ލައިބީރިއާގެ ރައީސްގެ މުސާރަ 40 ޕަސެންޓް ކުޑަކުރަނީ

ލައިބީރިއާގެ ރައީސް ޖޯސެފް ބޮއަކައި އަމިއްލަ މުސާރަ 40 ޕަސެންޓް ކުޑަކުރައްވާނެ ކަމަށް އިއުލާނު ކުރައްވައިފިއެވެ. މިއީ ޤައުމުގެ އިޤްތިޞާދީ ޙާލަތަށް ރިޢާޔަތްކޮށް ރައީސް ނިންމެވި ނިންމެވުމެކެވެ.
ADVERTISEMENT
ރައީސް ބޮއަކައި ފެބްރުއަރީ މަހު ހާމަކުރެއްވި ގޮތުގައި މިހާރު އޭނާއަށް އަހަރަކު ލިބިވަޑައިގަންނަވަނީ 13،400 އެމެރިކާ ޑޮލަރެވެ. ނަމަވެސް މުސާރަ 40 ޕަސެންޓަށް ކުޑަކުރެއްވުމަށްފަހު އަހަރަކު ލިބިވަޑައިގަންނަވާނީ 8،000 ޑޮލަރެވެ.
ރައީސް ބޮއަކައިގެ ކުރިން ވެރިކަން ކުރެއްވި ޖޯޖް ވީއާ ވެސް ވަނީ އޭނާގެ މުސާރަ 25 ޕަސެންޓަށް ކުޑަކުރައްވާފައެވެ.
ބޮއަކައިގެ މި ނިންމެވުމަށް ގިނަ ރައްޔިތުން ތަޢުރީފުކުރި ނަމަވެސް، ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ. އެއީ ރައީސަށް ލިބިވަޑައިގަންނަވާ އެހެނިހެން އިނާޔަތްތަކަށް ބަދަލެއް ނާންނާތީއެވެ.
ލައިބީރިއާގެ ރައީސް އޮފީހުގެ މި އަހަރުގެ ޖުމްލަ ބަޖެޓަކީ ތިން މިލިއަން ޑޮލަރެވެ. އެހެންނަމަވެސް، ފަހަކަށް އައިސް ދިރިއުޅުމުގެ އަގު ބޮޑުވުމާ ގުޅިގެން ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ސަރުކާރުގެ މަޤާމުތަކުގައި ތިބޭ މުވައްޒަފުންގެ މުސާރަތަކާ މެދު ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.
ހުޅަނގު އެފްރިކާގެ ޤައުމެއް ކަމަށްވާ ލައިބީރިއާގައި ކޮންމެ ފަސް މީހުންގެ ތެރެއިން އެކަކަކީ ދުވާލަކު ދެ ޑޮލަރަށްވުރެ މަދުން ލިބޭ މީހުންނެވެ. މި ޙާލަތުގައި ރައީސްގެ މުސާރަ ކުޑަކުރެއްވުމަކީ ރައްޔިތުންގެ ޙާލަތަށް އަލިއަޅުވާލުމަށް ކުރެއްވި ކަމެއް ކަމަށް ބެލެވެއެވެ.
ރައީސް ބޮއަކައިގެ މި ނިންމެވުމަކީ ލައިބީރިއާގެ އިޤްތިޞާދީ ޙާލަތަށް އަލިއަޅުވާލައްވައި، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް އެޅުއްވި ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ. މިކަމުން ރައްޔިތުންނަށް ދޭހަވަނީ ވެރިކަމުގެ އެންމެ މަތީ މަޤާމުން ފެށިގެން ޚަރަދުތައް ކުޑަކުރުމަށް މަސައްކަތްކުރާ ކަމެވެ.



