ޚަބަރު

ނަފްރަތުގެ ޢަމަލުތައް ހުއްޓުވުމުގެ ނަމުގައި ހުށަހަޅާފައިވާ ބިލް ފާސްނުކުރުމަށް ގޮވާލާ ހެނބަދޫ ކައުންސިލުން ބަޔާނެއް ނެރެފި

ނަފްރަތުގެ ޢަމަލުތައް ހުއްޓުވުމުގެ ނަމުގައި ހުށަހަޅާފައިވާ ބިލް ފާސްނުކުރުމަށް ގޮވާލާ ނ. ހެނބަދޫ ކައުންސިލުން ބަޔާނެއް ނެރެފިއެވެ.

ޤާނޫނޫ ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 123 ވަނަ މާއްދާގެ ފަހަތަށް 124 ވަނަ މާއްދާގެ ގޮތުގައި އިތުރުކުރުމަށް ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅޭ ބިލުގައި ރައްޔިތުން ކަންބޮޑުވާ ކަންތައްތަކެއް ހުރިކަން އެކައުންސިލުން ފާހަކުރާކަމަށް އެ ބަޔާނުގައިވެއެވެ.

އެ ބިލްގެ ސަބަބުން އިސްލާމްދީނުގެ އަސްލަކާ ޚިލާފު ނުވާނެ ގޮތެއްގެ މަތިން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިކުރެވިގެންދާކަމަށް ޤަބޫލުކުރާ ކަމަށާއި އިސްލާމްދީނުގެ މުހިއްމު އެއް އަސާސްކަމުގައިވާ، މުންކަރާތްތައް ނަހީކުރުމުގެ ދޮރު ބަންދުވެގެންދާގޮތަށް ބިލް ފަރުމާކުރެވިފައި އޮތްކަމަށް ޢިލްމުވެރިން ވިދާޅުވަމުން ގެންދަވާކަން ސާފުކޮށް ފެންނަން އެބަ އޮތްކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އަދި އިސްލާމްދީނާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދުމަށް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގެ (ށ) ން ލާޒިމްކުރާ އުޞޫލާ ޚިލާފަށް ކުރެވޭ ޢަމަލަކަށް މި ޢަމަލު ވެގެންދާނެކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އެ ކައުންސިލުން ބަޔާންކުރާގޮތުގައި މި ބިލްގެ ސަބަބުން އިސްލާމްދީނާއިމެދު ޢަދާވާތްތެރިކަން ފާޅުކޮށް، އިސްލާމްދީނަށް ފުރައްސާރަކުރާކޮށް އުޅޭ މީހުންގެ ނިވާފަތްގަނޑެއްގެ ގޮތުގައި އެ ޤާނޫނު ބޭނުންކުރެވިގެންދާނެކަމަށާއި އެފަދަ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށް ގޮވާލެވޭ ގޮވާލެވުންވެސް މުޅިން ބަންދުވެގެންދާނެކަމަށެވެ.

މި ބަޔާން ނިންމާލައިފައިވަނީ، ސަރުކާރަށް ރައްޔިތުންގެ ނުރުހުންތެރިކަން ކުރިމަތިވެދާނެފަދަ ގޮތަކަށް ފަރުމާކުރެވިފައިވާ ބިލް، އަނބުރާ ގެންދެވުމަށް ދިވެހިރާއްޖޭގެ ރައީސުލް ޖުމްޙޫރިއްޔާއަށް ހުޅުދުއްފާރުގެ ރައްޔިތުންނާއި ހުޅުދުއްފާރު ކައުންސިލްގެ ނަމުގައި އިލްތިމާސްކުރަމުންނެވެ. އަދި މި ބިލާ ދެކޮޅަށް ވޯޓުދެއްވުމަށް ހުޅުދުއްފާރުގެ ރައްޔިތުންނާއި ހުޅުދުއްފާރު ކައުންސިލުގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ މި ދާއިރާގެ މެމްބަރަށާއި މަޖުލީހުގެ އެންމެހައި މެމްބަރުންނަށް ގޮވާލަމުންނެވެ.

އަދި ޤަނޫނަށްގެނެވޭ މިފަދަ ބިލްތަކަށާއި އިސްލާޙުތައް ގެނެވެންވާނީ ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ޙިއްސާކުރެވި، އެބޭފުޅުންގެ ރަޢުޔު ހިމެނިގެން ކަމުގައި އެ ބަޔާނުގައި ވެއެވެ.

އެއް ކޮމެންޓް

  1. ވީހާވެސް އަވަހަށް ތިޔަ ބިލު ފާސްކުރަން ފެނޭ.ރައްޔިތުން ބުނާއެއްޗެއް އެނގޭނީ އޭރުން..

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close