮޅު ހަނގުރާމަ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. ޓެރަރިސްޓުންގެ ގޮތުގައި އޭނާ ސިފަކުރެއްވީ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުންނެވެ. އެމެރިކާ އާއި އިޒްރޭލަށް މަރު ޖެހިއްޖެ ކަމަށް ވިދާޅުވެ އަޑު އުފުއްލަވަމުން އޭނާ ވަނީ އެމެރިކާއިން އީރާނަށް ހަމަލާ ދީފި ނަމަ ރައީސް ޑޮނަލްޑް ޓްރަމްޕަށް “ހަނދާން ނުނެތޭނެ ފިލާވަޅެއް” ލިބޭނެ ކަމަށް އިންޒާރު ދެއްވާފަ އެވެ.

އީރާނުގެ ފޮރިން މިނިސްޓްރީން ހަނގުރާމައަށް ވެސް އަދި މަޝްވަރާއަށް ވެސް ތައްޔާރަށް ކަމަށް ބުނިއިރު، އެމެރިކާއިން ވަނީ އީރާނުން މުޒާހަރާތައް ހުއްޓުވަން ބާރުގެ ބޭނުންކޮށް މީހުން މަރާ ނަމަ، އަސްކަރީ ބާރުގެ ބޭނުންކޮށްގެން ވިޔަސް މުޒާހަރާގެ ބައިވެރިންނަށް އެހީވާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ. އީރާނުން ވެސް ވަނީ އެމެރިކާއާ އެކު ކޮންމެ ވަގުތެއްގައި ވެސް ވާހަކަ ދެކެވޭ ގޮތަށް ގުޅުން އުފެއްދިފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއްޔެ ވިދާޅުވި ގޮތުގައި އީރާނާ ދެކޮޅަށް އަސްކަރީ ބާރުގެ ބޭނުންކުރުމަށް ވަނީ ތައްޔާރުވެފަ އެވެ. އީރާނުން މަޝްވަރާއަށް އެދިފައި ކަމަށް ވިދާޅުވަމުން ވެސް ޓްރަމްޕު ވަނީ މަޝްވަރާގެ ކުރިން ވެސް ހަމަލާ ދޭން ޖެހިދާނެ ކަމަށް ފާހަގަކުރައްވާފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close