ޚަބަރު

އޯވަޑްރޯ ލިމިޓް 2.5 ބިލިއަން ރުފިޔާއަށް ދަށްކުރަން ކޮމިޓީން ފާސްކޮށްފި

ފައިސާ ޗާޕްކުރުމުގެ ހުއްދައަށް އެދި ފިނޭންސް މިނިސްޓްރީން އެދުނު އަދަދަށް ވުރެ ވަރަށްބޮޑުތަން ދަށްކޮށް، ފައިސާ ޗާޕުކުރުމަށް ކުރުމަށް ހުއްދަދޭން ،މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

ފައިސާ ޗާޕުކުރުމަށް ދީފައިވާ ހުއްދައަށް އެއް އަހަރު އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި ހުށަހެޅުމާ ބެހޭގޮތުން ސުވާލުކުރުމަށް އެ މިނިސްޓްރީ އާއި މަރުކަޒީ ބޭންކު އެމްއެމްއޭ ވަނީ ކޮމިޓީއަށް މިއަދު ހާޒިރުކޮށްފައެވެ.

މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވަނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ހަމަތަކަށް އަމަލުކުރުން ފަސްކުރުމުގެ މުއްދަތު 2023 ގެ ނިޔަލަށް އިތުރުކުރުމަށާއި، ކުރިއަށް އޮތް ދެ އަހަރު ޗާޕްކުރެވޭނެ ފައިސާގެ އެންމެ މަތީ ލިމިޓަކީ 2.5 ބިލިއަން ރުފިޔާގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅުއްވާފައެވެ.

އަބްދުލްޣަފޫރުގެ ހުށަހެޅުއްވުމަށް ތާއީދުކުރައްވާ، ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވީ، ފައިސާ ޗާޕްކުރުމަށް އެމްއެމްއޭ އާއި އޮޑިޓާ ޖެނެރަލްގެ އޮފީހުން ތާއީދުކުރައްވާ ކަމަށާއި، ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށްޓަކައި މިއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

މި ހުށަހެޅުން ފާސްވީ ކޮމިޓީއަށް ވަޑައިގެން ތިއްބެވި ހުރިހާ މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެހެންކަމުން، ދެން އޮތީ މި ހުށަހެޅުން މަޖިލީހުގެ ތަޅުމަށް ވެއްދުމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close