ޚަބަރު

ދައުލަތުގެ ބަޖެޓުން ފައިސާ ލިބެނީ ހަތަރު ސިޔާސީ ޕާޓީއަކަށް

އަންނަ އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުން ފައިސާ ލިބެން ޝަރުތު ހަމަވަނީ ހަތަރު ސިޔާސީ ޕާޓީއަކަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހާމަކޮށްފިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން، ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ 0.1 އިންސައްތަ، 10،000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް ދޭންޖެހެއެވެ. މި ނިންމުން ނިންމީ މިދިޔަ ނޮވެންބަރު 25 ގައި އަންނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހުގެ ނިޔަލަށް މެންބަރުންގެ އަދަދުތަކަށް ބަލައިފައިކަމަށް އީސީން ބުންޏެވެ.

އީސީން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، 10،000 މެންބަރުން ހަމަވާ ޕާޓީތަކަކީ މިހާރު ސަރުކާރު ހިންގާ ޕީއެންސީ (68،665 މެންބަރުން)، އިދިކޮޅު އެމްޑީޕީ (43،765 މެންބަރުން)، ޖުމްހޫރީ ޕާޓީ (13،456 މެންބަރުން) އަދި އެމްޑީއޭ (10،300 މެންބަރުން) އެވެ. މި އަހަރު ދައުލަތުގެ ބަޖެޓުން ފައިސާ ލިބުނު އަދާލަތު ޕާޓީ، މެންބަރުންގެ އަދަދު 8،844 އަށް ދަށްވުމާ ގުޅިގެން، އަންނަ އަހަރަށް ފައިސާ ލިބޭ ލިސްޓުން ވަނީ ބޭރުވެފައެވެ.

މިއަހަރު ފަސް ޕާޓީއަކަށް ޖުމްލަ 27.9 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، އަންނަ އަހަރު މި އަދަދު ބެހިގެންދާނީ ހަތަރު ޕާޓީގެ މެދުގައެވެ. އީސީން ވަނީ އަންނަ ޖެނުއަރީ 1 އިން ފެށިގެން، ސިޔާސީ ޕާޓީތަކުން ވަކިވާން ބޭނުންވާ މެންބަރުންނަށް ކޮމިޝަންގެ ހާއްސަ ޕޯޓަލް މެދުވެރިކޮށް ވަގުތުން އެކަން ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close