ޚަބަރު

ވަޒީފާ އަދާކުރާ މުވައްޒަފުންގެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ކުރި ދިރާސާ ނިންމާލައިފި

ވަޒީފާ އަދާކުރާ މުވައްޒަފުންގެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ކުރި ދިރާސާ ނިމިއްޖެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އުއްމީދަކީ ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތްތަކުން ޤަބޫލުކުރާ މިންގަނޑުތަކެއްގައި މިނިމަމް ވޭޖް ކަނޑައެޅުން ކަމަށެވެ.

އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން، އައިއެލްއޯއަށް 100 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢިލް ވިދާޅުވީ ރާއްޖޭގައި މިނިމަމް ވޭޖް ކަނޑައެޅުމަކީ ސަރުކާރުގެ މުހިއްމު ވަޢުދެއްކަމަށެވެ.

މި ވަޢުދާއި އެއްގޮތަށް ފާއިތުވި ދުވަސްތަކުގައި އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން، އައިއެލްއޯއާއި އަދި ރާއްޖޭގެ ސެލަރީސް އެންޑް ވޭޖަސް އެޑްވައިޒަރީ ބޯޑާއި ގުޅިގެން މަޝްވަރާތަކެއް ކުރެވުނުކަން މިނިސްޓަރ ފައްޔާޟް ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ މިނިމަން ވޭޖާއި ގުޅޭގޮތުން މިހާތަނަށް ކުރި މަޝްވަރާތަކާއި ދިރާސާތައް މިހާރު ނިމިފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އުއްމީދަކީ ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތްތަކުން ޤަބޫލުކުރާ މިންގަނޑުތަކެއްގައި މިނިމަމް ވޭޖް ކަނޑައެޅުން ކަމަށެވެ. އެހެންކަމުން މިކަމަށް ރައްޔިތުންގެ ބަހެއް ހޯދުމަށްޓަކައި މިހާރު ނިމިފައިވާ ރިޕޯޓުތައް ކެބިނެޓަށް ހުށަހެޅުމަށް ފަހު ކެބިނެޓުގެ ލަފައާއި އިރުޝާދާއެކު ރައްޔިތުންގެ މަޖިލީހަށް ވަރަށް އަވަހަށް ހުށަހެޅިގެންދާނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އުއްމީދަކީ އަންނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި މިނިމަމް ވޭޖް ކަނޑައެޅިގެން ދިއުންކަމަށެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ މިނިމަމް ވޭޖާއެކު ރާއްޖޭގެ އިޤްތިޞާދަށް ބަދަލު އަންނާނެކަން ފާހަގަކުރައްވާފައެވެ. އަދި މިއީ ރާއްޖެއަށް މިވަގުތު ވަރަށް މުހިއްމުކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޟް ވިދާޅުވީ މިނިމަމް ވޭޖާއެކު ދެން ސަރުކާރުގެ އެންމެ އިސް މަސައްކަތަކަށް ވާނީ ކޮންމެ މަސައްކަތަކީވެސް ބަލައިގަންނަ މަސައްކަތަކަށް ހެދުން ނުވަތަ “ޑީސެންޓް ވޯކް” ރާއްޖޭގައި ޕްރޮމޯޓްކުރުންކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިން ސެލަރީސް އެންޑް ވޭޖަސް އެޑްވައިޒަރީ ބޯޑުގެ މެންޑޭޓަށް ބަދަލުތަކެއް ގެންނާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ވަޒީފާގެ މާހައުލުގައި މިންގަނޑުތަކެއް ކަނޑައެޅި ވަޒީފާ އަދާކުރާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތައް އަހުލުވެރިކުރެވިގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close