ރައީސްގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅެއްގައި އާދިއްތަ ދުވަހު ޗައިނާއަށް ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފިއެވެ.
ރައީސްގެ ދެކަނބަލުންގެ މި ފުރަމާނަ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންގޕިންގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.
މިމަހުގެ 7 ން 12 އަށް ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރައްވާ މި ފުރަމާނަ ދަތުރުފުޅުގައިވެސް ދެޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ. އަދި މި ދަތުރުފުޅުގައި ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. ނަމަވެސް މި ދަތުރުފުޅާ ގުޅޭ އިތުރު މަޢުލޫމާތު ސަރުކާރުން ހާމައެއް ނުކުރައްވައެވެ.
ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ހަވާލުވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އެންމެ ފުރަތަމަ ދަތުރުފުޅެއް ކުރެއްވީ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ތުރުކީވިލާތަށެވެ. އެ ދައުރުފުޅުގައި އެޤައުމުގެ ރައީސާ ބައްދަލުކުރައްވާ ރަސްމީ މަޝްވަރާތައް ބާއްވަވާފައިވެއެވެ. ތުރުކީވިލާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮޕް-28ގައި ބައިވެރިވެވަޑައިގަތުމަށް އެކުވެރި ޢަރަބް ޢިމާރާތް، ޔޫއޭއީއަށްވެސް ވަޑައިގެންފައެވެ.
މި ދަތުރުފުޅުތަކުގެ ސަބަބުން ރާއްޖެއަށް ގިނަގުނަ މަންފާތަކެއް ލިބިގެން ގޮސްފައިވަކަމަށް ސަރުކާރުން ހާމަކުރައްވައެވެ.


