ރާއްޖޭގެ ގިނަ ކައުންސިލުތަކާއި ފަސް ސިޔާސީ ޕާޓީއެއްވެސް ނަފްރަތުގެ ޢަމަލު ހުއްޓުވުމުގެ ނަމުގައި ހުށަހަޅާފައިވާ ބިލާއިދެކޮޅު
ނަފްރަތުގެ ޢަމަލު ހުއްޓުވުމުގެ ނަމުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް މިހާތަނަށް ފަސް ސިޔާސީ ޕާޓީއަކުންވެސްވަނީ ދެކޮޅު ހަދާ ބިލާއިމެދު ކަންބޮޑުވުން އޮތްކަން ހާމަކުރައްވާފައެވެ.
އެގޮތުން ދާދި ފަހުން ރައީސް އުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމު އިސްވެ ހުންނަވާ އެމް.އާރު.އެމް ޕާޓީންވެސްވަނީ ބިލުގައި ކަންބޮޑުވުންތަކެއް ހުރިކަމަށާއި އިތުރަށްވެސް ބިލުގައި އިސްލާޙުކުރައްވަންޖެހޭ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ.
މިހާރުގެ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީތައްކަމަށްވާ ޖުމްހޫރީ ޕާޓީންނާއި އަދާލަތު ޕާޓީންވެސްވަނީ މި ބިލާއިދެކޮޅު ކަމަށް ވިދާޅުވެ، ބިލަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ.
މި ބިލު ދިރާސާ ކުރާ ކޮމިޓީ މިހާރުވަނީ، ބިލުގެ ދިރާސާ ނިންމާ މަޖިލީހުގެ ތަޅުމަށް ފޮނުވަން ތައްޔާރުވެފައެވެ.
މި ބިލު ދިރާސާ ކުރަމުންދިޔައިރު، ވަކި ޚާއްޞަ 3 މުއައްސަސާއަކުން ލަފާހޯއްދަވާނެކަމަށް ވިދާޅުވި ނަމަވެސް، އެ މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންނާއި ހިއުމަން ރައިޓްސް ކޮމިޝަނުންވެސް ދެއްވި ލަފައާއިއެއްގޮތަށް ބިލު އިސްލާޙުކޮށްފައި ނުވާކަން އެ ދެ މުއައްސަސާއިންވަނީ ކަންބޮޑުވުންތަކާއިއެކު ފާހަގަކޮށްފައެވެ.
ބިލް ހުށަހެޅި އިރަށްވުރެވެސް އިސްލާޙުވެގެން އައިއިރު އަދި މާބޮޑަތި ކަންބޮޑުވުންތަކެއް އެބަހުރިކަން ރާއްޖޭގެ ބޮޑަތި ދީނީ ޢިލްމުވެރިން ދަނީ ކެނޑިނޭޅި ވިދާޅުވަމުންނެވެ.
މި ބިލާއިދެކޮޅަށް ރާއްޖޭގެ 123 ކައުންސިލަކުން މިހާރުވެސް ބަޔާން ނެރެފައިވާއިރު، 106 މަދަނީ ޖަމްޢިއްޔާއަކުންވެސް ވަނީ ކަންބޮޑުވުން ފައުޅުކޮށް ބަޔާން ނެރެފައެވެ.
ގިނަ ރައްޔިތުންތަކެއްގެ ޚިޔާލުތައް ފޮނުވި ކަމަށާއި އެ ޚިޔާލުތަކަށް ކޮމިޓީން އެއްވެސް ވަރަކަށް ބެއްލެވިތޯވެސް ދަނީ ސުވާލު އުފައްދަމުންނެވެ.