ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓު އެހެން ސަރަޙައްދަކަށް ބަދަލުކުރަނީ
މާލޭގައި އެންމެ ކާރޫބާރޫ ބޮޑު ސަރަޙައްދު ގައި ހުންނަ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓު ރޯދަމަސް ނިމުމާއެކު އެހެން ސަރަޙައްދަކަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އަހުމަދު ޒަމީރު ވިދާޅުވީ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓް އެހެން ސަރަޙައްދަކަށް ބަދަލުކުރަން ނިންމީ އެތަންތަން މަރާމާތުކުރުމަށްކަމަށެވެ. އެގޮތުން ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓް ވަގުތީ ގޮތުން ބަދަލުކުރުމަށް ނިންމާފައިވަނީ ކުރީގެ ވެސްޓް ޕާކް ހުރި ސަރަޙައްދުގައި ހަދާފައިވާ 45 ގޮޅީގެ ޖާގައިގެ މާރުކޭޓަށްކަމަށް ޒަމީރު ވިދާޅުވިއެވެ.
ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ އިތުރުން މަސް މާރުކޭޓުވެސް ތަރައްޤީކުރުމަށް ކައުންސިލުން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ރޯދަމަސް ނިމުމާއެކު ފެންވަރު ރަނގަޅު މަސްމާރުކޭޓެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
ލޯކަލް މާރުކޭޓު އަދި ދަތުރުވެރިންގެ މާރުކޭޓަކީ ގިނަ ފަރާތަކުން އެތަނަކުން ވިޔަފާރިކުރާ ތަންތަނެވެ. ވަކިން ޚާއްސަކޮށް ރޯދަމަހު މިތަންތަނުން ވިޔަފާރިކުރާ މީހުންގެ އަދަދު އިތުރުވެއެވެ. ލޯކަލް މާރުކޭޓު އަދި ދަތުރުވެރިންގެ މާރުކޭޓު މަރާމާތުކުރުމާއެކު އެކި ކަންކަމުގައި އާންމުންނަށް ލުއި ފަސޭހަވެގެންދޭނެކަމަށް ސިޓީ ކައުންސިލުން ޤަބޫލުކުރެއެވެ.



