ދުވާފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށް ބަންދު ޖަހައިފި

މާލެއިން ރ. ދުވާފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، މި މަހުގެ 10 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހިފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވިގޮތުގައި ދުވާފަރު ބަނދަރު ސަރަޙައްދުން ހައްޔަރުކުރި މި ދެ މީހުން ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދުވާފަރު، ދޫރެސްގެ، އިސްމާޢީލް މަޙުމޫދު (53އ) އާއި އެ ރަށު ޕެލެސް، އީސާ އަޙްމަދު (40އ) ކަމަށް ފުލުހުން ބުންޏެވެ. މި ދެ މީހުންނަކީ ވެސް ދުވާފަރަށް ނިސްބަތްވާ ދެ މީހުންކަމަށާއި، އަދި މި އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވަގުފާރި ހުއްޓުވުމަށް އެ ރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ ޚާއްޞަ މަސައްކަތެއްކަމަށް ފުލުހުންގެ އިދާރާއިން ބުންޏެވެ.
ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އިސްމާޢީލް މަޙުމޫދު 5 ދުވަހަށް އަދި އީސާ އަޙްމަދު 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ އިރު، މިހާރު މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާކަމަށް ވެސް ފުލުހުން ބުންޏެވެ.
