މުޒާހަރާ ހުއްޓުވަން ބާރުގެ ބޭނުންކުރީ ގަވާއިދާ އެއްގޮތަށް: ފުލުހުން

މާލޭގައި ރޭ އެމްޑީޕީން ބޭއްވި މުޒާހަރާ ހުއްޓުވުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރި ކަމަށް އަމާޒުވި ތުހުމަތުތަކަށް ރައްދު ދެމުން، ފުލުހުން ބުނީ ގަވާއިދުތަކުން ހުއްދަ ބާރުތައް ބޭނުންކޮށްފައިވާނެ ކަމަށެވެ. އެމްޑީޕީގެ ގާނޫނީ ވަކީލުން ވަނީ ފުލުހުން “ލޯންގް ރޭންގް އެކޫސްޓިކް ޑިވައިސް (އެލްއާރުއޭޑީ)” ކިޔާ ސޮނިކް ވެޕަން އާލާތެއް ބޭނުންކުރުމަކީ އުސޫލެއް ނެތުމުން ހުއްދަ ކަމެއް ނޫން ކަމަށް ބުނެފަ އެވެ.
ނަމަވެސް ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، އެއްވުން ހުއްޓުވުމުގައި ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމުގެ ގަވާއިދާއި، ބާރާއި އިހުތިޔާރު ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ހުއްދަކޮށްފައިވާ ބާރުތައް ބޭނުންކުރި ކަމަށާއި، ބާރުގެ ބޭނުންކުރުމުގައި ނަގަހައްޓަންޖެހޭ އަސާސްތައް ނަގަހައްޓާފައިވާނެ ކަމަށެވެ.
މި މުޒާހަރާގެ ބައިވެރިން އާޓިފިޝަލް ބީޗަށް ޖަމާވުމަށް ފަހު މަޖީދީމަގުން ހިނގާފައި ދާން އުޅުމުން ފުލުހުން ވަނީ ހުއްޓުވައި، އަށް މީހަކު ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނި ގޮތުގައި އެކަން އެގޮތަށް ކުރަން ޖެހުނީކަމަށެވެ. ކުރިން މަޝްވަރާކޮށް އެއްބަސްވި ގޮތާ ހިލާފުވެފައިވާތީ މަޖީދީމަގުން ހިނގާލުން ކުރިއަށް ނުގެންދެވޭނެ ކަމަށް ނަސޭހަތްދީ އިލްތިމާސްކުރި ނަމަވެސް، މުޒާހަރާގެ ބައިވެރިން އެގޮތަށް އަމަލުނުކޮށް ފުލުހުންނާ ކުރިމަތިލާފައިވާ ކަމަށާއި، ބެރިކޭޑް ނަގައި އެއްލައިލުމާއި ފުލުހުންގެ ޝީލްޑްތައް އަތުލަން މަސައްކަތްކޮށް، ގާނޫނާ ހިލާފް ހަރަކާތްތަކެއް ހިންގާފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި މުޒާހަރާ ހުއްޓުވީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ސުލްހަވެރި ސިފަ ގެއްލިފައިވުމާއި ހުއްދަ ނޫން ތަނަކަށް އެއްވާން މަސައްކަތްކުރުމުންނެވެ. ފުލުހުން ވަނީ ގާނޫނު ނެގެހެއްޓުމުގެ ގޮތުން ނަސޭހަތާއި އިންޒާރު ދިނުމަށް ފަހު، އެއްވުން ހުއްޓުވުމުގައި ގާނޫނު ހުއްދަކުރާ ބާރުގެ ބޭނުން ކެތްތެރިކަމާއި ޕްރޮފެޝަނަލްކަމާ އެކު ކޮށްފައިވާނެ ކަމަށް ވެސް ހާމަކޮށްފަ އެވެ.


