ނަފުރަތުގެ ޢަމަލު ހުއްޓުވުމުގެ ނަމުގައި ހުށަހަޅާފައިވާ ބިލާ ދެކޮޅަށް 119 ކައުންސިލަކުން ބަޔާން ނެރެފި
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ނަފުރަތުގެ ޢަމަލު ހުއްޓުވުމުގެ ނަމުގައި ހުށަހަޅާފައިވާ ބިލާ ދެކޮޅަށް މިއަދުގެ މިހާތަނަށް 119 ކައުންސިލަކުން ބަޔާން ނެރެފިއެވެ.
ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާ މި ބިލް މިހާރު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ ދަނީ ދިރާސާކުރަމުންނެވެ. މި ބިލް ދިރާސާކުރާ ކޮމިޓީގެ ތެރޭގައިވެސް ޚިޔާލުތަފާތުވުންތަކެއް ހުރިކަމަށް ނާރެސްއަށް މަޢުލޫމާތު ލިބެއެވެ.
މި ބިލް ކޮމިޓީއަށްފޮނުވި ދުވަހު، އެ ބިލް ދިރާސާ ކުރާ ކޮމިޓީން ބުނެފައިވަނީ، މި ބިލަށް މަޝްވަރާ ހޯދާނީ، 3 މުއައްސަސާއަކުން ކަމަށެވެ. އެއީ، އިސްލާމިކް މިނިސްޓްރީންނާއި ޕީ.ޖީ އޮފީހުގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނުން ކަމަށެވެ. އަދި ފަހުންވަނީ ރައްޔިތުންގެ ޚިޔާލުވެސް ހޯދުމަށް ފުރުޞަތު ހުޅުވާލާއި ޢާންމު ރައްޔިތުންގެ ޚިޔާލުތައްވެސް ބަލައިގަނެ، އެ ޚިޔާލުތައް ދިރާސާކުރާނެކަމަށް ކޮމިޓީން ވިދާޅުވެފައެވެ.
ނާރެސްއަށް މަޢުލޫމާތު ލިބޭގޮތުގައި އިސްލާމިކް މިނިސްޓްރީންވެސްވަނީ މިހާރު މި ބިލުގައިހުރި ބައެއްކަންކަން އިޞްލާޙުކުރަންޖެހޭކަމަށްދެކި ކޮމިޓީއަށް ލަފާ އަރުވާފައެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަނުންވެސް ބިލުގައި ކަންބޮޑުވާންޖެހޭ ކަންތައްތަކެއް ހުރިކަމަށާއި ބިލަށް އިޞްލާޙުތަކެއް ގެންނަންޖެހޭކަމަށް ވިދާޅުވެފައިވެއެވެ.
ރާއްޖޭގެ ބޮޑަތި ދީނީ ޖަމްޢިއްޔާތަކަކުންނާއި އެތައް ކައުންސިލަކުންނާއި ދީނީ އެހެނިހެން ޖަމްޢިއްޔާތަކުން ކެނޑިނޭޅިދަނީ މި ބިލާއިދެކޮޅަށް އަޑުއުފުލާ، ބަޔާންތައް ނެރެމުންނެވެ.
މި ބިލް އެއޮތްގޮތަށް އޮވެ، ފާސްވެއްޖެނަމަ، އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުން ޤާނޫނެއް ދަށުން ހިމާޔަތްވެ، މުންކަރާތްތައް ނަހީކުރަމުންދާ ފަރާތްތައް ކުށްވެރި ވެގެންދާކަމަށް މިކަމާއި ދެކޮޅަށް ނެރެމުންދާ ބަޔާންތަކުގައިވެއެވެ.