ޣައްޒާއިން އިތުރު 65 އަށްވުރެ ގިނަމީހުން ޝަހީދުކޮށްލައިފި

ހުކުރު ދުވަހުގެ ފަތިހުން ފެށިގެން އިސްރާއީލު ސިފައިން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ މަދުވެގެން 65 މީހުން ޝަހީދުވެފައިވާ ކަމަށް ސިއްހީ މައުލޫމާތު ދޭ ފަރާތްތަކުން ބުނެފިއެވެ. މީގެ ތެރޭގައި 37 މީހުން ޝަހީދުވެފައިވަނީ ޣައްޒާ ސިޓީގައެވެ. އެއީ އިސްރާއީލުން ބޮޑު އަސްކަރީ އޮޕަރޭޝަނަކަށް ތައްޔާރުވުމުގެ ގޮތުން ހަމަލާތައް ވަރުގަދަކުރަމުން އަންނަ ސަރަހައްދެކެވެ.
ޣައްޒާ ސިޓީގެ ޝެއިޚް ރަޟްވާން އަވަށުގައި ހުރި ސްކޫލަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި މަދުވެގެން 12 އާންމުން ޝަހީދުވެފައިވެއެވެ. އެ ސްކޫލަކީ ފަލަސްތީނުގެ އެތައް ސަތޭކަ ރައްޔިތުން ގޯތިތެރޭގައި ޓެންޓު ޖަހައިގެން ހިޔާވަހިކަން ހޯދަމުން ދިޔަ ތަނެކެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އިސްރާއީލުގެ ކުއަޑްކޮޕްޓަރެއް އެ ސަރަހައްދުގެ އިމާރާތެއްގެ މަތިން އުދުހެމުން ދަމުން، އެތަނަށް ގޮވާއެއް ވައްޓާލާފައިވެއެވެ. މީގެ އިތުރުން ޣައްޒާ ސިޓީގެ ތުއްފާހް އަވަށުގައި އިސްރާއީލު ސިފައިން ދިން ހަމަލާއެއްގައި އިތުރު މީހަކު ޝަހީދުވެފައިވާ ކަމަށް އަލް-އަހްލީ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
އިސްރާއީލުގެ ދިފާއީ ވަޒީރު، އިސްރާއީލް ކެޓްޒް ވަނީ ހަމާސް ޖަމާއަތުން ހަނގުރާމަ ހުއްޓާލުމުގެ ޝަރުތުތައް ގަބޫލުނުކޮށްފިނަމަ ޣައްޒާގެ އެންމެ ބޮޑު ސިޓީ ހަލާކުކޮށްލާނެ ކަމުގެ އިންޒާރު ދީފައެވެ.
“ޣައްޒާގައި ތިބި ހަމާސްގެ ގާތިލުންނާއި ރޭޕިސްޓުންގެ ބޮލަށް ނަރަކައިގެ ދޮރުތައް ވަރަށް އަވަހަށް ހުޅުވިގެންދާނެ، ހަނގުރާމަ ނިންމުމަށް އިސްރާއީލުގެ ޝަރުތުތައް އެމީހުން ގަބޫލުކުރަންޖެހޭނެ،” ކެޓްޒް އެކްސްގައި ލިޔެފައިވެއެވެ.
އިސްރާއީލުން ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅާ ޝަރުތުތަކުގެ ތެރޭގައި ހުރިހާ ރަހީނުން މިނިވަންކުރުމާއި ހަމާސްއިން ހަތިޔާރު ބެހެއްޓުން ހިމެނެއެވެ. ނަމަވެސް ހަމާސްއިން ބުނަނީ ރަހީނުން ދޫކޮށްލާނީ ހަނގުރާމަ ނިމުމަކަށް ގެނައުމުން ކަމަށާއި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުނުކޮށް ހަތިޔާރު ނުބަހައްޓާނެ ކަމަށެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން ވާހަކަތައް ފެށުމަށް އޮފިޝަލުންނަށް އަންގާފައި ކަމަށް ބުނި ނަމަވެސް، ޣައްޒާ ސިޓީ ހިފުމަށް ބޮޑު އަސްކަރީ އޮޕަރޭޝަނެއް ފެށުމުގެ ހުއްދަ ދޭނެކަންވެސް ވަނީ އޭނާ ވަނީ ކަށަވަރުކޮށްދީފައެވެ.
އަލްޖަޒީރާގެ ޚަބަރުފަތުރާ ފަރާތުން ރިޕޯޓްކުރާ ގޮތުގައި، ޣައްޒާގައި ހޭދަވަމުންދާ ކޮންމެ ދުވަހަކީ ހިތާމައާއި ވޭނުން ފުރިގެންވާ ދުވަހެކެވެ. ފަލަސްތީނުގެ ރައްޔިތުންނަށް މި ހަމަލާތަކުން ދޭ ސާފު މެސެޖަކީ، އެމީހުން ކޮންމެ ތަނަކަށް ދިޔަޔަސް ޣައްޒާގެ އެއްވެސް ސަރަހައްދެއް އިސްރާއީލުގެ ހަމަލާތަކުން ސަލާމަތްވެފައި ނުވާކަން، ކަމަށް އެ ފަރާތުން ބުނެއެވެ.
ޣައްޒާގެ އެހެން ސަރަހައްދުތަކަށްވެސް ހަމަލާތައް އަމާޒުވަމުންދެއެވެ. ދެކުނުގެ ޚާން ޔޫނިސްގައި ޓެންޓަކަށް އިސްރާއީލުގެ ޑްރޯނަކުން ދިން ހަމަލާއެއްގައި އަންހެނަކާއި ހަތަރު ކުޑަކުދިން ޝަހީދުވެފައިވެއެވެ. އަދި އުތުރުގެ ޖަބާލިއާ އަލް-ބަލަދު ސަރަހައްދަށް ދިން ހަމަލާއެއްގައި އިތުރު މީހަކު ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވެފައިވެއެވެ.
ހުކުރު ދުވަހު ޝަހީދުވި މީހުންގެ ތެރޭގައި އެހީ ހޯދުމަށް މަސައްކަތް ކުރަމުން ދިޔަ ހަ މީހަކު ހިމެނެއެވެ. މީގެތެރެއިން އެކަކު ޝަހީދުވީ މެދުތެރޭ ޣައްޒާގެ ނެޓްޒަރިމް ކޮރިޑޯ ކައިރިން އިސްރާއީލު ސިފައިން ބަޑިޖެހުމުގެ ސަބަބުންނެވެ.
މި ހަމަލާތައް އިތުރުވެފައި މިވަނީ، އދ. ގެ އެހީގައި ހިންގާ ބައިނަލްއަގްވާމީ ކާބޯތަކެތީގެ އިދާރާއަކުން އުތުރު ޣައްޒާގައި ބަނޑުހައިހޫނުކަން އާންމުވެފައިވާ ކަމަށް އިޢުލާންކޮށްފައި ވަނިކޮށެވެ. މޭ 27 އިން ފެށިގެން އެހީ ބެހުމަށް އިސްރާއީލުން ތައާރަފްކުރި އާ ނިޒާމުގެ ދަށުން، އެހީ ހޯދަމުންދިޔަ މަދުވެގެން 2,036 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން އަންދާޒާކުރެއެވެ.


