ފެނަކައިން 112 މިލިއަން ރުފިޔާގެ އަޑީތެޔޮ ގަތީ އަނދުން ހުސެއިންގެ ކުންފުންޏަކުން: އޮޑިޓް ރިޕޯޓް

ފެނަކަ ކޯޕަރޭޝަނުން 2021 އިން 2023 އަށް 127 މިލިއަން ރުފިޔާގެ އަޑީތެޔޮ ގަތްއިރު، އޭގެ ތެރެއިން 112 މިލިއަން ރުފިޔާގެ އަޑީތެޔޮ ގަނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ސިރިއަސް އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުންކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މި މުއާމަލާތްތައް ހިންގާފައިވަނީ ބިޑަކަށް ހުޅުވާނުލައި އަދި އެއްބަސްވުމެއް ނެތިއެވެ. އަޑީތެޔޮ ގަނެފައިވަނީ ފެނަކައިގެ ޕްރޮކިއުމެންޓް ޕޮލިސީގައިވާ އަގުތަކަށްވުރެ ބޮޑުނުވާ ގޮތަށް، ދުވަހުން ދުވަހަށް ޕާޗޭސް އޯޑަރު ފޮނުވައިގެންނެވެ.
މި މުއްދަތުގައި ފެނަކައިން ދައުލަތުގެ ކުންފުނިތަކުން ވެސް އަޑީތެޔޮ ގަނެފައިވެއެވެ. އެމްޓީސީސީން 15 މިލިއަން ރުފިޔާގެ އަދި ސްޓެލްކޯއިން 45,852 ރުފިޔާގެ އަޑީތެޔޮ ގަނެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ފެނަކަ ކޯޕަރޭޝަނުގެ މާލީ މުއާމަލާތްތަކާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓެއް ރޭ ވަނީ އާއްމުވެފައެވެ. މިދިޔަ އެމްޑީޕީގެ ސަރުކާރުގައި އެ ކުންފުނިން 2.2 ބިލިއަން ރުފިޔާއަށްވުރެ ބޮޑު ޚިޔާނާތެއް ހިންގާފައިވާކަން އެ ރިޕޯޓުން ދައްކައެވެ.
މި އޮޑިޓް ރިޕޯޓުން 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ހިންގާފައިވާ މާލީ މުއާމަލާތްތަކުގެ ތަފްސީލްތަކުން އެނގޭ ގޮތުގައި، ވާދަވެރި ބީލަމުގެ އުސޫލުން ބޭރުން 1.3 ބިލިއަން ރުފިޔާގެ އެއްބަސްވުންތަކެއް ހަދާފައިވެއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ދައުލަތުގެ ކުންފުންޏަކުން މިހާތަނަށް ކުރި އެންމެ ބޮޑު ވައްކަން ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

