ޑރ.މުޢިއްޒު ވިދާޅުވަނީ އެންމެ އިންސާފުވެރިގޮތަކީ މުވައްޒަފުން އެހެން އޮފިސްތަކަށް ބަދަލުކުރުން ކަމަށް
ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގާ ކުޑަކުދިންގެ ހިޔާގައި މަސައްކަތްކުރާ 21 މުވައްޒަފަކު އެތަނުގެ ވަޒީފާއިން ވަކިކުރި މައްސަލައިގައި މާލޭސިޓީ ކައުންސިލްގެ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ އެންމެ އިންސާފުވެރި ގޮތަކީ މުވައްޒަފުން ވަކިކުރުން ނޫންކަމަށާއި، އެހެން އޮފީސްތަކަށް ބަދަލުކުރުމަކީ އެންމެ އިންސާފުވެރިގޮތްކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.
މޭޔަރު މުޢިއްޒު މިހެން ވިދާޅުވީ، ޖެންޑާ މިނިސްޓްރީގެ 21 ސިވިލްސާވިސް މުވައްޒިފަކު ވަޒީފާއިން ކުއްލިއަކަށް ވަކިކުރުމާއި ގުޅިގެން، އެ މުވައްޒަފުންނާ ސިޓީކައުންސިލްގައި ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ.
މުޢިއްޒު ވިދާޅުވީ ޒިޔާސަތަށް އައި ބަދަލެއްގެ ސަބަބުން ވިލިމާލޭގައި މަސައްކަތްކުރާ ޖެންޑަރ މިނިސްޓްރީގެ 21 މުވައްޒަފަކު މަގުމަތިވާނޭގޮތަށް ކަންތައްކޮށްފައިވާކަމަކީ ވަރަށް ހިތާމަހުރިކަމެއްކަމަށެވެ. އެ މުވައްޒަފުން މަގުމަތިވިޔަ ނުދީ އެހެން އޮފީސްތަކަށް ބަދަލުކޮށްދިނުމަކީ އެންމެ އިންސާފުވެރިކޮށްކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް މޭޔަރު މުޢިއްޒު ވިދާޅުވިއެވެ.
ޖެންޑަރ މިނިސްޓީން މިއަދު ވަކިކުރި 21 މުވައްޒިފުންނަކީ ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި މަސައްކަތް ކުރަމުންދާ މުވައްޒިފުންނެވެ. ހިޔާގައި ތިބި ކުދިން ހުސްކުރުމަށްފަހު އެތަނުގައި މަސައްކަތް ކުރި 71 މުވައްޒަފުންނަށް މިދިޔަ ޑިސެމްބަރު މަހުގައި ނޯޓިސް ދީފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ބައެއް މުވައްޒިފުން މިހާރުވެސް ޖެންޑާގެ އެކި ވަޒީފާތަކުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. މިއަދު ވަޒީފާއިން ވަކިކުރި 21 މުވައްޒަފުންނަކީ ސިވިލްސާވިސްއުން ނިންމުނިމެއް ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފައެވެ.
އެ މުވައްޒަފުން ވަކިކުރީ ހިޔާގައި ތިބި ކުދިން އަތޮޅު ތެރޭގައި ގާއިމުކޮށްފައިވާ އަމާން ވެއްޓަށް ބަދަލު ކުރުމުން، ހިޔާގައި ކުދިން ބަލަހައްޓަން ގިނަ މުވައްޒަފުން ބޭނުންނުވާތީ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ކުއްލި ގޮތަކަށް މުވައްޒިފުން ވަކި ކުރުމާއި ގުޅިގެން އެމުވައްޒިފުންގެ ހައްގު ހޯދުމަށް ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކަށް ދިއުމަށް މަސައްކަތް ކުރަމުންދާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

