ސްޓެލްކޯގެ އެމްޑީކަމުން ހުސައިން ފަހުމީ ވަކިކޮށް، ޝަމާހު އައްޔަންކޮށްފި

ސަރުކާރުގެ ކަރަންޓު ކުންފުނި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް ( ސްޓެލްކޯ ) ގެ މެނޭޖިން ޑިރެކްޓަރުކަމުން މ. ފަތަޙަ، ހުސައިން ފަހުމީ ވަކިކޮށް، އެ މަގާމަށް މިފްކޯގެ ކުރީގެ ސީއީއޯ މ. ސިސްކިން، އަޙްމަދު ޝަމާހް ރަޝީދު މިއަދު އައްޔަންކޮށްފިއެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ބަލަދުވެރިޔާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވެސް މިކަން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ފަހުމީއަކީ 1998 ވަނަ އަހަރުން ފެށިގެން ސްޓެލްކޯގައި ހިދުމަތް ކުރައްވަމުންގެންދަވާ، ގިނަ ތަޖުރިބާ ހުރި ބޭފުޅެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އޭނާ ވަނީ ސްޓެލްކޯގެ އެމްޑީކަމުގެ މަގާމާ ހަވާލުވެވަޑައިގެންފައެވެ. ދޮޅު އަހަރަށްވުރެ ކުރު މުއްދަތަކަށްފަހު އެ މަގާމުން ވަކިކުރި ސަބަބެއް އަދި ކަށަވަރުވެފައެއް ނުވެއެވެ.
ސްޓެލްކޯގެ އާ އެމްޑީއަކަށް އައްޔަންކުރި އަޙްމަދު ޝަމާހް ރަޝީދު މީގެ ކުރިން މަސައްކަތްކުރެއްވީ ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ސީއީއޯގެ މަގާމުގައެވެ. 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު މިފްކޯގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، އެ މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.
ނަމަވެސް މިއަދާއި ހަމައަށް ޝަމާހު ހުންނެވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގައެވެ.



