ޚަބަރު

ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި ބަދަލު އީސީގެ ވެބްސައިޓުގައި އާންމުކުރުން ލަސްވީ އިދާރީ އޮޅުމަކުން ކަމަށް ބުނެފި

ޕީއެންސީގެ ކުރިއަށް އޮތް ކޮންގްރެސްގައި ނައިބު ރައީސުން ހޮވުމަށް ހާމަ ވޯޓެއް ނެގުމާ ގުޅޭގޮތުން އުފެދުނު ބަހުސްތަކާއެކު، އެ ޕާޓީގެ އަސާސީ ގަވާއިދަށް ގެނެސްފައިވާ އިސްލާހު އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ވެބްސައިޓުގައި އާންމުކުރުން ލަސްވެފައިވަނީ ސަމާލުކަން ނުދެވުމުގެ ސަބަބުން ކަމަށް އެ ކޮމިޝަނުން ހާމަކޮށްފިއެވެ.

އީސީގެ ވެބްސައިޓުގައި ކުރިން އޮތް އަސާސީ ގަވާއިދުގައި މަގާމުތަކަށް މީހުން އިންތިހާބުކުރަން ސިއްރު ވޯޓެއް ނަގަންޖެހޭ ގޮތަށް އޮތުމަށްފަހު، ކުއްލިއަކަށް ހާމަ ވޯޓު ނަގާ ގޮތަށް ގަވާއިދު ބަދަލުވިކަން ފާހަގަކުރެވުނީ، ޕީއެންސީގެ ކޮންގްރެސް އިންތިޒާމުކުރާ ކޮމިޓީން އަތް އުފުލައިގެން ވޯޓު ނަގަން ނިންމި ކަމަށް މީޑިއާތަކުގައި ރިޕޯޓްކުރުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އީސީގެ ތަރުޖަމާނު ހަސަން ޒަކަރިއްޔާ ވިދާޅުވީ، ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނެވުނު އިސްލާހުތައް މޭ 2025 ގައި އެ ކޮމިޝަނުން އެންޑޯޒްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ބަދަލުތައް ވެބްސައިޓަށް އަޕްލޯޑް ނުކުރެވި އޮތީ އިދާރީގޮތުން ދޭންވާ ވަރަށް ސަމާލުކަން ނުދެވުމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީގެ ކޮންގްރެސްގައި އިންތިހާބުކުރާ ނައިބު ރައީސުންގެ ހަ މަގާމަށް މިހާތަނަށް ހަތް ބޭފުޅަކު ވަނީ ވާދަކުރައްވާނެކަން އިއުލާންކުރައްވާފައެވެ. އެހެންކަމުން އެ މަގާމުތަކަށް މީހުން ހޮވުމަށް ކޮންގްރެސްގައި ވޯޓަށް އަހަންޖެހޭނެއެވެ.

ނައިބު ރައީސް ކަމަށް ވާދަކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނެނީ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދާއި، ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފާއި، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުގެ އިތުރުން ކެބިނެޓް މިނިސްޓަރުން ކަމަށްވާ އަބްދުﷲ ރާފިއު، މުހައްމަދު ސައީދު، އަހުމަދު ޝިޔާމް އަދި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާއެވެ.

މި ކޮންގްރެސްގައި ޕާޓީގެ ރައީސް އާއި ޗެއާޕާސަންގެ މަގާމަށް އިންތިހާބެއް ނޯންނާނެއެވެ. ސަބަބަކީ ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުން، ޕާޓީގެ ވެރިކަމެއް އޮންނަ އިރު ޕާޓީގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވެފައި، ޗެއާޕާސަނަކީ ރައީސް އައްޔަންކުރައްވާ ބޭފުޅަކަށްވާތީއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close