ބައިޑަން ސަރުކާރުގެ ދިފާޢީ ވަޒީރަކަށް ކަޅު ނަސްލުގެ ބޭފުޅެއް
އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަން އޭނާގެ ސަރުކާރުގެ ދިފާޢީ ވަޒީރުކަމަށް ކަޅު ނަސްލުގެ ބޭފުޅެއް ކަމަށްވާ އެމެރިކާގެ ކުރީގެ ޖެނެރަލެއް ކަމަށްވާ ލޮއިޑް އޮސްޓިން އައްޔަން ކުރައްވަން އިޚްތިޔާރު ކުރައްވާފައިވާކަމަށް ބައިޑެން ގެ ޓީމާއި ހަވާލާދީ އެމެރިކާގެ މީޑިއާތަކުން ބުނެފިއެވެ.
އެމެރިކާ ސިފައިންގެ ޚިދުމުގައި 40 އަހަރު ހޭދަކުރަށްވައި މިހާރު ރިޓަޔަރ ކުރައްވައިފައިވާ ޖެނަރަލް އޮސްޓިން މަގާމުން ވަކިވެވަޑައިގެންފައިވަނީ 2106 ވަނަ އަހަރު އެވެ. ސިފައިން ގެ ޚިދުމަތުން ވަކިވެވަޑައިގެންނެވިއިރު އޮސްޓިން ހުންނެވީ އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ވެރިޔާގެ މަގާމުގައެވެ. އޮސްޓިން ވެގެންދާނީ ދިފާއީ ވަޒީރުކަމަށް އައްޔަންކުރާ ކަޅު ނަސްލުގެ ފުރަތަމަ ޝަޚްސިއްޔަތު ކަމުގައެވެ.
ބައިޑަންގެ ޓީމާ ހަވާލާދީ އެމެރިކާގެ މީޑިއާ ބުނާގޮތުން އޭނާގެ ސަރުކާރުގެ ސިއްހަތާބެހޭ ވަޒީރުކަމަށް އައްޔަންކުރައްވާނީ ހަވިޔަރ ބެސޭރާ އެވެ. ބެސޭރާއަކީ ކެލިފޯނިޔާ ގެ ލޯކަލް ސަރުކާރުގެ އެޓާނީ ޖެނެރަލް އެވެ.
އަދި މީގެ އިތުރުން އެމެރިކާގެ “ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒަސް” ގެ ވެރިޔާ އެންތަނީ ފައުޗީއަށް އެމެރިކާގެ ރައީސްގެ ސިއްހަތާބެހޭ މުސްތަޝާރުކަމުގެ މަގާމު ދެއްވުމަށް ބައިޑަން ނިންމަވާފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ. މުސްތަޝާރުކަން ދެއްވި ނަމަވެސް “ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒަސް” ގެ ވެރިޔާގެ މަގާމުގައިވެސް ހުންނަވާނީ ފައުޗީއެވެ. ފައުޗީއަކީ އޭނާ މަގާމުން ވަކިކުރާނެކަމުގެ އިންޒާރު ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާފައިވާ ބޭފުޅެކެވެ.


