ބޭރުދުނިޔެ

ބްރެޒިލްގެ ކުރީގެ ރައީސް ގޭބަންދަށް ބަދަލުކުރުމަށް އެދި ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯ ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލަ، އޭނާގެ ސިއްޙީ ހާލަތު ގޯސްނޫން ކަމަށް ބުނެ، އެގައުމުގެ ފެޑެރަލް ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ. ހަތާވީސް އަހަރާއި ތިން މަސް ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޮލްސޮނާރޯއަށް މިހާރުވެސް ފުލުހުންގެ ބެލުމުގެ ދަށުގައި 24 ގަޑިއިރު ސިއްހީ ފަރުވާ ލިބޭނެ ކަމަށް ފަނޑިޔާރުން ނިންމެވީ އޭނާ ހޮސްޕިޓަލުގައި އޮންނަވާތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވެފައިވަނިކޮށެވ

ފެޑެރަލް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އެލެގްޒެންޑާ ޑި މޮރޭސް ކޯޓުގެ ނިންމުން ހާމަކުރައްވަމުން ވިދާޅުވީ، ބޮލްސޮނާރޯއަށް މިހާރުވެސް ފުލުހުންގެ ބެލުމުގެ ދަށުގައި 24 ގަޑިއިރު ސިއްހީ ފަރުވާ ލިބޭނެ ކަމަށެވެ. މީގެ އިތުރުން ފަނޑިޔާރުގެ ނިންމުމުގައި ފާހަގަކޮށްފައިވަނީ، ދިފާއުން ތުހުމަތުކުރާ ގޮތާ ހިލާފަށް ޖައިރް މެސިއަސް ބޮލްސޮނާރޯގެ ސިއްހީ ހާލަތު ގޯސްވެފައެއް ނުވާ ކަމަށެވެ. އޭގެ ބަދަލުގައި އޭނާގެ ކްލިނިކަލް ކޮންޑިޝަންގައި އިލެކްޓިވް ސާޖަރީތަކަށް ފަހު ކުރިމަތިވަމުން ދިޔަ ސިއްޙީ މައްސަލަތައް ރަނގަޅުވެފައިވާ ކަމަށް އޭނާގެ އަމިއްލަ ޑޮކްޓަރުންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ.

އުމުރުން 70 އަހަރުގެ ބޮލްސޮނާރޯ ހާނިއާ އޮޕަރޭޝަނަކަށްފަހު ހޮސްޕިޓަލްގައި އޮންނަވާތާ މިހާރު ހަފްތާއަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. އޭނާ ގޭ ބަންދަށް ބަދަލުކޮށްދިނުމަށް އެދި މީގެކުރިންވެސް ވަނީ ކޯޓުގައި ހުށަހަޅާފައެވެ. ބޮލްސޮނާރޯ މިހާރު ޖަލުގައި ބަންދުކޮށްފައި ހުރީ ވެރިރަށް ބްރެޒިލިއާގެ ފެޑެރަލް ޕޮލިސްގެ މައި މަރުކަޒުގައެވެ. އޭނާގެ މައްޗަށް ޖަލު ހުކުމް އިއްވީ 2022 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ބަލިވުމުން ވެރިކަން ދެމެހެއްޓުމަށް ބަޣާވާތެއް ކުރިކަން ސާބިތުވުމުންނެވެ.

ކަނާތުފިޔައިގެ ކުރީގެ ލީޑަރު، ބޮލްސޮނާރޯއަށް 27 އަހަރާއި ތިން މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ. ނަމަވެސް، އިސްތިއުނާފުކުރަން ފުރުސަތު ދިނުމަށް އެ ހުކުމް ފެށުން ލަސްކުރިއެވެ. ބޮލްސޮނާރޯއަކީ ރައީސް ކަމަށް ވަޑައިގަތުމުގެ ކުރިން ގާތްގަނޑަކަށް 27 އަހަރު ވަންދެން ޗެމްބަރު އޮފް ޑެޕިއުޓީސްގައި މަސައްކަތް ކުރެއްވި ކުރީގެ ސިފައިންގެ ކެޕްޓަނެކެވެ. އޭނާގެ މައްޗަށް އެ ހުކުމް އިއްވާފައިވަނީ އިންތިޚާބުގެ ނަތީޖާ ބަދަލުކުރުމަށް މަސައްކަތްކޮށް، ގައުމުގެ މުއައްސަސާތަކަށް ހަމަލާދިނުމަށް ހިތްވަރުދިންކަން ސާބިތުވުމުންނެވެ.

ރިޔާސީ އިންތިޚާބުން ބޮލްސޮނާރޯ ބަލިވެ، ބްރެޒިލްގެ ރައީސްކަމުގެ މަގާމު ލިބުނީ ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާއަށެވެ. ނަމަވެސް، ބޮލްސޮނާރޯ ވަނީ ބަލި ގަބޫލުކުރަން ދެކޮޅު ހައްދަވައި، ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. އެއްވެސް ހެއްކެއް ނެތް ކަމަށް ބުނެ، އޭރު ކޯޓުން ވަނީ މައްސަލަ ބަލައިނުގެންފައެވެ. އަދި، ބޮލްސޮނާރޯގެ ޓީމު ގާތްގަނޑަކަށް 4.3 މިލިއަން ޑޮލަރުން ޖޫރިމަނާ ވެސް ކުރިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close