ކުރިއަށް އޮތް 48 ގަޑިއިރު މޫސުން ގޯސްވާނެ – މެޓް އޮފީސް
ކުރިއަށް އޮތް 48 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިއުލާންކޮށްފިއެވެ.
މޫސުބާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖެ ހިމެނޭ ސަރަޙައްދުގައި އުފެދިފައިވާ ޓްރަފްގެ ސަބަބުން ކުރިއަށް އޮތް 48 ގަޑިއިރު، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު، ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭކަމަށެވެ.
މީގެ އިތުރުން އަތޮޅުން ހއ. އަތޮޅުން ފެށިގެން އއ.އަތޮޅާ ދެމެދުގެ ސަރަޙައްދަށް އާންމުވައި ގަދަވެ، ކަނޑުތައް ގަދަ ވާނެ ކަމަށް ލަފާ ކުރެވޭކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.
“ވީމާ ހުރިހައި ފަރާތްތަކުން، ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލު ވެލެއްވުމަށް އިލްތިމާސް ކުރަމެވެ.” މެޓް އޮފީހުން ވިދާޅުވިއެވެ.
އަދި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން، ފެންބޮޑު ވެދާނެ ކަމަށް ލަފާކުރެވޭތީވެ، އާންމުކޮށް ފެންބޮޑުވާ ރަށްތަކުގައި ދިރިއުޅުއްވާ ފަރާތްތަކުން ރައްކައުތެރި ކަމުގެ ފިޔަވަޅު އެޅުއްވުމަށް ދަންނަވާކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.


