ހުޅުމާލޭ 4،000 ފުލެޓުގެ ހައްގުވެރިންނަށް ޖެނުއަރީގައި ތަޅުދަނޑި ހަވާލުކުރަނީ

ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކުރި 4،000 ހައުސިން ޔުނިޓުގެ ހައްގުވެރިންގެ ތެރެއިން 3،879 ފަރާތަކަށް އަންނަ ޖަނަވަރީ މަހު ފުލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރެވޭނެ ކަމަށް ހައުސިން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެއްބަސްވުންތައް ސޮއިކޮށް ނިމިފައިވާއިރު، ފުލެޓު ހަވާލުކުރުން ލަސްވީ ފެނާއި ނަރުދަމާއާއި ކަރަންޓު ގުޅުން އަޅުއްވާފައި ނެތުމުގެ ސަބަބުން ކަމަށެވެ
މި މަޝްރޫޢުގެ ދަށުން ތިން ކޮޓަރީގެ 2،800 ފުލެޓާއި ދެ ކޮޓަރީގެ 1،200 ފުލެޓު ހިމެނެއެވެ. ޖުމްލަ 4،000 ފުލެޓުގެ ތެރެއިން މިހާރުވެސް 399 ހައްގުވެރިންނަށް ތަޅުދަނޑި ހަވާލުކުރެވިފައިވާކަން ޑރ. މުއްތަލިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މި ސަރުކާރު ވެރިކަމަށް އައިއިރު، މި މަޝްރޫޢުގެ އެންމެ 32 އިންސައްތަ މަސައްކަތް ނިމިފައިހުރީއެވެ. ފާއިތުވި ދެ އަހަރުގެ ތެރޭގައި ސަރުކާރުން އިސްކަންދީގެން ބާކީ ހުރި 68 އިންސައްތަ މަސައްކަތް ނިންމާލާފައިވާއިރު، ފެނާއި ނަރުދަމާއާއި ކަރަންޓުގެ ޚިދުމަތްތައް ގުޅައި، ލޭންޑްސްކޭޕިން މަސައްކަތްތައް ވެސް ވަނީ ފުރިހަމަކޮށްފައެވެ.
ހައުސިން މަޝްރޫޢުތަކުގެ ތާރީޚުގައި، ކުރީގެ ސަރުކާރަކުން ނެރުނު ފުލެޓުގެ ހައްގުވެރިންގެ ލިސްޓަށް ބަދަލެއް ނުގެނެސް، އެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ފުލެޓު ހަވާލުކުރެވޭ ފުރަތަމަ ފަހަރު މިއީއެވެ. މީގެކުރިން މިފަދަ މަޝްރޫޢުތަކުގައި ފަހުން އަންނަ ސަރުކާރުތަކުން ލިސްޓަށް ގިނަ ބަދަލުތައް ގެނެސްފައިވާކަން ފާހަގަކުރެވެއެވެ.
މިސާލަކަށް، ހިޔާ މަޝްރޫޢުގެ 7،000 ފުލެޓުގެ ހައްގުވެރިންގެ ފުރަތަމަ ލިސްޓުން ގިނަ ބަޔަކު ފަހުން އުނިކުރެވުނެވެ. ފުލެޓު ހައްގުވެރިންގެ ލިސްޓުން އުނިކުރެވުމުގެ ސަބަބުން ފުލެޓު ނުލިބުނު ފަރާތްތަކަށް، މި ސަރުކާރުން ހިންގާ ގެދޮރުވެރިކަމުގެ މަޝްރޫޢުތަކުގެ ދަށުން ފުލެޓު ދިނުމަށް ވަކި ކެޓަގަރީއެއް މިހާރު ވަނީ ކަނޑައަޅާފައެވެ. މިއީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްގެ ފުރިހަމަވުމެކެވެ.


